ކްލަބުތަކުގައި ރަސްކަންކޮށް، ވޯލްޑް ކަޕްގެ ރަނުން މަޙްރޫމްވި ލެޖެންޑުން

އަންނަ ބުރާސްފަތި ދުވަހު ފަށާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ޕޯޗުގަލްގެ ސުޕަރސްޓާ ކްރިސްޓިއާނޯ ރޮނާލްޑޯގެ 6 ވަނަ މުބާރާތެވެ. ކްލަބު ފެންވަރުގައާއި އަމިއްލަގޮތުން ހޯދޭނެ ހުރިހާ ކާމިޔާބީއެއް ހޯދާފައިވީ ނަމަވެސް، ރޮނާލްޑޯގެ ހުވަފެނަކީ ފާއިތުވި 5 މުބާރާތުގައިވެސް އޭނާއަށް އަތުނުވި ވޯލްޑް ކަޕްގެ ރަންތަށި އުފުލާލުމެވެ.

ރޮނާލްޑޯ ފަދައިން، ކްލަބުތަކަށް ކުޅެގެން ދުނިޔެ ސިއްސުވާލި ނަމަވެސް ވޯލްޑް ކަޕް ކާމިޔާބު ނުކުރެވި ކެރިއަރު ނިންމާލަން ޖެހުނު، ނުވަތަ އެ މަގަށް ދަތުރުކުރާ އެތައް މޫނުތަކެއް ފުޓްބޯޅަ ތާރީޚުން ފެންނަން އެބަހުއްޓެވެ.

މިވަނީ ކްލަބުތަކުގައި ރަސްކަން ކުރި ނަމަވެސް، ވޯލްޑް ކަޕްގެ ރަން މެޑަލް ކަރުގައި އަޅަން ނަސީބުނުވި ބައެއް ބޮޑެތި ލެޖެންޑުންގެ ވާހަކައެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗުގަލް)

2006 ވަނަ އަހަރުން ފެށިގެން ވޯލްޑް ކަޕްގައި ކުޅެމުންދާ ރޮނާލްޑޯ ވަނީ މުބާރާތުގައި 22 މެޗު ކުޅެ، 8 ގޯލު ޖަހާފައެވެ. ޗެމްޕިއަންސް ލީގު 5 ފަހަރު، އަދި ޕޯޗުގަލްއާއެކު ޔޫރޯ މުބާރާތް ކާމިޔާބު ކުރި ނަމަވެސް، ވޯލްޑް ކަޕްގައި އޭނާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 2006 ވަނަ އަހަރު ހޯދި 4 ވަނައެވެ.

ލޫކާ މޮޑްރިޗް (ކްރޮއޭޝިއާ)

މިފަހަރުގެ ވޯލްޑް ކަޕަކީ އުމުރުން ދުވަސްވީ މިޑްފީލްޑަރުގެ 5ވަނަ މުބާރާތެވެ. 2018 ވަނަ އަހަރު ކްރޮއޭޝިއާ ގޮވައިގެން މޮޑްރިޗް ވޯލްޑް ކަޕްގެ ފައިނަލަށް ދިޔަ ނަމަވެސް، ފްރާންސް އަތުން ބަލިވެ ލިބުނީ ރަނުގެ ފުރުޞަތެއް ނޫނެވެ.

ޔޯހަން ކްރައިފް (ހޮލެންޑް)

ޑަޗް ފުޓްބޯޅައިގެ އެންމެ ބޮޑު ލެޖެންޑް ކަމަށްވާ ކްރައިފް ވަނީ އަޔަކްސްއާއެކު 3 ފަހަރު ޗެމްޕިއަންސް ލީގު ހޯދާފައެވެ. ނަމަވެސް އޭނާ ކުޅުނު ހަމައެކަނި ވޯލްޑް ކަޕް ކަމަށްވާ 1974 ވަނަ އަހަރުގެ ފައިނަލްގައި ޖާމަނީ އަތުން ބަލިވެ، ތަށީގައި އަތްލެވޭ ގޮތެއް ނުވިއެވެ.

ކަރުނައާއި ނާކާމިޔާބީގެ އެހެން ބައެއް ވާހަކަތައް

  • ޒީކޯ (ބްރެޒިލް): ތިން ވޯލްޑް ކަޕެއްގައި 14 މެޗު ކުޅެ 11 ގޯލަށް އެހީތެރިވި ނަމަވެސް، 1986 ވަނަ އަހަރުގެ ކުއާޓާ ފައިނަލްގައި އޭނާ އަތުން ޕެނަލްޓީއެއް ބޭކާރުވެ، މުބާރާތުން ވަނީ ވަކިވާން ޖެހިފައެވެ.
  • ރޮބާޓޯ ބާޖިއޯ (އިޓަލީ): 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ބްރެޒިލްއާ ދެކޮޅަށް ޖެހި ނިންމާލި ޕެނަލްޓީ ބޭކާރުވުމަކީ ބާޖިއޯގެ ކެރިއަރުގެ އެންމެ ހިތްދަތި ހަނދާނެވެ.
  • ޕައުލޯ މަލްދީނީ (އިޓަލީ): އޭސީ މިލާނާއެކު 5 ފަހަރު ޗެމްޕިއަންސް ލީގު ހޯދި ދުނިޔޭގެ އެންމެ މޮޅު އެއް ޑިފެންޑަރަށްވެސް 1994 ވަނަ އަހަރުގެ ފައިނަލްގައި ލިބުނީ ނާކާމިޔާބީއެވެ.
  • މިޝޭލް ޕްލެޓިނީ (ފްރާންސް): ތިން ވޯލްޑް ކަޕުންވެސް އޭނާއަށް ތަށި ލިބޭ ގޮތެއް ނުވިއެވެ.
  • ފެރެންކް ބުޝްކާޝް (ހަންގޭރީ): ރެއާލް މެޑްރިޑާއެކު 3 ފަހަރު ޔޫރަޕްގެ ރަސްކަން ކުރި ނަމަވެސް، 1962 ވަނަ އަހަރު ހަންގޭރީ ޓީމާއެކު މުބާރާތުގެ ފުރަތަމަ ބުރުން ވަނީ ކަޓާފައެވެ.

މީގެ އިތުރުން ރަޝިޔާގެ ލެޖެންޑް ކީޕަރު ލީވް ޔާޝިން އަދި ހޮލެންޑްގެ މާކޯ ފޭން ބާސްޓަން ފަދަ ކުޅުންތެރިންނަކީވެސް ކްލަބު ފެންވަރުގައި ދުނިޔެ ބަލިކުރި ނަމަވެސް، ވޯލްޑް ކަޕްގެ ރަންތަށީގައި ބޮސްދިނުމުގެ ނަސީބު ލިބުނު ބައެއް ނޫނެވެ.

ހިއްސާ ކުރައްވާ!