ޔަމާލް: "ވޯލްޑް ކަޕްގައި ކުޅުމަކީ ހައިރާން ވާފަދަ ކަމެއް، ތަށި އުފުލާލާނެގޮތް 1000 ފަހަރު ތަޞައްވުރު ކުރެވިއްޖެ"

ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ދަނީ 2026 ގެ ވޯލްޑް ކަޕްގައި ސްޕެއިން ޓީމު ގޮވައިގެން ކުރިއަށްދިއުމަށްޓަކައި، އޭނާއަށް ދިމާވި އަނިޔާއިން ސަލާމަތްވުމަށް ވަގުތާ ހަނގުރާމަ ކުރަމުންނެވެ. އޭނާ ބުނި ގޮތުގައި ފުޓްބޯޅައިގެ ތާރީޚްގައި ހުރި އެންމެ މުހިންމު ތަށި އުފުލާލާނެ ގޮތް އޭނާގެ ހިޔާލުގައި ހާސް ފަހަރު ކުޅެވިއްޖެއެވެ.

ބާސެލޯނާގެ މެޗުތަކުން މަދުވުމަށްފަހު، ޔަމާލް މިހާރު ވަނީ ސްޕެއިންގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ. ނަމަވެސް އޭނާ މެޗަކަށް ނުކުންނާނީ ފުރިހަމައަށް ފިޓްވުމުންނެވެ. އޭނާގެ އަމާޒަކީ ޖުލައި 19 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުން ސްޕެއިންއަށް ތަށި ހޯދައިދިނުމަށްޓަކައި، ނޮކްއައުޓް ބުރުތަކުގައި އެންމެ ފުރިހަމަ ކުޅުން ދެއްކުމެވެ.

ސްޕެއިންގެ ނޫހަށް ދިން އިންޓަވިއުއެއްގައި ޔަމާލް ބުނެފައިވެއެވެ:

"އަހަރެންނަށް ހީވަނީ ފުޓްބޯޅަ ކުޅޭތާ 10 އަހަރު ވެއްޖެހެން. އެކަމަކު ހަގީގަތުގައި ޕްރޮފެޝަނަލްކޮށް މި ކުޅެނީ އެންމެ 3 އަހަރު. މީގެ 4 އަހަރު ކުރިން އަހަރެން ކުޅެން އުޅުނީ ކުޑަކުދިންގެ ސްޕޯޓްސް ސެންޓަރުގައި. އެހެންވީމާ، މީގެ ތިން އަހަރު ކުރިން އެކުގައި ކުޅެން އުޅުނު ކުއްޖާ މިހާރު ވޯލްޑް ކަޕްގައި ކުޅެން މިދަނީ. މިއީ ހަމަ ހަގީގަތުގައިވެސް ހައިރާން ވާފަދަ ކަމެއް."

ވޯލްޑް ކަޕް ތަށި ހޯދުމާ ބެހޭގޮތުން ސުވާލުކުރުމުން އޭނާ ބުންޏެވެ: "އަހަރެންގެ ކޮޓަރީގައި ހުންނައިރު ނުވަތަ ގޭ ކައިރި ކުލަބުގައި މެޗަކުން މޮޅުވާ ކޮންމެ ފަހަރަކު، ހާސް ފަހަރު އެ މަންޒަރު ހިޔާލަށް ގެނެވޭ. ސަބަބަކީ ވޯލްޑް ކަޕަކީ ފުޓްބޯޅައިގެ ތާރީޚުގައިވެސް އޮތް އެންމެ ބޮޑު ޝަރަފު." ކަމަށ ްބުންޏެވެ.

ޔަމާލް ބުނި ގޮތުގައި އޭނާ ޕްރެޝަރުގެ ތެރޭގައި ކުޅެން ވަރަށް ލޯބިކުރެއެވެ. އަދި ދަނޑުމަތީގެ އަޑުގަދަ މާހައުލާ އޭނާ ވަރަށް ގަޔާވެއެވެ.

"އެކަން އަހަރެންނާ މާ ބޮޑަށް ގުޅޭ. މީހުން އަހަރެމެންނަށް ކުރާ އުންމީދުތައް މަތިވިވަރަކަށް، ކުޅުމުގެ ފެންވަރުވެސް މަތިވޭ. އަހަރެން މިއީ ގޮންޖެހުމެއްގެ ގޮތުގައި ދެކެނީ،" އޭނާ ބުންޏެވެ.

އަދި ސަޕޯޓަރުންނާ މުއާމަލާތްކުރުމުގެ މުހިންމުކަން އޭނާއަށް އެނގެއެވެ. ސަބަބަކީ ކުޑައިރު އޭނާގެ ހީރޯއަކީ ބްރެޒިލްގެ ނޭމާ އެވެ. އޭނާއާއެކު ފޮޓޯއެއް ނެގުމަށްޓަކައި ރަޝިޔާއަށް ރޭލެއްގައި ދާންޖެހުނަސް އެކަން ކުރަން އޭރު ހުރީ ތައްޔާރަށެވެ. އެހެންކަމުން މިހާރު ކުޑަކުއްޖަކު ފޮޓޯއެއް ނަގަން އެދުމުން އޭނާ އަބަދުވެސް މަޑުކޮށްލައެވެ.

ހިއްސާ ކުރައްވާ!