22 އަހަރަށްފަހު ނަޕޯލީ ވިއްކާލުމަށް އެމެރިކާގެ ކުންފުންޏަކުން ހުށަހަޅައިފި

އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ނާޕޯލީ، އެމެރިކާގެ އިންވެސްޓްމަންޓް ގްރޫޕަކުން ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ. މި ކްލަބަކީ ފާއިތުވި 22 އަހަރު އައުރެލިއޯ ޑި ލައުރެންޓިސްގެ އާއިލީ މިލްކިއްޔާތުގެ ދަށުގައި އޮތް ކްލަބެކެވެ.

ދި އެތުލެޓިކް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ކްލަބް ގަތުމަށް މަޝްވަރާ ކުރަމުންދަނީ އެމެރިކާގެ އަންޑަރޑޯގް ގްލޯބަލް ޕާޓްނާސް އިންނެވެ. އެ ކުންފުންޏުން މި ކްލަބް ގަތުމަށް ހުށަހަޅާފައިވަނީ 2 ބިލިއަން ޑޮލަރުގެ ބޮޑު އަދަދެކެވެ. މިއީ ޑި ލައުރެންޓިސް ބިނާކޮށްފައިވާ ވަރުގަދަ ބިންގަލުގެ މައްޗަށް ކްލަބް އިތުރަށް ކުރިއެރުވުމަށް ހުށަހެޅި ހުށަހެޅުމެކެވެ.

ޑި ލައުރެންޓިސް ނަޕޯލީއާ ހަވާލުވީ 2004 ވަނަ އަހަރު އެ ކްލަބް ބަނގުރޫޓުވެ، އިޓަލީގެ ތިންވަނަ ޑިވިޝަނަށް ރެލިގޭޓްވެފައި ވަނިކޮށެވެ. އޭނާގެ ބުރަ މަސައްކަތުން ކްލަބް އަލުން އިއާދަކޮށް، 2023 ވަނަ އަހަރު ވަނީ 33 އަހަރަށްފަހު އިޓަލީގެ ލީގު ކާމިޔާބުކޮށްދީފައެވެ. އަދި 2025 ވަނަ އަހަރުވެސް އެ ކްލަބުން ވަނީ މި ކާމިޔާބީ ތަކުރާރުކޮށްފައެވެ.

ނަޕޯލީ ވިއްކާލުމުގެ ވިސްނުމެއް ނެތް ކަމަށް ކްލަބުން ބުނަމުންދިޔަ ނަމަވެސް، މަޝްވަރާތައް ކުރިއަށްދާތާ 6 މަސް ދުވަސް ވެފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ. އެމެރިކާގެ ކުންފުނިން ހުށަހަޅާފައިވާ ޕްލޭންގެ ދަށުން ޑިއޭގޯ އަރްމަންޑޯ މަރަޑޯނާ ސްޓޭޑިއަމް އިތުރަށް ތަރައްގީކޮށް، އަމިއްލަ މިލްކިއްޔާތަކަށް ބަދަލުކުރުން ހިމެނެއެވެ.

މީގެ އިތުރުން، މި އިންވެސްޓްމަންޓްގެ ދަށުން ނަޕޯލީގައި ފުޓްބޯޅައިގެ އިތުރުން ބާސްކެޓްބޯޅަ ޓީމެއް އުފައްދައި، 2027 ވަނަ އަހަރުގެ ނިޔަލަށް އެމެރިކާގެ އެންބީއޭއާ ގުޅިގެން އުފައްދާ ޔޫރަޕްގެ އާ ލީގެއްގައި ބައިވެރިވުމަށްވެސް ވަނީ ރާވާފައެވެ.

މި މުއާމަލާތް ކާމިޔާބުވެއްޖެނަމަ، ޑި ލައުރެންޓިސްއަށް ބޮޑު ފައިދާއެއް ލިބޭނެއެވެ. ސަބަބަކީ އޭނާ މި ކްލަބް ގަނެފައިވަނީ މިހާރު ހުށަހަޅާފައިވާ އަގުގެ 2 އިންސައްތައަށްވުރެވެސް ކުޑަ އަދަދަކަށް ކަމަށްވާތީއެވެ.

ހިއްސާ ކުރައްވާ!