އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ތާރީޚީ ވޯލްޑް ކަޕަށް ދުނިޔޭގެ 48 ޤައުމަކުން 1248 ކުޅުންތެރިން ނިކުންނައިރު، މުޅި މުބާރާތުގެ މިސްރާބު ބަދަލުކޮށްލާނެ 24 ކުޅުންތެރިއަކު ތަފާސްހިސާބުތަކުން ހޮވައިފިއެވެ. "އޮޕްޓާ" ގެ ތަފާސްހިސާބުތަކަށް ބަލައި އެނަލިސްޓް ޕްލެޓްފޯމުން ނެރުނު މި ލިސްޓުގައި، އަމިއްލަ ކްލަބުތަކުގައި ދެއްކި މޮޅު ކުޅުމާއެކު ޤައުމީ ޓީމުތަކުގެ ސިއްރު ހަތިޔާރަށް ވާނެ ކުޅުންތެރިން ވަނީ ހިމަނާފައެވެ.
މި ލިސްޓުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ:
-
މޫސާ އައްތައަމަރީ (ޖޯޑަން): ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުން ޖާގަހޯދި ޖޯޑަން ޓީމުގެ އެންމެ މުހިންމު ތަރިއަކީ ފްރާންސްގެ މޮންޕެލިއޭއަށް ކުޅޭ މި ކުޅުންތެރިޔާއެވެ. ފްރާންސް ލީގުގައި އެންމެ ގިނަ ޕެނަލްޓީ ހޯދައިދިން އަދި އިދިކޮޅު ފަޅިން އެންމެ ގިނައިން ބޯޅަ ހޯދި ކުޅުންތެރިޔަކީ އޭނާއެވެ.
-
އިސްމާއިލް ޞައިބާރީ (މޮރޮކޯ): ހޮލެންޑް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ޞައިބާރީ ވަނީ އޭއެންޑްހޮވަންއަށް ދެ ސީޒަނުގައި 24 ގޯލު ޖަހައި އެސިސްޓް ކޮށްދީފައެވެ. އޭނާގެ ކުޅުމުގެ ސްޓައިލް އަޅާކިޔެނީ އޮސްމާން ޑެމްބެލޭ އަދި ލަމީން ޔަމާލްއާއެވެ.
-
އިބްރާހީމް މާޒާ (އަލްޖީރިއާ): ހާތާ ބާލިންއިން ބަޔާރ ކޫސަނަށް ބަދަލުވި އުމުރުން 20 އަހަރުގެ މިޑްފީލްޑަރަކީ ޖާމަނީ ލީގުގައި އެންމެ ގިނަ ދުވުންތަކާއި އޭރިއާ ތެރޭގައި ހަރަކާތް ގިނަ އެންމެ ނުރައްކާތެރި އެއް ކުޅުންތެރިޔާއެވެ.
-
އަރުދާ ގުލާ (ތުރުކީ): ރެއާލް މެޑްރިޑާއެކު ވިދަމުންދާ އުމުރުން 22 އަހަރުގެ ގުލާ މުބާރާތަށް ނިކުންނަނީ ސްޕެނިޝް ލީގުގައި ރެއާލްއަށް އެންމެ ގިނަ ފުރުޞަތު ތަނަވަސްކޮށްދިން ކުޅުންތެރިޔާގެ ގޮތުގައެވެ.
-
ލަމީން ޔަމާލް (ސްޕެއިން): އުމުރުން 18 އަހަރުގެ ޔަމާލް ވަނީ ބާސެލޯނާއަށް ސައްވީސް ގޯލު ޖަހައި، ޔޫރަޕްގައި އެންމެ ގިނަ ޑްރިބްލިންގްސް ހެދި ކުޅުންތެރިޔާގެ ރެކޯޑް ހޯދާފައެވެ.
-
މައިކަލް އޮލީސޭ (ފްރާންސް): ޔޫރަޕްގެ ބޮޑު 5 ލީގަށް ބަލާއިރު 22 ގޯލު ޖަހައި 24 އެސިސްޓް ހެދި ހަމައެކަނި ކުޅުންތެރިޔާއެވެ. އޭނާއަކީ މިފަހަރުގެ ބެލޮންޑޯއަށްވެސް ވާދަކުރާނެ ކުޅުންތެރިއެކެވެ.
-
ދޯންޔެލް މާލެން (ހޮލެންޑް): ރޯމާއަށް ބަދަލުވުމަށްފަހު ފާއިތުވި ސީޒަނުގައި 14 ގޯލު ޖަހައި، އިބްރަހިމޮވިޗް އަދި ރޮނާލްޑޯ ފަދަ ލެޖެންޑުންގެ ރެކޯޑްތަކާ އޭނާ ވަނީ އަރާ ހަމަކޮށްފައެވެ.
-
ވިލިއަން ބާޗޯ (އިކުއެޑޯ): ޕީއެސްޖީއާއެކު ފްރާންސް ލީގު ހޯދި ޑިފެންޑަރަކީ ދެކުނު އެމެރިކާގެ ކޮލިފައިންގައި އެންމެ ފާހަގަކޮށްލެވުނު އެއް ފާރެވެ.
މީގެ އިތުރުން އިންގްލޭންޑްގެ އެލިއަޓް އެންޑަސަން، ޖާމަނީގެ އަލެކްސަންޑަރ ޕަވްލޮވިޗް، އަދި ބްރެޒިލްގެ ލުއިޒް ހެންރީކޭ ފަދަ ކުޅުންތެރިންނަކީ މިފަހަރުގެ ވޯލްޑް ކަޕްގައި އެ ޤައުމުތަކުގެ ނަތީޖާ ބަދަލުކޮށްލާނެ ފަދަ މޮޅު ކުޅުމެއް ކްލަބުތަކުގައި ދައްކާފައިވާ ކުޅުންތެރިންނެވެ.






