މިސްރުގެ އާބާދީ އިތުރުވަމުންދިއުމާ ގުޅިގެން ނީލް ކޯރުގެ ފެނަށް އޮތް ބަރޯސާ ކުޑަކޮށް، ފެނުގެ ވަސީލަތްތައް އިތުރުކުރުމަށްޓަކައި އެ ގައުމުގެ ސަރުކާރުން ނީލް ކޯރުގެ ބަދަލުގައި ބޭނުންކުރާނެ ވަސީލަތްތައް ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ހަލުވިކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދެނީ ކަނޑުގެ ފެން މީރުކުރާ ޕްލާންޓްތައް ގާއިމުކުރުމަށެވެ.
މިސްރުގެ ހައުސިންގް އެންޑް ޔުޓިލިޓީޒް މިނިސްޓަރު ރަންދާ އަލްމުންޝާވީ ދާދިފަހުން ވަނީ ޔޫއޭއީގެ ކުންފުންޏަކާ ބައްދަލުކުރައްވައި، ޕްރައިވެޓް ސެކްޓަރާ ގުޅިގެން ފެން މީރުކުރާ ނިޒާމުތައް ގާއިމުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ސަރުކާރުގެ އަމާޒަކީ 2050 ވަނަ އަހަރާ ހަމައަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން، އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، ފެން މީރުކުރާ ޕްލާންޓްތައް ގައުމުގެ އެކި ސަރަހައްދުތަކުގައި ފެތުރުމެވެ.
މީގެ އިތުރުން، އެފްރިކަން ޑިވެލޮޕްމަންޓް ބޭންކާއެކު މިސްރުން ވަނީ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގެ ދަށުން އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެން މީރުކުރާ ފަސް ޕްލާންޓެއް ހަތަރު ގަވަރުނޭޓެއްގައި ގާއިމުކުރުމަށް ބޭނުންވާ ފަންނީ ދިރާސާތައް ކުރިއަށްދާނެއެވެ. މިއީ ގައުމުގެ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މިސްރުގެ ބާރު ފަނޑުވެ ސިސީގެ ވެރިކަމުގައި މިސްރު ކުޑަ ގައުމަކަށް ވެފައިވާއިރު އިތިއޯޕިއާއިން ވަނީ ބޮޑު ޑޭމެއް ބިނާކޮށް ނީލް ކޯރުގެ ކޮންޓްރޯލު ނަގާފައެވެ. އެކަމަށް އެހީވެ ދިނީ އިސްރާއީލުންނެވެ. މިސްރުން މިހާތަނަށް ދިޔައީ އިތިއޯޕިއާއާ ދެކޮޅަށް މިމައްސަލާގައި ބޮޑު ބަސް ބުނަމުންނެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިސްރަށް އަހަރަކު 114 ބިލިއަން ކިއުބިކް މީޓަރުގެ ފެން ބޭނުންވާއިރު، މިހާރު ލިބެން ހުރީ ގާތްގަނޑަކަށް 59.60 ބިލިއަން ކިއުބިކް މީޓަރެވެ. މީގެ ތެރެއިން 55.50 ބިލިއަން ކިއުބިކް މީޓަރަކީ ނީލް ކޯރުގެ ފެނެވެ. މި ބޮޑު ފަރަގު ކުޑަކުރުމަށްޓަކައި މިހާރުވެސް މިސްރުގައި 129 ފެން މީރުކުރާ ޕްލާންޓް ހިންގަމުންދާއިރު، އިތުރު 19 ޕްލާންޓެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ބޮޑުވަޒީރު މުސްތަފާ މަދުބޫލީ ވިދާޅުވި ގޮތުގައި ފެނުގެ ރައްކާތެރިކަމަކީ ދައުލަތުގެ އެންމެ އިސް އެއް ސިޔާސަތެވެ. އާބާދީ އިތުރުވުމާއި ތަރައްގީގެ މަޝްރޫއުތަކަށް ބަލާއިރު، ފެން މީރުކުރާ ނިޒާމުތައް ފުޅާކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ސަރުކާރުން ދަނީ މި ދާއިރާއިން މަސައްކަތްކުރާ ބައިނަލްއަގުވާމީ ކުންފުންޏަކަށް އެކި ކަހަލަ ލުއިތަކާއި ހިތްވަރު ދިނުމުގެ އިނާޔަތްތައް ދިނުމަށް ތައްޔާރުވަމުންނެވެ.





