ދުނިޔޭގެ އެންމެ އަގުބޮޑު ކުލަބުގެ މަގާމު 9.5 ބިލިއަން ޑޮލަރާއެކު ރެއާލް މެޑްރިޑުން ދަމަހައްޓައިފި

ދުނިޔޭގެ މަޝްހޫރު އިގްތިސާދީ މަޖައްލާ "ފޯބްސް" އިން ހޮވާ ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުލަބުތަކުގެ ލިސްޓުގެ އެއްވަނަ މަގާމު، ޖެހިޖެހިގެން ފަސްވަނަ އަހަރަށް ރެއާލް މެޑްރިޑުން ދަމަހައްޓައިފިއެވެ. 2026 ވަނަ އަހަރުގެ މި ރިޕޯޓުގައިވާ ގޮތުން ރެއާލް މެޑްރިޑުގެ އަގު މިހާރު ވަނީ 9.5 ބިލިއަން ޑޮލަރަށް އަރާފައެވެ.

ފޯބްސްގެ ރިޕޯޓުން ދައްކާގޮތުގައި ރެއާލް މެޑްރިޑް މި މަގާމުގައި އޮތީ އެންމެ ގާތް ވާދަވެރިޔާ ބާސެލޯނާއަށްވުރެ ދެ ބިލިއަން ޑޮލަރުގެ ބޮޑު ތަފާތަކުން ކުރީގައެވެ. މިދިޔަ ސީޒަނުގައި ކުޅިވަރުގެ މައިދާނުގައި އެދެވޭ ކާމިޔާބީތަކެއް ނުލިބުނު ނަމަވެސް، މާލީ ގޮތުން އެ ކުލަބުން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.

މި ލިސްޓުގައި ހިމެނޭ އެންމެ އަގުބޮޑު 30 ކުލަބުގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ 11 ކުލަބެއް ހިމެނޭއިރު، ސްޕެއިން ލީގުން ހިމެނެނީ އެންމެ 3 ކުލަބެވެ. އަދި އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމް.އެލް.އެސް) ގެ 7 ކުލަބެއް މި ލިސްޓުން ޖާގަ ހޯދާފައިވާކަން ފާހަގަކުރެވެއެވެ.

ރެއާލް މެޑްރިޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ކުލަބުގެ އަގު 41 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އަދި 2024-2025 ވަނަ އަހަރުގެ ސީޒަނުގައި އެ ކުލަބަށް އާމްދަނީގެ ގޮތުގައި 1.265 ބިލިއަން ޑޮލަރު ލިބިފައިވެއެވެ.

މިއީ ދުނިޔޭގެ ކުޅިވަރު ތާރީޚުގައިވެސް ކުލަބަކަށް އެއް ސީޒަނެއްގައި ލިބުނު އެންމެ ބޮޑު އާމްދަނީއެވެ. މީގެ ކުރިން މި ރެކޯޑު އޮތީ އެމެރިކާގެ އެން.އެފް.އެލް ގައި ވާދަކުރާ ޑަލަސް ކައުބޯއީސް އަތުގައެވެ. ފޯބްސް އިން އެންމެ ފަހުން ނެރުނު 13 ރިޕޯޓުގެ ތެރެއިން 10 ފަހަރު މި ލިސްޓުގެ އެއްވަނަ ހޯދާފައިވަނީ ރެއާލް މެޑްރިޑުންނެވެ.

ލިސްޓުގެ ގަދަ ދިހައެއްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ އިތުރުން ދެން ހިމެނެނީ މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލް، ޕީ.އެސް.ޖީ، ބަޔާން މިއުނިކް، މެންޗެސްޓާ ސިޓީ، އާސެނަލް، ޗެލްސީ އަދި ޓޮޓެންހަމް އެވެ.

ހިއްސާ ކުރައްވާ!