ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ސުލްޙައިގެ ނަމުގައި ބައްދަލުވުމަކަށް އެދިވަޑައިގަތް ނަމަވެސް، ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ވަނީ އެކަމަށް ދެކޮޅުހައްދަވާފައެވެ. ޕޫޓިން ދެކެވަޑައިގަންނަވާ ގޮތުގައި، ދާއިމީ އަދި ހަގީގީ ސުލްޙައަކަށް ވާސިލުވުމުގެ ބަދަލުގައި، ހަމައެކަނި ވަގުތު ބޭކާރުކޮށްލުމަށާއި ދުނިޔޭގެ ސަމާލުކަން ހޯދުމަށް ފޮޓޯއެއް ނެގުމުގެ ގޮތުން ޒެލެންސްކީއަށް "ފޮޓޯއެއް ނެގުމުގެ ފުރުޞަތެއް" ދޭން ރަޝިޔާ ބޭނުމެއް ނުވެއެވެ.
ސަންކްޓް ޕީޓަރސްބާގްގައި ބޭއްވި އަހަރީ އިޤްތިޞާދީ ފޯރަމެއްގައި ވާހަކަދައްކަވަމުން ޕޫޓިން ހުކުރުދުވަހު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ދާއިމީ ސުލްޙައިގެ އެއްބަސްވުމަކާ ހަމައަށް ނާދެވޭނަމަ، ޒެލެންސްކީއާ ބައްދަލުކުރުމުގެ އެއްވެސް "ބޭނުމެއް" ނެތް ކަމަށެވެ. އަދި ރަޝިޔާއިން ފަށާފައިވާ އަސްކަރީ ހަރަކާތްތަކުގެ ހުރިހާ މަޤްޞަދުތަކެއް ޙާޞިލުވަންދެން ހަނގުރާމަ ކުރިއަށްގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕޫޓިން ސިފަކުރެއްވި ގޮތުގައި، ޒެލެންސްކީ ޢާންމުކުރެއްވި ސިޓީއަކީ ސުލްޙައަށް އެދި އިޚްލާޞްތެރިކަމާއެކު ކުރި ހުށަހެޅުމެއް ނޫނެވެ. ޒެލެންސްކީގެ ނަން ވިދާޅުވުމެއް ނެތް، "ސިޓީ ލިޔުނު ފަރާތް" ގެ ގޮތުގައި އޭނާއަށް އިޝާރާތް ކުރައްވަމުން ޕޫޓިން ވިދާޅުވީ، އެ ސިޓީގައި ބައެއް ބަސްމަގު ހުރީ ވަރަށް ހަރުކަށިކޮށް ކަމަށާއި، އެއީ ބައްދަލުވުމަކަށް މަގުފަހިކުރުމުގެ ބަދަލުގައި ބައްދަލުވުން ކެންސަލްކޮށްލުމަށް ބޭނުންކުރި އުކުޅެއް ކަމަށެވެ.
"ބައްދަލުވުމެއްގެ ބޭނުމަކީ ހަމައެކަނި ރަޝިޔާގެ ލަޝްކަރުތައް ކުރިއަށްދިއުން ހުއްޓުވުން ކަމަށްވާނަމަ، އޭގެ އެއްވެސް ބޭނުމެއް ނެތް. އަހަރެމެން ބޭނުންވަނީ ތިން މަހަށް ނުވަތަ ހަ މަހަށް ދެމިއޮންނަ އެއްބަސްވުމެއް ނޫން، ދިގު މުއްދަތުގެ އެއްބަސްވުމެއް،" ޕޫޓިން ވިދާޅުވިއެވެ. އަދި ފުރަތަމަ ދެ ޤައުމުގެ ތަޖުރިބާކާރުން މަސައްކަތްކޮށް، ޙައްލުތަކެއް ހޯދުމަށްފަހު ނޫނީ ވެރިންގެ ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށްވެސް އޭނާ އިތުރުކުރެއްވިއެވެ.
ޔޫކްރެއިންގެ ރައްދު
ޕޫޓިންގެ ވާހަކަތަކަށް ރައްދުދެއްވަމުން ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ރޭގަނޑުގެ ވީޑިއޯ ބަޔާނެއްގައި ވިދާޅުވީ، ރަޝިޔާގެ ރައީސް ބައްދަލުވުމަށް ދެކޮޅުހެއްދެވުމުން އެނގިގެންދަނީ އޭނާ ހަނގުރާމަ ހުއްޓާލަން ބޭނުންނުވާކަން ކަމަށެވެ. ކީވްއިން މި ނިންމުން ސިފަކުރީ ޕޫޓިންގެ "ބަލިކަށިކަމުގެ" ނިޝާނެއްގެ ގޮތުގައެވެ.
"ހިތާމައަކީ ރަޝިޔާއިން އަނެއްކާވެސް އިޚްތިޔާރު މިކުރީ ހަނގުރާމަ. އެންމެންނަށްވެސް އެ އިވުނީ ޕޫޓިންގެ ބަލިކަށި ރައްދު. މި ނިންމުމުގެ ސަބަބުން ދުނިޔޭގެ ގިނަ ބައެއްގެ އުއްމީދުތައް ގެއްލިގެންދާނެ،" ޒެލެންސްކީ ވިދާޅުވިއެވެ.





