ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ލާޒިމުކުރާ 3000 މެންބަރުންގެ ޢަދަދު ހަމަނުކުރެވުމުގެ ސަބަބުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ އުފެއްދެވި "ދަ ޑިމޮކްރެޓްސް" އާއި "މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ" (އެމްއެލްއެސްޑީޕީ) މިއަދުން ފެށިގެން އުވާލަން އިލެކްޝަންސް ކޮމިޝަނުން (އީސީ) ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ޕާޓީއެއް ދެމިއޮތުމަށް ބޭނުންވާ މަދުވެގެން 3000 މެންބަރުން ހަމަކުރުމަށް އެ ދެ ޕާޓީއަށްވެސް ނޯޓިސްދީ، އެކަށީގެންވާ މުއްދަތެއް ވަނީ ދީފައެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް ޤާނޫނީ ޢަދަދަށް މެންބަރުން ހަމަވެފައި ނުވާތީ، އެ ދެ ޕާޓީ ސިޔާސީ ޕާޓީތަކުގެ ރަސްމީ ދަފްތަރުން އުނިކުރުމަށް ކޮމިޝަނުން ވަނީ ފާސްކޮށްފައެވެ.
"އެމްޑީޕީ ރޫޅާލަން" އުފެއްދެވި ޑިމޮކްރެޓްސްގެ ނިމުން
އެމްޑީޕީ "ރޫޅާލާނެ" ކަމަށް ވިދާޅުވެ ރައީސް ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި "ދަ ޑިމޮކްރެޓްސް" އުވާލަން ޖެހުނީ، ސިޔާސީ ގޮތުން ކުރިއެރުމެއް ނުލިބި، ޕާޓީއަށް މެންބަރުން އިތުރުކުރުމުގައި ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާން ޖެހުމުންނެވެ. ޕާޓީގެ ޙަރަކާތްތައް ހީނަރުވުމާ ގުޅިގެން ރައީސް ނަޝީދު ވަނީ ދާދިފަހުން އެ ޕާޓީ ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާފައެވެ. އޭނާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ތެރެއިން ކުރީގެ ބާރުވެރިކަން ހޯއްދެވުމަށްޓަކައި އެ ޕާޓީގެ ޗެއަރޕާސަންގެ މަޤާމަށް ވަޑައިގަތުމަށެވެ.
ޙަރަކާތެއް ނެތް ލޭބަރ ޕާޓީވެސް ސިޔާސީ މައިދާނުން ބޭރަށް
މަޝްހޫރު ޤާނޫނީ ވަކީލް ޢަބްދުﷲ ޙަސީން އާއި މަޖިލީހުގެ މިހާރުގެ މެންބަރު މަޢުރޫފް ޒާކިރު އިސްވެ ޖޫން 12، 2019 ގައި އިފްތިތާޙުކުރި ލޭބަރ ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލިއިރު، އެ ޕާޓީން މިހާތަނަށް ފާހަގަކޮށްލެވޭ ސިޔާސީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި މަޢުރޫފް ޒާކިރުވެސް ފަހުން ވަނީ އެ ޕާޓީ ދޫކޮށް އެމްޑީޕީއާ ގުޅިވަޑައިގަންނަވާފައެވެ. އޭނާ މިހާރު ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވަނީވެސް އެމްޑީޕީގެ ޓިކެޓްގައެވެ.
