ޒަމާނުގެ އެންސައިކްލޯޕީޑިއާ: "އަލްޢިޤްދުލް ފަރީދު" އަދި އޭގެ މުޞައްނިފު

އިސްލާމީ އަންދަލުސްގެ ރަންޒަމާނުގައި އުފެދުނު އަދަބީ މުއްސަނދިކަމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބިނާއަކީ "އަލްޢިޤްދުލް ފަރީދު" (العقد الفريد) އެވެ. މިއީ އަރަބި ބަހާއި އަދަބިއްޔާތުގެ، އަދި ތާރީޚާއި ސިޔާސީ ސިޔަރަތުގެ އެންމެ ބޮޑު އެންސައިކްލޮޕީޑިއާއެވެ. މި ފޮތަކީ އޭގެ ޒާތުގައި މުޅި އިސްލާމީ އުންމަތުގެ އަދަބީ ތިލަފަތް ހަމަކޮށްދިން މުހިންމު ރެފަރެންސެކެވެ.

ލިޔުންތެރިޔާ އަދި އޭނާ އުޅުއްވި ޒަމާން

މި އަގުހުރި ފޮތުގެ މުޞައްނިފަކީ އަންދަލުސްއަށް އުފަން މަޝްހޫރު އަދީބު އަދި ޅެންވެރިޔާ އަބޫ ޢުމަރު އަޙްމަދު ބިން މުޙައްމަދު ބިން ޢަބްދު ރައްބިހީ އެވެ.

  • އޭނާ އުފަންވީ ހިޖުރައިން 246 ވަނަ އަހަރު (މީލާދީން 860)ސްޕެއިންގެ އަންދަލުސްގެ ވެރިރަށް ޤުރުޠުބާ އަށެވެ. އަދި އަވަހާރަވީ ހިޖުރައިން 328 ވަނަ އަހަރު (މީލާދީން 940) އުމުރުފުޅުން 82 އަހަރުގައެވެ.

  • އޭނާގެ ދިގު ޙަޔާތުގައި އަންދަލުސްގެ އުމަވީ ދައުލަތުގެ ހަތަރު ވެރިއެއްގެ ޒަމާން ފެނުނެވެ. އެއީ އަމީރު މުޙައްމަދު (ފުރަތަމަ)، އަމީރު އަލްމުންޛިރު، އަމީރު ޢަބްދުﷲ، އަދި އަންދަލުސްގެ އެންމެ ނުފޫޒުގަދަ ޚަލީފާ ޢަބްދުރަޙްމާން އައްނާޞިރު (ޢަބްދުރަޙްމާން ތިންވަނަ) އެވެ. އިބްނު ޢަބްދު ރައްބިހީ އަކީ ޚަލީފާ އައްނާޞިރުގެ ގަނޑުވަރުގެ ރަސްމީ ޅެންވެރިޔާ އަދި އެ ޚަލީފާގެ އަރިސް މުޝީރެކެވެ.

ފޮތް އެކުލަވާލުމުގެ މަޤްޞަދާއި އޭގެ ނަން

އިބްނު ޢަބްދު ރައްބިހީ މި ފޮތް ލިޔުއްވުމުގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ ބައްރުގެ އިރުމަތީގައި ބަޣުދާދާއި، ދިމިޝްޤާއި، މިޞްރުގައި އުފެދިފައިވާ މުއްސަނދި އަދަބިއްޔާތާއި، ބަޔާންކޮށްދިނުމުގެ ރީތި އުސޫލުތައް ހޯއްދަވައި، އެ ތަކެތި ހުޅަނގުގެ އަންދަލުސްގެ އަހުލުވެރިންނަށް ފޯރުކޮށްދެއްވުނުމެވެ.

މުޞައްނިފު މި ފޮތަށް ދެއްވި އަސްލު ނަމަކީ ހަމައެކަނި "އަލްޢިޤްދު" (ހާރު) އެވެ. ނަމަވެސް، ފަހުގެ ޒަމާންތަކުގައި ފޮތުގެ ކޮޕީ އަތުން ލިޔުނު ނައްސާޚުން މީގެ އަގުހުރިކަމާއި މުހިންމުކަން ބޮޑުކަމުން "އަލްފަރީދު" (އެފަދަ ދެވައެއް ނެތް) މި ނަން އިތުރުކޮށް، "އަލްޢިޤްދުލް ފަރީދު" ގެ ނަމުން މަޝްހޫރުކުރީއެވެ.

ފޮތުގެ ބާބުތައް: 25 ޖަވާހިރު

ފޮތުގެ ނަމާ އެއްގޮތަށް، އިބްނު ޢަބްދު ރައްބިހީ މުޅި ފޮތް އެކުލަވާލައްވާފައިވަނީ ރީތި ޖަވާހިރު ހާރެއްގެ ސިފައިގައެވެ. އޭނާ މުޅި ފޮތް 25 ބާބަށް ބައްސަވާފައި ވެއެވެ. އަދި ކޮންމެ ބާބަކަށް ދެއްވާފައިވަނީ އަގުބޮޑު ޖަވާހިރެއްގެ ނަމެވެ. މީގެ ތެރެއިން ބައެއް މިސާލުތަކަކީ:

  • އައްލުއުލުއާ (މުތް): ވެރިކަމާއި ސުލްޠާނުންގެ ބާބު.

  • އަލްޔާޤޫތާ (ރޫބީ): ޢިލްމާއި އަދަބިއްޔާތުގެ ބާބު.

  • އަލްމަރުޖާނާ (މުރަކަ): ރަސްރަސްކަލުންނާ މުޚާޠަބުކޮށް ވާހަކަދެއްކުމުގެ ބާބު.

ފޮތުގެ މުހިންމުކަމާއި ތާރީޚީ އަގު

މި ފޮތަކީ ހަމައެކަނި ޅެން ފޮތެއް ނޫނެވެ. މިއީ ތާރީޚީ އެތައް ހަގީގަތްތަކެއް ރައްކާތެރިކޮށްދީފައިވާ ސައްހަ މަސްދަރެކެވެ. އެހެން އެއްވެސް ފޮތަކުން ފެންނަން ނެތް ފަދަ ސިޔާސީ ޚަބަރުތަކާއި، ހަނގުރާމަތަކުގެ ތަފްޞީލުތަކާއި، މުސްލިމުންނާއި އަރަބިންގެ އާދަކާދަތައް މީގައި ހިމަނާފައި ވެއެވެ. އޭގެ އިތުރުން:

  • މިސާލު ބަސްތަކާއި، ޚުޠުބާތަކާއި، ބަލާޣާތްތެރި ވާހަކަތައް ހިމެނެއެ.
  • ކާބޯތަކެއްޗާއި، އަންހެނުންގެ ސަގާފަތާއި ސިފަތަކާއި، އިންސާނާގެ ތަބީޢަތްތަކުގެ މައްޗަށް ބަހުސްކޮށްފައިވެއެވެ.

"ތިމަންމަނިކުފާނު މި ފޮތް އެކުލަވާލެއްވީ، އަދަބިއްޔާތުގެ އެންމެ މޮޅު ޖަވާހިރުތަކާއި ބަޔާންކޮށްދިނުމުގެ އެންމެ ފުރިހަމަ ބައިތައް ހޮއްވަވައިގެންނެވެ. އެހެންކަމުން މިއީ ޖަވާހިރުތަކުގެ ތެރެއިންވާ ޖަވާހިރެކެވެ. އަދި މުތްތަކުގެ ތެރެއިންވާ މައިގަނޑު މުތެވެ." އިބްނު ޢަބްދު ރައްބިހީ އަމިއްލައަށް މި ފޮތް ސިފަކުރައްވަމުން ވިދާޅުވެފައިވެއެވެ.

މި ސަބަބަށްޓަކައި، ވޭތުވެދިޔަ ހުރިހާ ޒަމާންތަކެއްގައިވެސް ޢިލްމުވެރިންނާއި، އަދީބުންނާއި، އިލްމީ ދިރާސާވެރިން އެބޭފުޅުންގެ ފޮތްތަކާއި ދަރުސްތައް ތައްޔާރުކުރުމުގައި އެންމެ ބޮޑަށް އެހީތެރިކަން ހޯދި އެއް މަސްދަރަކަށް "އަލްޢިޤްދުލް ފަރީދު" ވެގެންދިޔައެވެ.

މިފަދަ ފޮތްތަކަކީ ރައީސް މައމޫން އިސްލާމީމަރުކަޒުގައި ހެއްދެވި ލައިބްރަރީގައި ހުރި ފޮތްތަކެވެ! އެއީ ބޮޑު ވެގެންވާ މުއްސަނދި ލައިބްރަރިއެކެވެ. މަރުހޫމް މޫސާ ޖަމީލު ލައިބްރަރީގައި އިސްކޮށް ހުންނެވިއެވެ. އެ ފޮތްތަކަށް ވީގޮތް އެ މަރުކަޒާ ހަވާލުވި ވެރިން ގާތުން އަހާށެވެ!

ހިއްސާ ކުރައްވާ!