ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއިން މި ސީޒަނުގެ ފުރަތަމަ ބޮޑު ސޮއި ކުރުމަށް ތައްޔާރުވެއްޖެއެވެ. ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސި ވިންގަރ އެންތަނީ ގޯޑަން ބާސެލޯނާއާ ގުޅުމަށްޓަކައި މެޑިކަލް ޓެސްޓުތައް ހެދުމަށް އިއްޔެ ވަނީ ބާސެލޯނާއަށް ގޮސްފައެވެ. މިއަދުގެ ވަގުތެއްގައި މި އެއްބަސްވުން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ.
މި ޓްރާންސްފާގެ މާލީ ތަފްސީލުތައް ހާމަކުރަމުން އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ އަގަކީ ޖުމްލަ 90 މިލިއަން ޔޫރޯއެވެ. މީގެ ތެރެއިން 80 މިލިއަން ޔޫރޯއަކީ ފިކްސްޑް ފީއެއްގެ ގޮތުގައި ދައްކާ އަދަދެވެ. އަދި އިތުރު 10 މިލިއަން ޔޫރޯ ކަނޑައަޅާފައިވަނީ އެކި ކަންކަމަށް ބިނާކޮށް ދައްކަންޖެހޭ ބޯނަސް ނުވަތަ 'އެޑް-އޮންސް' ގެ ގޮތުގައެވެ.
ނިއުކާސަލްއިން ވަނީ މި 10 މިލިއަން ޔޫރޯ ލިބޭނެކަން ކަށަވަރު ކުރުމަށް ހަރުދަނާ ޝަރުތުތަކެއް ހިމަނާފައެވެ. އޭގެ ތެރެއިން 5 މިލިއަން ޔޫރޯއަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ސީޒަނެއްގެ 60 އިންސައްތަ މެޗުގައި ގޯޑަން ކުޅެފިނަމަ، ކޮންމެ އަހަރަކު ދައްކަންޖެހޭ 1 މިލިއަން ޔޫރޯއެވެ. ބާކީ 5 މިލިއަން ޔޫރޯ ދައްކަންޖެހޭނީ ބާސެލޯނާއިން ފަސް މުބާރާތެއްގެ ތަށި ކާމިޔާބު ކުރުމުންނެވެ.
ސްޕެއިންގެ 'ސްޕޯޓް' ނޫހުން ބުނާ ގޮތުގައި މިއީ ނިއުކާސަލްއަށް މާލީ ގޮތުން ވަރަށް ކާމިޔާބު ޑީލެކެވެ. ބާސެލޯނާއަށް މި ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވާއިރު، މުސްތަގުބަލުގައި ގޯޑަން އެހެން ކްލަބަކަށް ވިއްކާލައިފިނަމަ އޭގެ ވަކި އިންސައްތައެއްވެސް ނިއުކާސަލްއަށް ލިބޭނެއެވެ. މީގެ އިތުރުން ގޯޑަންގެ ކުރީގެ ކްލަބު އެވަަޓަންއަށްވެސް 'ސެލް-އޮން' ކްލޯޒްގެ ދަށުން 12 މިލިއަން ޔޫރޯ ލިބޭނެއެވެ.
އުމުރުން 23 އަހަރުގެ ގޯޑަން ބާސެލޯނާއާ ގުޅުމަކީ އެ ޓީމުގެ އެޓޭކިންގް ލައިން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.







