"ވިޒިޓް މޯލްޑިވްސް ޓު ޝޯކޭސް ދަ ބެސްޓް އޮފް މޯލްޑިވިއަން ކަލްޗާ ދިސް ޢީދު" ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތުގެ ދަށުން، ޙައްޖު ދުވަހުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރ. މީދޫގެ ޢީދު ހަރަކާތްތައް ލައިވްކޮށް ގެނެސްދޭނެއެވެ. މިއީ ދިވެހިރާއްޖޭގެ މުއްސަނދި ސަގާފަތާއި އާދަކާދަތައް ބައިނަލްއަގުވާމީ ދުނިޔެއަށް ދައްކާލުމުގެ ގޮތުން، މި އަހަރުގެ ޢީދު ފާހަގަކުރަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އިން ރ. މީދޫގައި ހިންގާ ޚާއްސަ ކެމްޕޭނެކެވެ.
މި ކެމްޕޭނުގައި މީދޫގެ ގިނަ ސަގާފީ ކުޅިވަރުތަކެއް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ޢީދުގެ ކުޅިވަރުތައް ފެށުމުގެ ކުރިން ރަށުގެ އިސްރަށްވެހިންނާއި ވެރިންގެ ކިބައިން ހުއްދަ ހޯދުމަށް ކުރިއަށްގެންދާ ޒަމާންވީ އާދައެއް ކަމަށްވާ "ވެދުމާ ދިޔުން" އެވެ. މީގެ އިތުރުން، ދިވެހިންގެ ކަނޑުމަތީގެ ދިރިއުޅުމާ ގުޅިފައިވާ "ބޮޑުމަސް" ދުއްވުމާއި، "މާލި ނެށުން" އަދި "ކޯޑި ކެނޑުން" ފަދަ ހަރަކާތްތައް ވެސް މި ކަވަރޭޖުން ފެންނާނެއެވެ.
މިއީ ރާއްޖޭގެ މަޝްހޫރު ލަގްޒަރީ ފަތުރުވެރިކަމުގެ އިތުރުން، ދިވެހިންގެ އަސްލު ޖަޒީރާ ދިރިއުޅުމާއި ސަގާފީ އާދަކާދަތައް ފަތުރުވެރިންނަށް ތަޖުރިބާކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ވިޒިޓް މޯލްޑިވްސްއިން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މި ފަސް ދުވަހުގެ ކަވަރޭޖުގައި ވިޒިޓް މޯލްޑިވްގެ ޓީމުތަކުން މީދޫގައި ހަރަކާތްތެރިވާނެއެވެ. އަދި އެ ކޯޕަރޭޝަނުގެ ސޯޝަލް މީޑިއާ މަންސަތަކާއި ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް، ޢީދުގެ އުފާވެރި މާހައުލާއި، މުޖުތަމައުގެ އެއްބައިވަންތަކަން ދައްކުވައިދޭ މަންޒަރުތައް ވަގުތުން ގެނެސްދޭނެއެވެ.
މި ލައިވް ކަވަރޭޖަށް ފަހު ވެސް ވިޒިޓް މޯލްޑިވްސްއިން އަންނަ މަހުން ފެށިގެން އެ ކޯޕަރޭޝަނުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް މީދޫގެ ޢީދު ހަރަކާތްތަކުގެ ތަފުސީލީ ވީޑިއޯތަކާއި، ރަށުގެ ރައްޔިތުންގެ އިންޓަވިއުތަކާއި، ސަގާފީ ވާހަކަތައް ހިމެނޭ ދިގު ކޮންޓެންޓްތައް އާންމުކުރަން ފަށާނެއެވެ. މިއީ ރާއްޖެއަކީ ހަމައެކަނި މޫދު ރީތި މަންޒިލެއްގެ ބަދަލުގައި، މުއްސަނދި ސަގާފަތެއް އޮތް ގައުމެއްގެ ގޮތުގައި ދުނިޔެއަށް އިޝްތިހާރުކުރުމަށް ވީއެމްސީން ފަށާފައިވާ ދިގު މުއްދަތުގެ ސްޓްރެޓެޖީގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.



