ވޯލްޑް ކަޕް ކާމިޔާބުކުރާނީ ސްޕެއިން ކަމަށް އާޓިފިޝަލް އިންޓެލިޖެންސްއިން ބުނޭ

މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުމުގެ އެންމެ ފުރުޞަތު ބޮޑީ ސްޕެއިންއަށް ކަމަށް، ކުޅިވަރުގެ ތަފްޞީލީ މަޢުލޫމާތުތައް ދިރާސާކުރާ މަޝްހޫރު އޮޕްޓާ ކޮމްޕިއުޓަރުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާ ހަދާފައިވަނީ މުބާރާތް ކުރިއަށްދާނެ ގޮތްތަކުގެ ދިހަ ހާހަށްވުރެ ގިނަ ތަފާތު ގޮތްގޮތަށް މުބާރާތް ކުރިއަށް ގެންގޮސް، ސައިންޓިފިކް ހިސާބުތަކުން ބަލައިގެންނެވެ. އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 11 ވަނަ ދުވަހުއެވެ. އަދި ފައިނަލް މެޗު ކުޅޭނީ ޖުލައި 19 ވަނަ ދުވަހުއެވެ.

އޭއައިގެ ހިސާބުތަކުން ދައްކާގޮތުގައި، ލުއިސް ޑި ލާ ފޮންޓޭގެ އިރުޝާދުގެ ދަށުން ކުޅޭ ސްޕެއިން ޓީމު މުބާރާތް ކާމިޔާބުކުރުމުގެ ފުރުޞަތު 16 އިންސައްތައަށްވުރެ މަތީގައި އުޅޭއިރު، މިއީ މުބާރާތުގައި ވާދަކުރާ އެހެން ހުރިހާ ޓީމަކަށްވުރެ މަތީ ޢަދަދެކެވެ.

މި ލިސްޓުގެ ދެވަނައިގައި އޮތީ ކީލިއަން އެމްބާޕޭގެ ކެޕްޓަންކަމުގެ ދަށުން ނިކުންނަ ފަރަންސޭސިވިލާތެވެ. އެ ޓީމަށް 13 އިންސައްތައިގެ ފުރުޞަތެއް އެބައޮތެވެ. ތިންވަނަ އަދި ހަތަރުވަނަ ލިބެނީ އިންގްލެންޑާއި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއަށެވެ. މި ދެ ޓީމަށްވެސް މުބާރާތް ކާމިޔާބުކުރުމުގެ 10 އިންސައްތައަށްވުރެ މަތީ ފުރުޞަތެއް އޮތްކަމަށް ދައްކައެވެ.

ތަފްޞީލީ ދިރާސާއިން އެނގޭގޮތުގައި، މި ހަތަރު ޓީމާއި މުބާރާތުގެ އެހެން ޓީމުތަކާ ދެމެދު ފެންވަރުގެ ގޮތުން ބޮޑު ތަފާތެއް އެބަހުއްޓެވެ. މީގެ އިތުރުން، މި ލިސްޓުގެ ފަސްވަނައިގައި ޕޯޗުގަލް އޮތްއިރު، ފުޓްބޯޅައިގެ ދެ ބާރު ކަމަށްވާ ބްރެޒިލް އަދި ޖަރުމަނުވިލާތް ވަނީ ހަވަނަ އަދި ހަތްވަނައަށް ފަހަތަށް ޖެހިފައެވެ.

މުބާރާތް ބާއްވާ ތިން ޤައުމު ކަމަށްވާ އެމެރިކާ، މެކްސިކޯ އަދި ކެނެޑާއަށް މުބާރާތް ކާމިޔާބުކުރުމުގެ ފުރުޞަތު ވަރަށް ކުޑަ ކަމަށް ކޮމްޕިއުޓަރުގެ ހިސާބުތަކުން ދެއްކި ނަމަވެސް، ފުޓްބޯޅައަކީ އަބަދުވެސް ހިސާބުތަކުން ބޭރުން ބޮޑެތި ހައިރާންކަންތައްތައް ފެންނަ ކުޅިވަރެކެވެ.

ހިއްސާ ކުރައްވާ!