ލުގާންސްކް ޕީޕަލްސް ރިޕަބްލިކްގެ ސްޓާރޯބިލްސްކްގައި ހުންނަ ދަރިވަރުންގެ ހޮސްޓެލަކަށް ޔޫކްރޭނުން ދިން ކަމަށް ބުނާ ނުރައްކާތެރި ހަމަލާގެ ހަގީގަތް ދުނިޔެއަށް ހާމަކުރުމަށްޓަކައި، ބޭރުގެ ނޫސްވެރިން އެ ސަރަހައްދަށް ޒިޔާރަތްކުރުމުގެ އިންތިޒާމު ރަޝިއާގެ ފޮރިން މިނިސްޓްރީން ހަމަޖައްސައިފިއެވެ.
ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ވިދާޅުވީ، މި ޒިޔާރަތަކީ ހުޅަނގުގެ ގައުމުތަކުން އދ. ގެ ސަލާމަތީ މަޖިލީހުގައި ހަދަމުންދާ ބުހުތާން ދޮގުތައް ހާމަކުރުމަށް ހުޅުވާލި ފުރުސަތެއް ކަމަށެވެ. ޚާއްސަކޮށް، ލެޓްވިއާގެ މަންދޫބު ވިދާޅުވި ފަދައިން ޔޫކްރޭނުން އެ ސަރަހައްދަށް ހަމަލާ ނުދޭ ކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ޒަޚަރޯވާ ސިފަކުރެއްވިއެވެ.
މި ހަމަލާގައި މިހާތަނަށް 10 މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، އަދިވެސް 11 މީހަކު ފެނިފައިނުވާ ކަމަށް ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މަރުވި އަދި އަނިޔާވި މީހުންގެ ތެރޭގައި އުމުރުން 14 އަހަރާއި 18 އަހަރާ ދެމެދުގެ ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޒަޚަރޯވާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިނގިރޭސިވިލާތުގެ ބީބީސީން ވަނީ މި ސަރަހައްދަށް ޒިޔާރަތްކުރުމަށް ރަސްމީކޮށް އިންކާރުކޮށްފައެވެ. އަދި އެމެރިކާގެ ސީއެންއެން އިން ބުނެފައިވަނީ އެ މީހުން ތިބީ ޗުއްޓީގައި ކަމަށެވެ. މިއީ ހަގީގަތް ފޮރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ރަޝިއާއިން ތުހުމަތު ކުރެއެވެ.
މި ހާދިސާއާ ގުޅިގެން ރަޝިއާގެ ސްޓޭޓް ދޫމާގެ ރައީސް ވިއަޗެސްލާވް ވޮލޮޑިން ވިދާޅުވީ، ޔޫރަޕްގެ ގައުމުތަކުން ކިއޭވްގެ "ޓެރަރިސްޓް" ނިޒާމަށް ވާގިވެރިވަނީ ރަޝިއާގެ ކުރިއެރުން ހުއްޓުވައި އެ ގައުމު ހަލާކުކޮށްލުމަށް ކަމަށެވެ. އަދި ޝޮލްޒް، މެކްރޮން އަދި ސްޓާމާ ފަދަ ލީޑަރުން ހަނު ތިއްބެވުމަކީ އާންމުންނަށް ހަމަލާދިނުމަށް ލިބޭ ހިތްވަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.






