މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް މުބާރާތުގައި ވާދަކުރާ ކުޅުންތެރިންނާއި، މުބާރާތުގެ ކޮލިފައިންގް މެޗުތަކުގައި ކުޅެފައިވާ ކުޅުންތެރިން ނިސްބަތްވާ ކްލަބްތަކަށް ދޭ މާލީ ބަދަލު ބޮޑުކުރަން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ނިންމައިފިއެވެ.
- ފީފާއިން ބުނި ގޮތުގައި ކްލަބްތަކަށް އެހީވުމަށް ހިންގާ "ކްލަބް ބެނެފިޓްސް ޕްރޮގްރާމް" ގެ ބަޖެޓު މިހާރު ވަނީ 355 މިލިއަން ޑޮލަރަށް (306 މިލިއަން ޔޫރޯ) އިތުރުކޮށްފައެވެ.
- މިއީ 2022 ވަނަ އަހަރު ޤަޠަރުގައި ބޭއްވި ވޯލްޑް ކަޕާ އަޅާބަލާއިރު 70 އިންސައްތައިގެ އިތުރުވުމެކެވެ.
- މުބާރާތުގެ ޓީމުތަކުގެ އަދަދު 36 އިން 48 އަށް އިތުރުވެ، މެޗުތަކުގެ އަދަދު 64 އިން 104 އަށް ވަނީ ގިނަވެފައެވެ. އަދި މުބާރާތް ކުރިއަށްދާ މުއްދަތުވެސް ވަނީ 29 ދުވަހުން 39 ދުވަހަށް ދިގުލާފައެވެ.
ފީފާގެ އާމދަނީ މި އަހަރު 56 އިންސައްތަ މަތިވާނެ ކަމަށް ލަފާކުރެވޭއިރު، 2026 އާ ހަމައަށް ހަތަރު އަހަރުގެ ބުރުގައި ލިބޭ ޖުމްލަ އާމދަނީ ކުރީގެ ބުރަށްވުރެ 72 އިންސައްތަ އިތުރުވާނެއެވެ.
މި ފަހަރުގެ ބަޖެޓު ބަހާލުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށެވެ:
- 250 މިލިއަން ޑޮލަރު: މިއީ މުބާރާތުގެ ފައިނަލް ބުރުގައި ކުޅޭ ކުޅުންތެރިންނަށް ޚާއްޞަ ބައެކެވެ.
ވޯލްޑް ކަޕްގައި ކުޅުންތެރިޔާ ހޭދަކުރާ ކޮންމެ ދުވަހަކަށް މަދުވެގެން 5,000 ޑޮލަރު ކްލަބަށް ލިބޭނެއެވެ. - 100 މިލިއަން ޑޮލަރު: ވޯލްޑް ކަޕްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކޮލިފައިންގް މެޗުތަކުގައި ކުޅޭ ކުޅުންތެރިންގެ ކްލަބްތަކަށްވެސް ފައިސާ ދޭނެއެވެ.
ކޮލިފައިންގްގެ 905 މެޗާއި، މުބާރާތް ބާއްވާ ތިން ޤައުމުން ކުޅޭ އެކުވެރިކަމުގެ 10 މެޗުގެ ސްކޮޑުގައި ހިމެނޭ ކޮންމެ ކުޅުންތެރިޔަކަށް މެޗަކަށް 2,362 ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ. - 5 މިލިއަން ޑޮލަރު: މިއީ އިދާރީ ޚަރަދުތަކަށް ކަނޑައެޅޭ ބައެކެވެ.
މީގެތެއިން ބާާކީވާ ފައިސާ ޚަރަދުކުރާނީ ދުނިޔޭގެ ކްލަބް ފުޓްބޯޅަ ކުރިއެރުވުމަށެވެ.
"މިއީ ބޮޑުކުރެވުނު ވޯލްޑް ކަޕްގެ ސަބަބުން ލިބޭނެ އިތުރު ފައިދާއެއް. މީގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު މައިދާނުގައި ވިދާލުމަށް ކުޅުންތެރިން ފޮނުވައިދޭ ކްލަބްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ،" ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވިއެވެ.
މި ފައިސާ ދިނުމުގައި ބަލާނީ މުބާރާތުގެ ސްކޮޑުތައް އިޢުލާންކުރާއިރު ކުޅުންތެރިޔާ ރަޖިސްޓްރީވެފައިވާ ކްލަބަށެވެ. ނަމަވެސް މުބާރާތުގެ ތެރޭގައި ކްލަބް ބަދަލުކުރާ ކުޅުންތެރިންނާއި އަނިޔާގެ ސަބަބުން ބަދަލުކުރާ ކުޅުންތެރިންނަށް ޚާއްޞަ އުޞޫލުތަކެއް ވަނީ ކަނޑައަޅާފައެވެ.




