އެޓްލާންޓިކް ކަނޑުގައި ދަތުރުކުރަމުންދިޔަ ކްރޫޒް ޝިޕެއްގައި ހެންޓާވައިރަސް ފެތުރިފައިވާ ކަމަށް ބެލެވޭ ހާދިސާއެއްގައި 3 މީހަކު މަރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އާދީއްތަ ދުވަހު ހާމަކޮށްފިއެވެ. މި ބަލީގައި އިތުރު 3 މީހަކު ބަލިވެފައިވާއިރު، އޭގެ ތެރެއިން އެކަކަށް މިހާރު ދަނީ ދެކުނު އެފްރިކާގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.
ޑަބްލިއުއެޗްއޯ އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި މިހާތަނަށް އެކަކަށް މި ވައިރަސް ޖެހިފައިވާކަން ވަނީ ޔަގީން ކުރެވިފައެވެ. އަދި އިތުރު 5 މީހަކަށް މި ބަލި ޖެހިފައިވާ ކަމަށް ލަފާކުރެވޭތީ އެކަމުގެ ތަހުގީގުތައް މިހާރު ދަނީ ކުރިއަށެވެ. ނަމަވެސް، އެއީ ކޮން ކުންފުންޏެއްގެ ކޮން އުޅަނދެއް ކަމެއް ނުވަތަ އެ އުޅަނދު ދަތުރު ފެށީ ކޮން ބަނދަރަކުން ކަމެއް ޑަބްލިއުއެޗްއޯ އިން ހާމައެއް ނުކުރެއެވެ.
ހެންޓާވައިރަސް އަކީ އާންމުގޮތެއްގައި މީދަލުގެ ނަޖިހުން ވައިގެ ތެރެއަށް ބޭރުވާ ޕާޓިކަލްތައް އިންސާނުންގެ ނޭވާލާ ނިޒާމަށް ދިއުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި އެކަކު ގައިން އަނެކަކު ގަޔަށް މި ބަލި ފެތުރުމަކީ ވަރަށް ނާދިރު ކަމެކެވެ. އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނާ ގޮތުގައި މި ބަލީގެ ސަބަބުން ފުއްޕާމެޔަށް ސީރިއަސް މައްސަލަތައް ކުރިމަތިވެ، ހުން އައުމާއި، މަސްތަކުގައި ރިއްސުމާއި، ބަނޑުގެ މައްސަލަތަކުގެ އިތުރުން ފުއްޕާމޭގައި ފެން ހެދުން ފަދަ ނުރައްކާތެރި ހާލަތްތައް މެދުވެރިވެއެވެ.
އުޅަނދުގައި ތިބި ބާކީ ތިބި ފަސިންޖަރުންނާއި ފަޅުވެރިންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެއެވެ. އަދި ބަލީގެ އަލާމާތްތައް ފެނުނު 2 ފަސިންޖަރަކު އިތުރު ފަރުވާއަށްޓަކައި މިހާރު ވަނީ އުޅަނދުން ބާލައިގެން ގެންގޮސްފައެވެ.


