އިނގިރޭސި ކްލަބު ލިވަޕޫލްގައި ހޭދަކުރި ކާމިޔާބު ނުވަ އަހަރަށް ފަހު، އެ ކްލަބަކީ ޔޫރަޕްގެ ބޮޑު ބާރަކަށް އަލުން ހަދައިދެވުނީތީ ފަޚުރުވެރިވާ ކަމަށް މިސްރުގެ ތަރި މުހައްމަދު ސަލާހް ބުނެފިއެވެ. ސަލާހް މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުމަށްފަހު، ލިވަޕޫލްގެ ސަޕޯޓަރުންނާ ވަކިވަމުން ދެއްކި ވާހަކައިގައެވެ.
ލިވަޕޫލްގެ އެންފީލްޑް ދަނޑުގައި ކުޅުނު ފަހު މެޗަށްފަހު ބީއިން ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ސަލާހް ބުނީ، އޭނާގެ ކެރިއަރު ލިވަޕޫލްގައި މިފަދަ ގޮތަކަށް ނިންމާލެވުމުން މާތްﷲ އަށް ހަމްދުކުރާ ކަމަށެވެ. "އަހަރެން ގަބޫލުކުރަނީ ލިވަޕޫލް އޮންނަންޖެހޭ ހަގީގީ މަގާމަށް، ބޮޑެތި ކްލަބުތަކުގެ ތެރެއަށް އަލުން ގެނެސްދެވިއްޖެ ކަމަށް. މިއީ އަހަންނަށް އެންމެ މުހިންމު ކަންތައް،" އުމުރުން 33 އަހަރުގެ ސަލާހް ބުންޏެވެ.
ސަލާހްގެ ނުވަ އަހަރުގެ ދަތުރުގައި އޭނާ ވަނީ ލިވަޕޫލަށް 30 އަހަރަށްފަހު ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގާއި އެހެނިހެން ގިނަ މުބާރާތްތަކެއް އޭނާ ވަނީ އެ ކްލަބާއެކު ކާމިޔާބުކޮށްފައެވެ. އަމިއްލަގޮތުން ހޯދި ކާމިޔާބީތަކަށް ބަލާއިރު، ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރަން ބޫޓު ރެކޯޑް ހަތަރު ފަހަރު ހޯދާފައިވެއެވެ.
މުސްތަގުބަލާ މެދު އަދި ގޮތެއް ނުނިންމާ
ސައުދީ އަރަބިއްޔާ، އެމެރިކާ ނުވަތަ ތުރުކީގެ ކްލަބަކަށް ސަލާހް ބަދަލުވެދާނެ ކަމުގެ އަޑުތައް ފެތުރެމުންދިޔަ ނަމަވެސް، އޭނާ ބުނީ އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. "އަދި އެއްވެސް ނިންމުމެއް ނުނިންމަން. އަހަރެން ބޭނުންވަނީ ކުޑަ ވަގުތުކޮޅެއް. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ދާނަން، ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ އޭގެ ކުރިން އިއުލާން ކުރާނަން، ނޫންނަމަ ވޯލްޑް ކަޕަށް ފަހު ގޮތެއް ނިންމާނީ،" ސަލާހް އޭނާގެ މުސްތަގުބަލާ ބެހޭގޮތުން ބުންޏެވެ.
އިންޓަވިއު ނިންމާލަމުން ސަލާހް ވަނީ މިސްރުގެ ޒުވާން ކުޅުންތެރިންނަށް ހިތްވަރު ދީފައެވެ. އޭނާ ބުނީ އޭނާގެ އެންމެ ބޮޑު އެއް އަމާޒަކީ މިސްރުގެ ކުޅުންތެރިންނަށް ޔޫރަޕްގެ ދޮރުތައް ހުޅުވައިދިނުން ކަމަށާއި، ކުރިމަގުގައި މިސްރުގެ ކުޅުންތެރިން އޭނާއަށްވުރެ ބޮޑެތި ކާމިޔާބީތައް ހޯދުމަކީ އުންމީދެއް ކަމަށެވެ. އަދި ލިވަޕޫލްގައި ހޭދަކުރި ދުވަސްތަކަކީ އޭނާގެ ޒުވާން އުމުރުގެ އެންމެ ރީތި ދުވަސްތައް ކަމަށްވެސް ސަލާހް ފާހަގަކުރިއެވެ.





