ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އައިސްފައިވާ ބަދަލުތަކާއި ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސް އެޅުމުގެ ސަބަބުން، މިސްރުގެ ގަސްކާނާ އުފައްދާ ކުންފުނިތަކަށް ބޮޑު ފައިދާއެއް ލިބެން ފަށައިފިއެވެ. ޔޫރިއާގެ އަގު ބޮޑުވުމާ ގުޅިގެން މިސްރަށް ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވެ، މިއީ ގައުމުގެ އިގްތިސާދަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
ދުނިޔޭގައި ޔޫރިއާ ވިޔަފާރީގެ 45 އިންސައްތަ އަންނަނީ ގަލްފުގެ ގައުމުތަކުންނެވެ. ނަމަވެސް ހުރްމުޒް ކަނޑުއޮޅީގެ މައްސަލަތަކާ ހެދި އެ ސަރަހައްދުން ޔޫރިއާ އެކްސްޕޯޓް ކުރުން ގާތްގަނޑަކަށް ހުއްޓުމަކަށް އައުމުން، މާޗް މަހުގެ ފަހުން ޔޫރިއާގެ އަގު ވަނީ 110 އިންސައްތަ އުފުލިފައެވެ. "މިސްރަކީ މި ބަދަލުތަކުން އެންމެ ބޮޑު ފައިދާއެއް ކުރާނެ އެއް ގައުމު،" ކަމަށް އީއެފްޖީ ހާމްސްގެ ކެމިކަލްސް ޑިވިޝަންގެ ހެޑް ޔޫސުފް ހުސައިނީ ވިދާޅުވިއެވެ.
މިސްރުން އަހަރަކު 3 މިލިއަން ޓަނަށްވުރެ ގިނަ ޔޫރިއާ އެކްސްޕޯޓް ކުރާއިރު، މިހާރު ހުރި އަގުތަކަށް ބަލާއިރު މިއަހަރު އެކަނިވެސް 2 ބިލިއަނާއި 2.5 ބިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވެއެވެ. މިއީ މިދިޔަ އަހަރު މުޅި ސިނާއަތުން ލިބުނު ޖުމްލަ އާމްދަނީއަށްވުރެ ވެސް އިތުރު އަދަދެކެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް މިސްރުގެ ގަސްކާނާ އެކްސްޕޯޓް ވަނީ 3 އިންސައްތަ އިތުރުވެ، 838 މިލިއަން ޑޮލަރަށް އަރާފައެވެ.
އިންޑިއާގެ ބާޒާރަށް އޮތް ޑިމާންޑް
ދުނިޔޭގައި އެންމެ ގިނައިން ޔޫރިއާ އިމްޕޯޓްކުރާ އިންޑިއާއަށް މިސްރުން ކުރާ އެކްސްޕޯޓް ވަނީ 140 އިންސައްތަ އިތުރުވެފައެވެ. އިންޑިއާއިން ދާދިފަހުން ހުޅުވާލި 2.5 މިލިއަން ޓަނުގެ ބޮޑު ބިޑެއްގެ 15 އިންސައްތަ ކާމިޔާބުކޮށްފައިވަނީ މިސްރުގެ 6 ކުންފުންޏަކުންނެވެ. މީގެ އިތުރުން މިސްރުގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ގައުމުން އަހަރަކު 17.9 މިލިއަން ޓަނުގެ ގަސްކާނާ އުފައްދައެވެ.
މިސްރުގެ ގަސްކާނާ އުފައްދާ 18 ކާރުހާނާގެ ތެރެއިން ގިނަ ތަންތަނަކީ ސަރުކާރުގެ ހިއްސާ އޮންނަ ތަންތަނެވެ. އެހެންކަމުން އެކްސްޕޯޓް އިތުރުވުމުން ލިބޭ ޑޮލަރުގެ އިތުރުން، ޓެކްސްގެ ގޮތުގައާއި ގުދުރަތީ ގޭސް ވިއްކައިގެން ލިބޭ އާމްދަނީ ވެސް ވަނީ އިތުރުވެފައެވެ. ސަރުކާރުން ވަނީ މި މަހުން ފެށިގެން ގަސްކާނާ އެކްސްޕޯޓް ކުރާ ކުންފުނިތަކުގެ އަތުން ޓަނަކަށް 90 ޑޮލަރުގެ ފީއެއް ނަގަން ވެސް ނިންމާފައެވެ.
ކުންފުނިތަކުގެ ފައިދާއަށް ބައެއް ގޮންޖެހުންތައް ހުރި ނަމަވެސް، ދުނިޔޭގެ ބާޒާރުގައި އަގުތައް ހުރި މިންވަރަށް ބަލާއިރު، ކުރިއަށް އޮތް ތަނުގައި ވެސް މިސްރުގެ ގަސްކާނާ ސިނާއަތަކީ އެ ގައުމުގެ އިގްތިސާދުގެ މައި އެއް ތަނބަށް ވާނެ ކަމަށް މާހިރުން ލަފާކުރެއެވެ.





