އެއީ 1258 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފިނި ދުވަހެކެވެ. (ހިޖުރައިން 656 ވަނަ އަހަރުގެ މުޙައްރަމް މަހެވެ.)
ޢައްބާސީންގެ ރަންޒަމާނުގެ ހެކިވެރިއެއް ކަމުގައިވި ދިޖުލާ ކޯރުގެ އައްސޭރީގައި، މަންޖަނީގުތަކުގެ ބާރުގަދަ ޙަމަލާތަކުން އެ ބޮޑު ސިޓީގައި އަލިފާން ރޯކޮށް ސިޓީ އަނދަމުންދިޔަ މަންޒަރު ބަލަން ޒުވާން މަޣޫލް ކޮމާންޑަރަކު އަހެއްގެ މަތީގައި އިނެވެ. އެއީ ހޫލާކޫ ޚާންއެވެ. ނަމަވެސް ބިރުން ސިހި، މަރުގެ ތުންފަތްމަތީގައި ތިބި ބަޣުދާދުގެ ރައްޔިތުންނަށް އެތާ ހުރި މީހަކީ ހަމައެކަނި ޒުވާން ކޮމާންޑަރެއް ނޫނެވެ. އެއީ މަޣޫލުންގެ ބޮޑުކާފަ ކަމުގައިވި އަނިޔާވެރި ޖަންގީޒް ޚާންގެ ނަކަލެކެވެ.
މެދުއިރުމަތީގެ ޙަޟާރަތުގެ ނާރެސް ކަމުގައިވި ދިޖުލާ ކޯރުން އެ ދުވަސްވަރު ބެހެމުންދިޔައީ ހަމައެކަނި ސާފު ފެނެއް ނޫނެވެ. އެ ކޯރުގެ ފެންގަނޑު އޮތީ ފޮތްތަކުގެ ކަޅު ދެއްޔާއި، އިންސާނުންގެ ރަތް ލެއާ އެކުވެފައިވާ ކަޅު މުށިކުލައިން ތަޣައްޔަރުވެފަވެ.
ހޫލާކޫ ޚާންގެ މަޣޫލު ލަޝްކަރުތަކުން ބަޣުދާދުގެ ރަށްބޭރުގެ ބޮޑުފާރު ވަށާލައި، ޚަލީފާ އަލްމުސްތަޢިޞިމް ބިﷲ ގެ ވެރިކަމުގެ ބިންގާ ގުޑުވާލި ހިނދު، އެތައް ޤަރުނެއް ވަންދެން މީހުން ތައުލީމު އުނގެނެމުން ދިޔަ ޢިލްމީ މަރުކަޒުތަކަށް ނިމުމެއް އައެވެ.
ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު، ޚަލީފާ އަލްމުޢްތަޞިމަށް އަމާން ދެއްވުން ނޫން ގޮތެއް ނެތެވެ. ސަހަރުގެ ބޮޑު ދޮރާށިން ޚަލީފާ ނިކުމެވަޑައިގެން އަމާން ދެއްވި ހިނދު، އޭނާގެ ފަހަތްޕުޅުން އެތައް ސަތޭކަ ޢިލްމުވެރިންނާއި، ދައުލަތުގެ ބޮޑުން ނިކުންނެވިއެވެ. ނަމަވެސް މަޣޫލުންގެ އަނިޔާވެރިކަމުގައި އެވެރިންނަށް ރަޙުމެއް ނުލިބުނެވެ. ގިނަ ބަޔަކު ވަގުތުން ޤަތުލުކުރެވުނެވެ.
މަޣޫލުން ބަޣްދާދުގެ ދޮރުތައް ވައްޓާލައިގެން އެތެރެވުމަށްފަހު، އެތައް ހަފްތާއެއް ވަންދެން ހިންގި ޤަތުލުޢާއްމުތަކަކީ އިސްލާމީ ތާރީޚު ދުށް އެންމެ ހިތްދަތި އެއް ހާދިސާއެވެ.
- ބައިތުލް ޙިކްމާގެ ލައިބްރަރީގައި ރައްކާކުރެވިފައި ހުރި އެތައް ހާސް އަގުހުރި ފޮތްތައް ކޯރަށް އުކާލެވުނެވެ. ތާރީޚު ބުނާ ގޮތުން، ފޮތްތަކުގެ ދެއްޔާއި، ޤަތުލުކުރެވުނު މީހުންގެ ލެއިން ދިޖުލާ ކޯރުގެ ފެންގަނޑުގެ ކުލަ ބަދަލުވެގެންދިޔައެވެ.
- އެއްވެސް މީހަކަށް ރަތްކާތެރިކަމެއް ނެތެވެ. ގެތަކާއި، މިސްކިތްތަކާއި، ބާޒާރުތަކުގައި ލޭގެ ކޯރުތައް ބެހެމުން ދިޔައެވެ. ބަޣްދާދު މުޅިން ހުސްކޮށްލެވުނެވެ. ސަހަރުގެ ބޮޑު ބައެއް އަލިފާން ރޯކޮށް އަންދާލެވުނެވެ.
ޚަލީފާ އަލްމުސްތަޢިޞިމް އަށް ދެވުނު އަނިޔާއަކީ އޭރުގެ މުސްލިމް ދުނިޔެއަށް ލިބުނު އެންމެ ބޮޑު ސިހުމެވެ. މަޣޫލުން ޚަލީފާ ޤަތުލުކުރީ އަނިޔާވެރިކަން ބޮޑު ގޮތެއްގައެވެ. ޚަލީފާގެ ލޭ ބިމަށް އޮހެރިދާނެތީ، ޚަލީފާ ދޫލައަކަށްލައި އޮޅާލުމަށްފަހު، އަސްތައް މަތިން ދުއްވައި ޚަލީފާ އަވަހާރަކޮށްލީއެވެ. އަބުލްއައްބާސް އައްސައްފާޙު ބިންގާ އެޅި ޢައްބާސީ ޚިލާފަތުގެ 500 އަހަރުވީ ވެރިކަމުގައި ސިއްކަ ޖެހުމެކެވެ.
ބަޣުދާދުގެ މި ހާދިސާއަކީ ހަމައެކަނި ޢިމާރާތްތަކެއް ސުންނާފަތި ކޮށްލުމެއް ނޫނެވެ؛ އެއީ މުޅި އިސްލާމީ ޙަޟާރަތުގެ ޢިލްމީ އަދި ސިޔާސީ މައިބަދަ ބިންދައިގެންދިޔަ ދުވަހެވެ.
ޖަންގީޒް ޚާން މަރުވިތާ 30 އަހަރު ފަހުން…
ބޮޑުކާފަ ޖަންގީޒް ޚާން، ހިޖުރައިން 624 (މީލާދީން 1227) ގައި ދުނިޔެ ދޫކުރިއިރު، ޕެސިފިކް ކަނޑުން ފެށިގެން އިރުމަތީ ޔޫރަޕްގެ ބޯޑަރުތަކާ ހަމައަށް ފެތުރިފައިވާ ބޮޑު ރަސްކަމެއް ދޫކުރިއެވެ. ޖަންގީޒް ޚާން މަރުވީ ހަރުކަށި ވަޞިއްޔަތެއް ދޫކޮށްފައެވެ. މުޅި ދުނިޔެ މަޣޫލުންގެ ބާރުގެ ދަށަށް ގެނައުމަކީ އޭނާގެ ވަސިއްޔަތެކެވެ.
ބޮޑުކާފަ ޖަންގީޒް ޚާން މަރުވިތާ 30 އަހަރު ފަހުން، އޭނާގެ ކާފަދަރިފުޅު ހޫލާކޫ ޚާން، އޭނާގެ ބޭބެ "މަންކޫ ޚާން" ގެ އަމުރަށް، ކާފަ ފެށި މަސައްކަތް ނިންމުމަށް އިސްލާމީ ޚިލާފަތުގެ ދަށުގައިވާ ބިންތަކަށް މިސްރާބު ޖެއްސެވެ.
ތާރީޚު ދިރާސާކުރާ ބޭފުޅުން އެއްބަސްވާ ގޮތުގައި ހިޖުރައިން 656 / މީލާދީން 1258 ގައި ބަޣުދާދު އޮތީ ޣާފިލުކަމެއްގައެވެ. ބަޣުދާދުގެ ގާ އަތުރާފައިވާ މަގުތަކުގައި ރޭ އަލިކުރުމަށް ދިއްލާފައި ހުންނަ ބައްތިތައްވެސް އިރުއަރާއިރުވެސް ނިއްވާލާނެ މީހަކު ނުވެއެވެ.
ޚަލީފާ އަލްމުސްތަޞިމް ބިﷲ ހީކުރެއްވީ ޢައްބާސީ ޚިލާފަތުގެ ހައިބަތާއި، އިސްލާމީ އުންމަތުގެ ރޫޙާނީ ބާރުން އެކަނިވެސް ދުޝްމަނުން ބިރު ގަންނަވާލެވޭނެ ކަމަށެވެ. ޚަލީފާއަށް ހީފުޅުކުރެއްވިފައި އޮތީ މުޅި މުސްލިމް ދުނިޔެ ބަޣުދާދުގެ ދިފާޢުގައި ތެދުވާނެ ކަމަށެވެ.
ނަމަވެސް، ކާފަ ޖަންގީޒް ޚާންގެ ހަނގުރާމައިގެ ރޭވުންތަކަށް ހޭނިފައިވާ އަދި އޭނާގެ ހަރުކަށި އަނިޔާވެރިކަން ދަސްކޮށްފައިވާ ހޫލާކޫއަށް، ރަށެއްގެ މާތްކަން ނުވަތަ ބައެއްގެ ރޫޙާނީ ބާރަކަށް އިތުބާރެއް އަދި އިޙްތިރާމެއް ވެސް ނެތެވެ.
"ހޫލާކޫ ބަޣުދާދުގެ ފާރުތަކުގެ ކައިރިއަށް އައީ ސުލްޙައިގެ ޝަރުޠުތަކަކަށް ވާހަކަދައްކާކަށެއް ނޫނެވެ. އޭނާ އައީ މުޅި ޒަމާނެއް ފޮހެލާށެވެ. އެ ވަގުތު، އެ ކާފަދަރިފުޅު އަމިއްލަ ނަފްސު ސިފަކުރީ ޖަންގީޒް ޚާންގެ ދުނިދަނޑީގައި އޮތް އެންމެ ފަހުގެ އަދި އެންމެ ނުރައްކާތެރި ތީރުގެ ގޮތުގައެވެ." ތާރީޚު އިލްމުވެރިން ލިޔައެވެ.
ޢައްބާސީންގެ ވެރިރަށް ބަޣުދާދު ޙިޞާރުކުރުން ފެށުނީ ހިޖުރައިން 656 ވަނަ އަހަރުގެ މުޙައްރަމް މަހުގެ ފަހުކޮޅު (ޖެނުއަރީ 1258) ގައެވެ. ބަޣުދާދުގެ ބިޔަ ދިފާޢީ ފާރުތައް ވެއްޓި، އެ ރަށުގެ ރޭތައް އަލިފާނާއި އަޅީގެ ނަރަކައަކަށް ބަދަލުވުމަށް ނެގީ އެންމެ މަދު ހަފްތާތަކެކެވެ.
މި ބިރުވެރި މަންޒަރުގެ ތެރޭގައި، ހޫލާކޫ ޚާން ދިޔައީ އޭނާގެ ކާފަ ޖަންގީޒް ޚާންގެ ހަރުކަށި ޤާނޫނު ކަމުގައިވި "ޔާސަޤު" އެންމެ ފުރިހަމައަށް ތަންފީޛުކުރަމުންނެވެ. އެ ގާނޫނަކީ، ހަނގުރާމައިގައި މަޣޫލުން އަމަލު ކުރުމަށް އަންގާފައިވާ އިރުޝާދުތަކެވެ.
މަޣޫލުންގެ ހަމަލާގައި ހަނގުރާމައިގެ އަޑަށްވުރެ މަތިވެރި އަޑެއް އިވިގެން ނުވާނެއެވެ. އެއްވެސް އިލްމުވެރިއަކަށް އަމާން ކަމެއް ނޯންނާނެއެވެ. އެއްވެސް އާޘާރީ ބިނާއަކަށް ރައްކާތެރިކަމެއް ނޯންނާނެއެވެ. ކަމުވޮށިގެންވާ މީހުންނަށް އަމާނެއް ނޯންނާނެއެވެ.
ހޫލާކޫ ބަޣުދާދު ފަޅުކޮށްލުމަށްފަހު، އިސްލާމީ ދައުލަތުގެ ބައެއް އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށްފަހު ފުރައިގެން ދިޔައެވެ. ނަމަވެސް ތާރީޚަކީ އަބަދުވެސް ކުއްލި ބަދަލުތަކާއި ޢަޖައިބުތަކުން ފުރިގެންވާ އެއްޗެކެވެ.
ބަޣުދާދުގެ އިސްލާމީ ޙަޟާރާ ސުންނާފަތިކޮށްލި މަޣޫލް އުންމަތް، މަދު ޖީލުތަކަކަށްފަހު އަމިއްލައަށް އިސްލާމްދީން ޤަބޫލުކުރިއެވެ. އަދި އޭގެ ފަހުން ހޫލާކޫ އާއި ޖަންގީޒް ޚާންގެ ކާފަދަރިން ވެގެންދިޔައީ އީރާނާއި، ޢިރާޤު އަދި މެދުތެރޭ އޭޝިޔާގެ ބައެއް ސަރަޙައްދުތަކުގައި އިސްލާމީ ފަންނުވެރިކަމާއި، ޢިލްމާއި، ބޮޑެތި ބިނާތަކަށް އެހީތެރިވެ އެކަންކަން ދިރުވައި ބެލެހެއްޓި ބަޔަކަށެވެ. އިނގިރޭސިންގެ އިސްތިއުމާރާ ހަމައަށް މިމީހުން އިސްލާމީ ގައުމުތަކުގައި ވެރިކަން ކުރިއެވެ.
މިއަދުވެސް ބަޣުދާދު އޮތީ ލިބުނު ހުރިހާ ޒަޚަމްތަކާއި ހާނީއްކަތަކާއެކުވެސް ދިރިހުރި، ސިލްސިލާ ޘަޤާފީ ސިޓީއެއްގެ ގޮތުގައެވެ. ނަމަވެސް މަޣޫލުންގެ ބޮޑު ރަސްކަން ވަނީ ނެތިގޮސް، ހަމައެކަނި ތާރީޚުގެ ފޮތްތަކުގެ ބައަކަށް ވެފައެވެ.
އިސްލާމީ ތާރީޚް2: ސިޔާސީ ތޫފާންތަކާއި ޢިލްމީ ރަންޒަމާން: ހިޖުރައިން 8ވަނަ ޤަރުނު





