ޗެމްޕިއަންސް ލީގު ފައިނަލަށް ތައްޔާރުކަން އުސްމާން ޑެމްބެލޭ ކަށަވަރުކޮށްދީފި

އަންނަ ހަފުތާގައި އާސެނަލްއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށް އޭނާ ފިޓްވާނެ ކަމުގެ ޔަގީންކަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ފޯވާޑް އުސްމާން ޑެމްބެލޭ އެ ކްލަބުގެ ސަޕޯޓަރުންނަށް ދީފިއެވެ.

ބުޑަޕެސްޓުގައި އަންނަ ހޮނިހިރު ދުވަހު އިނގިރޭސި ޗެމްޕިއަނުންނާ ދެކޮޅަށް ކުޅޭ މުހިންމު މެޗުގެ ކުރިން ފްރާންސްގެ އެމް6 ޗެނަލަށް ދިން އިންޓަވިއުއެއްގައި ޑެމްބެލޭ ބުނީ އޭނާގެ ސިއްހީ ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. "އަހަރެންގެ ހާލު ރަނގަޅު، މިދިޔަ އާދީއްތަ ދުވަހަށްވުރެ މާ ބޮޑަށް ވެސް ރަނގަޅު. ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއް އޮތް ނަމަވެސް، ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށް ޑޮކްޓަރު ވަނީ ޔަގީންކޮށްދީފައި،" ޑެމްބެލޭ ބުންޏެވެ.

ފްރާންސްގެ ހުނަރުވެރި ފޯވާޑް އިތުރަށް ބުނީ އޭނާގެ ފައިގެ ފަލަމަސްގަނޑަށް ކުޑަ އަނިޔާއެއް ލިބުނު ކަމަށާއި، ނަމަވެސް އެއްވެސް ރިސްކެއް ނަގަން ބޭނުންނުވީ ކަމަށެވެ. "މި މަހުގެ 30 ވަނަ ދުވަހު އޮންނަ މެޗަށް އަހަރެން ހުންނާނީ ތައްޔާރަށް، އެކަމާ ކަންބޮޑުނުވޭ،" އޭނާ ބުންޏެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޑެމްބެލޭ މާދަމާ އަންގާރަ ދުވަހު ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާނެއެވެ. އަދި އޭނާގެ ޓީމު ބައިވެރިޔާ މޮރޮކޯގެ އަޝްރަފް ހަކީމީ ބުދަ ދުވަހު ފަރިތަކުރުންތަކަށް އެނބުރި އަންނާނެ ކަމަށް ބެލެވެއެވެ.

މި ސީޒަނުގައި ޑެމްބެލޭ ވަނީ ޕީއެސްޖީއަށް ހުރިހާ މުބާރާތެއްގައި 38 މެޗު ކުޅެދީ، 19 ގޯލު ޖަހައި 11 އެސިސްޓް ހަދާފައެވެ. މީގެ ތެރެއިން 7 ގޯލާއި 2 އެސިސްޓް އޭނާ ހާސިލްކޮށްފައިވަނީ ޗެމްޕިއަންސް ލީގުގައެވެ.

ހިއްސާ ކުރައްވާ!