ތަށި އުފުލާލާނެ ކަމަށް ދައްކަނީ ކޮން ގައުމެއް؟

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް ފެށެން ވަގުތު ކުޑަތަންވާއިރު، ފުޓްބޯޅައިގެ މާހިރުންނާއި ސަޕޯޓަރުންގެ މެދުގައި އޮތް އެންމެ ބޮޑު ސުވާލަކީ މި ފަހަރުގެ ރަންތަށި އުފުލާލާނީ ކޮން ޤައުމަކުންތޯ ކުރެވޭ ސުވާލެވެ. މިއަދުގެ ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި މި ސުވާލަށް ލިބޭ ޖަވާބުތައް މިވަނީ އެއް ދިމާލަކަށް އަމާޒުވެފައެވެ. އެއީ ސްޕޭނެވެ.

މީގެ ކުރިން ޖެހިޖެހިގެން ބޭއްވި ހަތަރު ވޯލްޑް ކަޕެއްގެ ޗެމްޕިއަން ކަން ކާމިޔާބުކަމާއެކު ދިމާކޮށްފައިވާ މަޝްހޫރު ވީޑިއޯ ގޭމް ކުންފުނި، އީއޭ އެސްޕޯޓްސް އިން ބުނާ ގޮތުގައި 2026 ގެ މުބާރާތް ކާމިޔާބުކުރާނީ ސްޕޭނެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި އެ ކުންފުނިން ހާމަކުރި ގޮތުގައި، މިއީ އެމީހުންގެ ސައްހަ ލަފާކުރުންތަކުގެ ސިލްސިލާއަށް އިތުރުވާނެ ފަސްވަނަ މުބާރާތެވެ.

އީއޭ އެސްޕޯޓްސް އަކީ 2010 ގައި ސްޕޭން، 2014 ގައި ޖަރުމަނު، 2018 ގައި ފަރަންސޭސިވިލާތް، އަދި 2022 ގައި އާޖެންޓީނާ މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބުނެ، އެ މުބާރާތްތައް ފެށުމުގެ ކުރިން ސީދާ ނަތީޖާ ދިމާކުރި ކުންފުންޏެވެ.

ސްޕޭނަށް މުބާރާތް ލިބޭނެ ކަމަށް ބުނަނީ ހަމައެކަނި ވީޑިއޯ ގޭމްގެ ސިމިއުލޭޝަންތަކަކުން ނޫނެވެ. ކުޅިވަރުގެ ތަފާސްހިސާބުތައް ދިރާސާކުރާ މަޝްހޫރު "އޮޕްޓާ" ގެ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްއިންވެސް ވަނީ މިފަދަ ނަތީޖާއެއް ނެރެފައެވެ.

އޮޕްޓާ އަކީ އާދައިގެ ކޮމްޕިއުޓަރެއް ނޫނެވެ. އެއީ ޓީމުތަކާއި ކުޅުންތެރިންގެ ޑޭޓާއަށް ބިނާކޮށް، މުޅި މުބާރާތް 10،000 އަށްވުރެ ގިނަ ފަހަރު ޑިޖިޓަލްކޮށް ކުޅުވައި، ކޮންމެ ޓީމަކަށް މެޗުތަކުން މޮޅުވުމާއި ފައިނަލަށް ދިއުމުގެ ފުރުޞަތު އޮތް މިންވަރު އިންސައްތައިން ލަފާކުރާ ސިސްޓަމެކެވެ. މި ހުރިހާ ސިމިއުލޭޝަންތަކަކަށް ފަހު، މި އެލްގޮރިދަމްގެ ނިންމުމަކީވެސް 2026 ގެ ޗެމްޕިއަނަކަށް ވާނީ ސްޕޭން ކަމެވެ.

އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ މި ފަހަރުގެ ވޯލްޑް ކަޕަކީ ފީފާގެ ތާރީޚުގައިވެސް ބާއްވާ އެންމެ ބޮޑު މުބާރާތެވެ. ފުރަތަމަ ފަހަރަށް 48 ޤައުމަކުން 1,248 ކުޅުންތެރިން މި މުބާރާތުގައި ވާދަކުރާނެއެވެ.

މުބާރާތުގެ ފޯމެޓަށް ގެނެސްފައިވާ ބަދަލުތަކާއެކު، ޓީމުތައް ވަނީ 12 ގްރޫޕަކަށް ބަހާލެވިފައެވެ. ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތަކުގެ އިތުރުން، ތިންވަނައަށްދާ އެންމެ މޮޅު ޓީމުތަކާއެކު، ވޯލްޑް ކަޕްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް "ރައުންޑް އޮފް 32″ ގެ ނޮކްއައުޓް މަރުޙަލާ ފެށިގެންދާނެއެވެ. ޖުމްލަ 104 މެޗު ކުޅުމަށްފަހު، މި މުބާރާތް ނިމުމަކަށް އަންނާނީ އަންނަ ޖުލައި މަހުގެ 12 ގައެވެ.

މި ކުލަގަދަ ތައްޔާރީތަކާއެކުވެސް، މޫސުމަށް އަންނަ ބަދަލުތަކާއި ބައެއް ސަރަޙައްދުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން މެޗުތަކަށް ބައެއް ކަހަލަ ހުރަސްތައް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުންތައް ތިމާވެށީގެ މާހިރުން ދަނީ ފާޅުކުރަމުންނެވެ. ނަމަވެސް، ދުނިޔޭގެ ފުޓްބޯޅަ މުޖުތަމައު މިހާރު އޮތީ ޓެކްނޮލޮޖީގެ މި ބޮޑު ލަފާކުރުން ހަގީގަތަކަށް ވާނެތޯ ބެލުމުގެ ޝައުޤުވެރިކަމުގައެވެ.

ހިއްސާ ކުރައްވާ!