އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ހިންގަމުންދާ "ފަނާކުރަނިވި" އަމަލުތަކުގެ ސަބަބުން ނުކުމެދާނެ ނަތީޖާތަކާ މެދު ސަމާލުވުމަށް ބުނެ އިރާނުން އަބޫދާބީއަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. އިރާނުން މި އިންޒާރު ދީފައިވަނީ ޔޫއޭއީގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައި އޮތުމަކީ ސަރަޙައްދީ ސުލްހައާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެއެވެ.
އިރާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި، އިރާނާ ދެކޮޅުވެރި ފަރާތްތަކާ ގުޅިގެން އަބޫދާބީގެ ވެރިން ހިންގަމުންދާ އަމަލުތައް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ޚާއްޞަކޮށް ބޭރުގެ އަސްކަރީ ބާރުތަކާއި އާލާތްތަކަށް ޔޫއޭއީން ފުރުޞަތު ދީގެން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ސަރަޙައްދީ މަސްލަހަތަށް ނުރައްކާތެރި އަސަރުތަކެއް ކުރާނެ ކަމުގެ އިންޒާރު އެ މިނިސްޓްރީން ވަނީ ދީފައެވެ.
އިރާނުގެ ގައުމީ ސަލާމަތާއި މަސްލަހަތު ދިފާއުކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގައި އެގައުމުން ފަސްނުޖެހޭނެ ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ފާއިތުވި ދުވަސްތަކުގައި އިރާނުން ޔޫއޭއީއަށް އަމާޒުކޮށް މިސައިލް ނުވަތަ ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށް ދެކެވޭ ވާހަކަތައް އިރާނުގެ އަސްކަރީ މަރުކަޒެއް ކަމަށްވާ 'ޚާތަމުލްއަންބިޔާ' އިން ވަނީ ސާފުކޮށް ދޮގުކޮށްފައެވެ. ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ނެރުނު ރިޕޯޓަކީ އެއްވެސް އަސާސެއް ނެތް، ބަލައި ނުގަނެވޭނެ ހޮޅި ރިޕޯޓެއް ކަމަށްވެސް އެ މަރުކަޒުން ބުނެފައިވެއެވެ.
އިރާނުން އިތުރަށް ބުނި ގޮތުގައި، އެގައުމުން މިހާތަނަށް މަސައްކަތް ކުރަމުން އައީ އިސްލާމީ އުންމަތުގެ އަޚުންނާއި އުޚުތުންގެ ސަލާމަތަށްޓަކައި ފިތުނަ އުފެދޭނެ ކަންކަމުން ދުރުހެލިވުމަށެވެ. ނަމަވެސް، އިސްލާމީ އުންމަތުގެ ދުޝްމަނުންނަށް އެހީތެރިވެ، ސަރަޙައްދީ މަސްލަހަތު ނަގާލުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް އިރާނުން ވަނީ ހަނދާންކޮށްދީފައެވެ.
ޔޫއޭއިއަކީ ލީބިޔާއާއި ސޫދާނާއި ސޯމާލިއާއާއި މިސްރާއި އީރާން ފަސާދަކުރުމުގެ އަޑީގައި އޮތް ގައުމުކަމަށް އަރަބިން ތުހުމަތު ކުރެއެވެ.





