2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި މެޗުތައް ކުޅެން ޖެހޭނީ ވަރަށް ހޫނުގަދަ މާޙައުލެއްގައި ކަމަށްވުމުން، ގިނަގިނައިން ފިނިކުރަން ވަގުތު ދޭން ޖެހިދާނެއެވެ. މިދިޔަ އަހަރު އެމެރިކާގައި ބޭއްވި ކްލަބް ވޯލްޑް ކަޕްގައި ނުރައްކާތެރި މިންވަރަކަށް ހޫނުމިން މަތިވެފައިވަނިކޮށް، ޖޫން 11 ގައި ފަށާ 2026 ގެ ވޯލްޑް ކަޕްގައި ފީފާއިން ހޫނުމިނާ ކުރިމަތިލާނެ ގޮތަކާމެދު ގިނަ ބައެއްގެ ނަޒަރު ވަނީ ހުއްޓިފައެވެ. ގިނަ ބަހުސްތައް އަމާޒުވެފައިވަނީ ކުޅުންތެރިންނަށް ކުރާނެ އަސަރަށް ނަމަވެސް، މިއިން ހަނދާންކޮށްދެނީ މީގެ އެންމެ ބޮޑު ނުރައްކާ އޮތީ ސަޕޯޓަރުންނަށާއި، ކުރިމަގުގެ ކުޅުންތެރިންނަށް ކަމެވެ.
މުބާރާތް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، އެމެރިކާ، ކެނެޑާ އަދި މެކްސިކޯގެ 16 ސްޓޭޑިއަމެއްގައި ކުރިމަތިވެދާނެ ހޫނުގެ ނުރައްކާތައް ދަނީ ސާފުވަމުންނެވެ.
މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދިރާސާކުރާ ބައިނަލްއަޤްވާމީ ޖަމާޢަތެއް ކަމަށްވާ "ވޯލްޑް ވެދަރ އެޓްރިބިއުޝަން" ގެ ރިޕޯޓެއް ބުނާގޮތުން،:
- މުބާރާތުގެ ގާތްގަނޑަކަށް 25% މެޗުތައް ކުޅޭނީ ހޫނުމިން 26 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ. މިއީ ހަށިގަނޑު ފިނިކުރުމުގެ ޤާބިލުކަން ދަށްކޮށްލާ، އަދި ގިނަގިނައިން ކޫލިންގ ބްރޭކް ބޭނުންވާ ނުރައްކާތެރި މިންވަރެކެވެ.
- މީގެ އިތުރުން ގާތްގަނޑަކަށް 20% މެޗުތައް 28 ޑިގްރީ ސެލްސިއަސްގައި ކުޅޭނެކަމަށް ލަފާކުރެވޭއިރު، މިއީ އެމެރިކަން ކޮލެޖް އޮފް ސްޕޯޓްސް މެޑިސިން އިން މެޗުތައް ފަސްކުރުމަށް ނުވަތަ ކެންސަލްކުރުމަށް ލަފާދޭ މިންވަރެކެވެ.
- ދިރާސާގައި ބައިވެރިވި ފަރާތަކުން ބުނެފައިވަނީ މިއީ އަދި "އެންމެ ދަށްކޮށް" ލަފާކޮށްފައިވާ މިންވަރު ކަމަށާއި، ޙަޤީޤަތް މިއަށްވުރެ މާ ގޯސްވުން އެކަށީގެންވާ ކަމަށެވެ.
ހޫނުމިނާ ގުޅޭގޮތުން ފީފާއިން ގެންގުޅޭ ސިޔާސަތު އަދިވެސް ސާފެއް ނޫނެވެ. ފީފާއިން ވަނީ ހޫނުމިން ހުރި ގޮތަކަށް ނުބަލައި ކޮންމެ ހާފެއްގައި ފެންބުއިމަށް 3 މިނެޓުގެ ބްރޭކެއް ދޭން ނިންމާފައެވެ. މިދިޔަ އަހަރުގެ ކްލަބް ވޯލްޑް ކަޕްގައި، ކުޅުންތެރިންގެ ޖަމްޢިއްޔާ (ފިފްޕްރޯ) ގެ އެދުމުގެ މަތިން، ހޫނުމިން 28 ޑިގްރީ ސެލްސިއަސްއަށް އެރުމުން އިތުރު ކޫލިންގ ބްރޭކްތަކެއް ދިނެވެ. ނަމަވެސް މިއީ އަދި ފުދޭވަރުގެ ފިޔަވަޅުތަކެއް ނޫނެވެ.
މީގެ ސަބަބުން ކުޅުންތެރިންނަށް އުނދަގޫތަކެއް ކުރިމަތިވީ ނަމަވެސް، އެންމެ ބޮޑަށް ލަފާކުރެވެނީ މެޗުތަކުގެ ފޯރި ކެނޑި، ދަށް ފެންވަރެއްގެ ކުޅުމެއް ފެނުމެވެ. ސަބަބަކީ ޞިއްޙީ ނުރައްކަލަކަށް ހުށަހެޅުމުގެ ބަދަލުގައި، ދުނިޔޭގެ މަޝްހޫރު ކުޅުންތެރިންވެސް ކުޅުމުގެ ސްޕީޑް ދަށްކުރާނެތީއެވެ. ފުޓްބޯޅަ ކުޅުންތެރިންނަކީ ފިޓްނަސް ވަރަށް ރަނގަޅު ބަޔަކަށް ވުމާއި، މެޗުގެ ތެރޭގައި ކުޅުން މަޑުޖެހޭ ވަގުތުތަކެއް އައުމަކީ، ދިގު ރާސްތާ ދުވުން ފަދަ ކުޅިވަރުތަކާ ތަފާތު ކަމެކެވެ.
ސަޕޯޓަރުންނަށް އޮތް ހޫނުގެ ނުރައްކާ
ހޫނުވުމުން އެންމެ ބޮޑު ނުރައްކަލެއް އޮތީ ސަޕޯޓަރުންނަށެވެ. ކުޅުންތެރިންނަކީ ފިޓްނަސް ރަނގަޅު ބަޔަކަށް ވެފައި އަދި ޞިއްޙީ ގޮތުން އަބަދުވެސް މޮނިޓަރ ކުރެވޭ ބައެކެވެ. ނަމަވެސް ސަޕޯޓަރުންނަކީ އެފަދަ ބައެއް ނޫނެވެ. މުބާރާތުގެ މެޗުތައް ބަލަން 5-7 މިލިއަން މީހުން ސްޓޭޑިއަމްތަކަށް ވަންނާނެކަމަށް ލަފާކުރެވޭއިރު، އޭގެ ތެރޭގައި ތަފާތު ޢުމުރުފުރާތަކުގެ، ތަފާތު ޞިއްޙީ މައްސަލަތައް ހުންނަ އަދި ހޫނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފާނެ މީހުން ހިމެނޭނެއެވެ.
އޭސީ ކޮށްފައިވާ 3 ސްޓޭޑިއަމްގައި މެޗުތައް ކުޅުނަސް، ސްޓޭޑިއަމަށް ދިއުމަށާއި އައުމަށް ކުރާ ދަތުރުތަކުގައާއި، ކިއޫގައި މަޑުކުރުމާއި، އޯޕަން ފޭން ޒޯންތަކުގައި ތިބޭއިރު ހޫނުގެ ނުރައްކަލަށް ހުށަހެޅޭނެއެވެ. އަދި ގިނަ ބަޔަކު ހޫނުމިނާ ގުޅޭ އިރުޝާދުތަކާ ޚިލާފުވުންވެސް އެކަށީގެންވެއެވެ. މިސާލަކަށް ފެނުގެ ބަދަލުގައި ބިޔަރު ފަދަ ބުއިންތައް ބޭނުންކުރުން ހިމެނެއެވެ.
މިއީ ޙައްލުކުރަން އުނދަގޫ ކަންތައްތަކެއް ނޫނެވެ. ފީފާއިން ހިލޭ ފެން ލިބޭނެ ގޮތް ހަމަޖައްސައި، ސްޓޭޑިއަމްތަކާއި ފޭން ޒޯންތަކުގައި ފިނިކުރެވޭނެ އިންތިޒާމުތަކާއި ހިޔާވާނެ ތަންތަން ހަދައި، އަދި ހޫނުގެ ނުރައްކާތަކާ ގުޅޭގޮތުން ހޭލުންތެރިކުރުވުން މުހިންމެވެ. ނަމަވެސް ކުޅުންތެރިންގެ ސަލާމަތަށްވެސް ފީފާއިން މާބޮޑު ސަމާލުކަމެއް ނުދޭއިރު، ސަޕޯޓަރުންގެ ރައްކާތެރިކަމަކީ ފީފާއަށް ދެވަނަ ދަރަޖައިގެ ކަމަކަށް ވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.
މޫސުމީ ބަދަލުތަކުން މުޅި ކުޅިވަރުގެ ކުރިމަގަށް ނުރައްކާ
މޫސުމީ ބަދަލުތަކުގެ އަސަރު ހަމައެކަނި ކުރަނީ ބޮޑެތި މުބާރާތްތަކަކަށް ނޫނެވެ. އާންމު ކުޅިވަރުތަކަށްވެސް މީގެ އަސަރުކުރެއެވެ. ފެންބޮޑުވެފައިވާ ދަނޑުތަކެއްގައި ކުޑަކުދިންނަކަށް ފުޓްބޯޅަ ކުޅެން ނުދަސްކުރެވޭނެއެވެ. އަދި ގަދަ ހޫނުގައި ދުވުމަކީވެސް އުނދަގޫ ކަމެކެވެ. ސަރުކާރުތަކުން މޫސުމީ ކާރިސާތަކަށް ކުރާ ހޭދަ އިތުރުވުމުން، ކުޅިވަރަށް ކުރާ ހޭދަ ދަނީ މަދުވަމުންނެވެ.
- 2021 ގައި "އިޕްސޯސް" އިން ކުރި ދިރާސާއަކުން ދެއްކިގޮތުގައި 50% އަށްވުރެ ގިނަ މީހުން ކަސްރަތުކުރަން ބޭނުންވިޔަސް، އޭގެ ތެރެއިން 17% މީހުންނަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ މޫސުން ގޯސްވުމެވެ.
- ވޯލްޑް އިކޮނޮމިކް ފޯރަމްގެ ރިޕޯޓެއް ބުނާގޮތުން، ކަސްރަތުކުރުން މަދުވުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން، 2030 ވަނަ އަހަރާ ހަމައަށް ކުޅިވަރުގެ އިޤްތިޞާދުން 14% (517 ބިލިއަން ޑޮލަރު) ގެ ގެއްލުމެއް ވާނެކަމަށް ލަފާކުރެވެއެވެ.
- 2050 އާ ހަމައަށް މި ޢަދަދު 18% އަށް އަރާނެކަމަށް ލަފާކުރެވެއެވެ.
"ފުޓްބޯލް ފޯ ފިއުޗަރ" އިން ވަނީ ޑޭވިޑް ބެކަމް، ކީލިއަން އެމްބާޕޭ އަދި ލިއޮނެލް މެސީ ފަދަ ތަރިންގެ ކެރިއަރު ފެށި 18 ސަރަޙައްދެއްގެ މޫސުން ދިރާސާކޮށްފައެވެ. ނަތީޖާއިން ދެއްކިގޮތުގައި 2050 ވަނަ އަހަރާ ހަމައަށްދާއިރު، އެ ސަރަޙައްދުތަކުގައި ހޫނުމިން 32 ޑިގްރީއަށް އަރާ ދުވަސްތައް 45% އަށް އިތުރުވާނެއެވެ. އަދި 35 ޑިގްރީއަށް އަރާ ދުވަސްތައް 150% އަށް އިތުރުވާނެއެވެ. މިއީ އެއްވެސް މީހަކު ޕްރެކްޓިސްކުރަން ބޭނުންވާނެ ފަދަ ޙާލަތެއް ނޫނެވެ.





