ސެލްޓާ ވީގޯ ޔޫރޮޕާ ލީގަށް ކޮލިފައިވެ، ގެޓާފޭ ކޮންފަރެންސް ލީގުން ޖާގަ ހޯދައިފި

ސްޕެނިޝް ލީގުގެ ފަހު ހަފުތާގައި ކުޅުނު މެޗުން ސެވިލާ އަތުން 1-0 އިން މޮޅުވެ، އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ސެލްޓާ ވީގޯ ޖާގަ ކަށަވަރުކޮށްފިއެވެ. މި މޮޅާއެކު ސެލްޓާ ވީގޯ ވަނީ ތާވަލުގެ ހަވަނަ މަގާމުގައި ސީޒަން ނިންމާލާފައެވެ.

ސެލްޓާ ވީގޯއަށް މި މުހިންމު މޮޅު ހޯދައިދިނީ މެޗުގެ 50 ވަނަ މިނެޓުގައި ގީނީގެ މިޑްފީލްޑަރު އިލިއާސް މޮރީބާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ކާމިޔާބީއާއެކު އެ ޓީމު ވަނީ ކިންގްސް ކަޕްގެ ޗެމްޕިއަން ރެއާލް ސޮސިއެދާދާއެކު ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދާފައެވެ. މީގެ އިތުރުން، ކޮންފަރެންސް ލީގުގެ ފައިނަލުގައި ކްރިސްޓަލް ޕެލަސް ބަލިކޮށްފިނަމަ ރަޔޯ ވަޔެކާނޯއަށްވެސް މި މުބާރާތުން ޖާގަ ލިބުމުގެ ފުރުސަތު އެބައޮތެވެ.

ރޭގެ އަނެއް މެޗުގައި އޮސަސޫނާ އަތުން 1-0 އިން މޮޅުވެ، ގެޓާފޭ ވަނީ 2026-2027 ވަނަ އަހަރުގެ ޔޫރޮޕާ ކޮންފަރެންސް ލީގުން ޖާގައެއް ކަށަވަރުކޮށްފައެވެ. މި މެޗުގެ ހަމައެކަނި ލަނޑު 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލުއިސް މިއާއެވެ. ގެޓާފޭ ސީޒަން ނިންމާލީ 51 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ.

މި ސީޒަނުގެ ސްޕެނިޝް ލީގުގެ ނަތީޖާތަކަށް ބަލާއިރު، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ސްޕޭނުން ވާދަކުރާނީ ބާސެލޯނާ، ރެއާލް މެޑްރިޑް، އެތުލެޓިކޯ މެޑްރިޑް، ވިޔަރެއާލް އަދި ރެއާލް ބެޓިސްއެވެ. ސެލްޓާ ވީގޯ 54 ޕޮއިންޓާއެކު ހަވަނައިގައި އޮތްއިރު، މިއީ އެ ޓީމުން ފަހުގެ ތާރީޚެއްގައި ޔޫރަޕުގެ މުބާރާތަކުން ޖާގަ ހޯދި މުހިންމު ކާމިޔާބީއެކެވެ.

ހިއްސާ ކުރައްވާ!