މުހައްމަދު ސަލާހުގެ ކެޕްޓަންކަމުގެ ދަށުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރުމަށް މިސްރުގެ ގައުމީ ޓީމު އެމެރިކާއަށް ފުރައިފިއެވެ. ނަމަވެސް މެންޗެސްޓާ ސިޓީގެ ފޯވާޑް އުމަރު މަރްމޫޝް މި ދަތުރުގައި ބައިވެރިވެފައެއް ނުވެއެވެ.
މިސްރުގެ ގިނަ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަރްމޫޝް ވަނީ އޭނާގެ ކައިވެނީގެ ކަންތައްތަކަށް ގާހިރާގައި މަޑުކުރުމަށް ޓީމުގެ މެނޭޖްމަންޓުގެ ހުއްދަ ހޯދާފައެވެ. އަދި އަންނަ އަންގާރަ ދުވަހު އޭނާ ޓީމާ ގުޅޭނެކަމަށް ވަނީ ބެލެވިފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގާހިރާގައި ރަޝިއާއާ ދެކޮޅަށް ކުޅެ 1-0 އިން މިސްރު މޮޅުވި އެކުވެރިކަމުގެ މެޗުގައި މަރްމޫޝް ވަނީ ކުޅެފައެވެ.
އެމެރިކާގައި ހޮނިހިރު ދުވަހުގެ ރޭ ބްރެޒިލްއާ ދެކޮޅަށް މިސްރުން އިތުރު އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ. އަދި މި މެޗުގައި މިސްރުގެ އެޓޭކް ލީޑުކުރުމަށް މަރްމޫޝް ހުންނާނެކަމަށް ބެލެވެއެވެ.
ވޯލްޑް ކަޕްގައި މިސްރުގެ ފުރަތަމަ މެޗު ކުޅޭނީ ޖޫން 15 ވަނަ ދުވަހު ބެލްޖިއަމްއާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގައި ދެން އެ ޓީމު ނުކުންނާނީ ނިއުޒީލެންޑް އަދި އީރާނާ ދެކޮޅަށެވެ.
މީގެ ކުރިން 1934، 1990 އަދި 2018 ވަނަ އަހަރު މިސްރުން ވޯލްޑް ކަޕްގައި ވާދަކޮށްފައިވެއެވެ. ނަމަވެސް މުބާރާތުގައި އަދި މިހާތަނަށް އެ ޓީމު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ.
މިސްރުގެ ސަޕޯޓަރުން އުއްމީދުކުރަނީ ވޯލްޑް ކަޕްގެ ފުރަތަމަ މޮޅު ހޯދުމަށް ސަލާހް އަދި މަރްމޫޝް އެންމެ ފުރިހަމަ ފޯމުގައި ތިބޭނެ ކަމަށެވެ.





