ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މި އަންނަ ހޮނިހިރު ދުވަހު ހަންގޭރީގެ ބުޑަޕެސްޓްގައި އާސެނަލް އާއި ޕީއެސްޖީ ބައްދަލުކުރާ މެޗާ ދިމާކޮށް، އެ ސިޓީގެ ސަލާމަތީ ކަންކަން އެންމެ މަތީ ދަރަޖައަށް ވަރުގަދަކޮށްފިއެވެ. ބުޑަޕެސްޓްގެ ޕުސްކަސް އެރީނާގައި ކުޅޭ މި މެޗަށް ދެ ޓީމުގެ އެތައް ހާސް ސަޕޯޓަރުންނެއް ޖަމާވާނެ ކަމަށް ބެލެވޭތީ، ހަމަނުޖެހުމެއް ހިނގައިފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ފުޓް މާކާޓޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މެޗުގެ ޓިކެޓް ނެތް ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ބުޑަޕެސްޓަށް ދާނެ ކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ދަނޑު ހިމެނޭ ސަރަހައްދުގެ އިތުރުން، އާންމު ދަތުރުފަތުރުގެ ނިޒާމާއި ސިޓީގެ މެދުތެރޭގައި ސަލާމަތީ ބާރުތަކުން ދަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިއީ ސަޕޯޓަރުން އެއްވާ ސަރަހައްދުތަކުގައި ހަމަނުޖެހުން ހިނގިޔަ ނުދިނުމަށް އަޅާ ފިޔަވަޅުތަކެކެވެ.
ޕީއެސްޖީގެ ބައެއް ސަޕޯޓަރުން މީގެ ކުރިން ޗެމްޕިއަންސް ލީގުގެ މެޗުތަކަށްފަހު ހަމަނުޖެހުން ހިންގާފައިވާކަން ފްރާންސްގެ މީޑިއާ ވަނީ ފާހަގަކޮށްފައެވެ. ހަމައެއާއެކު، އާސެނަލްގެ ސަޕޯޓަރުން ވެސް މި ސީޒަނުގައި ރަށުން ބޭރުގައި ކުޅުނު ބައެއް މެޗުތަކުގައި ފުލުހުންނާ ކުރިމަތިލުންތަކެއް ހިންގާފައިވާތީ، ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ކުރިމަތިލުމެއް ހިނގުމުގެ ފުރުސަތު ބޮޑު ކަމަށް ވަނީ ބެލެވިފައެވެ.
ހަންގޭރީގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހު ބުޑަޕެސްޓްގެ މަގުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި، ކާރުތަކުގައި ރޯކުރުމާއި މަގުމަތީގެ ކުރިމަތިލުންތައް ހިނގާފާނެ ކަމުގެ އިންޒާރު ވަނީ ލިބިފައެވެ. މިކަން ހުއްޓުވުމަށްޓަކައި ހަންގޭރީގެ އިންވެސްޓްމަންޓް އެންޑް ޓްރާންސްޕޯޓް މިނިސްޓަރު ދާވިދު ވިޓޭޒީ އާއި ދާޚިލީ ވަޒީރު ގާބޯ ބޮސްޕާއި ދަނީ ފްރާންސާއި އިންގްލެންޑްގެ ސަލާމަތީ ބާރުތަކާ މަޝްވަރާ ކުރަމުންނެވެ.
މި މެޗުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަންގޭރީގެ ފުލުހުންނަށް އެހީތެރިވުމަށް ފްރާންސާއި އިނގިރޭސިވިލާތުގެ ސަލާމަތީ ބާރުތަކުގެ އެހީތެރިކަން ލިބޭނެއެވެ. މީގެ ބޭނުމަކީ ފައިނަލް މެޗު ކުޅޭ ދުވަހު އެއްވެސް ކަހަލަ ނުރައްކާތެރި ހާދިސާއެއް ހިނގިޔަނުދީ ސަލާމަތީ ކަންކަން ކަށަވަރު ކުރުމެވެ.
އޮޕްޓާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ފަހަރުގެ ތަށި އުފުލާލުމުގެ ފުރުސަތު ބޮޑީ އާސެނަލްއަށެވެ. ނަމަވެސް ދަނޑުމަތީގެ ވާދަވެރިކަމަށްވުރެ ބޮޑަށް މިވަގުތު ކަންބޮޑުވުން އުފެދިފައިވަނީ ދަނޑުން ބޭރުގައި ހިނގައިފާނެ ހަމަނުޖެހުންތަކާ މެދުގައެވެ.





