އިނގިރޭސި މަޝްހޫރު ކްލަބް ލިވަޕޫލްގެ ލެޖެންޑް އަދި މިސްރުގެ ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު ސަލާހް ހޯދުމަށް ސައުދީ އަރަބިއްޔާގެ އިއްތިހާދު ޖިއްދާ ކްލަބުން އަލުން ޝައުގުވެރިކަން ފާޅުކޮށް، އެކަމުގެ މަޝްވަރާތައް ފަށައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ލިވަޕޫލާއެކު ސަލާހް ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާތީ، އިއްތިހާދު ކްލަބުގެ މެނޭޖްމަންޓުން މިހާރު ވަނީ ސަލާހްގެ ގާތް ފަރާތްތަކާ ވާހަކަދައްކަން ފަށާފައެވެ. މިއީ ސައުދީ ޕްރޯ ލީގަށް ދުނިޔޭގެ ފެންވަރުގެ ތަރިން ގެނައުމަށް ސައުދީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ.
އިއްތިހާދު ކްލަބުން ދެކޭގޮތުގައި ސަލާހް އެ ޓީމާ ގުޅުމަކީ ކްލަބުގެ ފެންވަރު މަތިވުމުގެ އިތުރުން، މާކެޓިންގެ ގޮތުންވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. ސަލާހަކީ މިހާރުވެސް ދުނިޔޭގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތެވެ.
ލިވަޕޫލްގައި ހޭދަކުރި ކާމިޔާބު ދުވަސްތަކުގައި ސަލާހް ވަނީ އެ ކްލަބަށް 442 މެޗު ކުޅެދީ، 257 ލަނޑު ޖަހައި، 120 އެސިސްޓް ފޯރުކޮށްދީފައެވެ. އޭނާ ވަނީ ލިވަޕޫލާއެކު ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށް، ގިނަ ރެކޯޑްތަކެއް މުގުރާލާފައެވެ.
ސަލާހްގެ ކުރިމަގާ މެދު އަދި ވަކި ގޮތެއް ނުނިންމާއިރު، އޭނާ ޔޫރަޕްގެ އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތުވެސް އެބައޮތެވެ. ނަމަވެސް ސައުދީން އޭނާ ހޯދުމަށް ކުރާ މަސައްކަތަކީ މިހާރު ފުޓްބޯޅަ ދުނިޔޭގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވާ އެއް މައުލޫއެވެ.






