ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާއެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މިއަދު މަރުވެއްޖެއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދިޔަ ސްޕެއިންއަށް ނިސްބަތްވާ އުމުރުން 53 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިއަދުގެ މެންދުރު 12:57 އެހައިކަންހާއިރު ކަމަށެވެ. އެ މީހާ ގެނބިގެން ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ ގދ. ވާދޫ ސިއްހީ މަރުކަޒަށެވެ. ނަމަވެސް، "އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް" އެ މަރުކަޒާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


