ޔޫކޭގައި އުފުލާފައިވާ ރޭޕްގެ ދަޢުވާތަކުގެ ޝަރީޢަތް ފެށެންދެން މަޑުކޮށްގެންހުރި، ގާނާގެ މިޑްފީލްޑަރު ތޯމަސް ޕާޓޭއަށް ކެނެޑާއިން ވިސާ ނުދިނުމާ ގުޅިގެން، ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އޭނާއަށް ނުކުޅެވޭނެކަން ފީފާއިން ހާމަކޮށްފިއެވެ.
ވިސާ ރިޖެކްޓްވުމާ ގުޅިގެން ޕާޓޭ މިހާރު ވަނީ އެމެރިކާގެ ރޯޑް އައިލެންޑްގައި އޮތް ގާނާ ޓީމުގެ ބޭސް ކޭމްޕަށް އެނބުރާ ގޮސްފައެވެ. ކެނެޑާގެ ޓޮރޮންޓޯގައި ޕެނަމާއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗުގައި ނުކުޅެވުނު ނަމަވެސް، ޖޫން 23 ގައި އެމެރިކާގެ މަސަޗޫސެޓްސްގައި އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗާއި، ޖޫން 27 ގައި ފިލަޑެލްފިއާގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ ގްރޫޕްގެ ފަހު މެޗުގައި އޭނާއަށް ކުޅުމުގެ ފުރުޞަތު ލިބޭނެއެވެ.
ކުރިން އިނގިރޭސި ކްލަބް އާސެނަލްއަށް ކުޅުނު ދުވަސްވަރު (2020-2025) ހިންގާފައިވާ ކަމަށް ބުނާ މި ހާދިސާގެ ޝަރީޢަތް ތާވަލުކޮށްފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހަށެވެ. މިހާރު ސްޕެއިންގެ ވިޔަރެއާލްއަށް ކުޅެމުންދާ ޕާޓޭ ވަނީ އޭނާގެ މައްޗަށް ކުރާ ހުރިހާ ދަޢުވާތަކަށް އިންކާރުކޮށްފައެވެ.
މި މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ ތެރެއިން މިފަދަ މައްސަލައަކާ ކުރިމަތިލާންޖެހިފައިވަނީ ހަމައެކަނި ޕާޓޭއަކަށް ނޫނެވެ. މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ޙަކީމީއަކީވެސް ޕެރިހުގައި މިފަދަ މައްސަލައެއްގެ ޝަރީޢަތް ކުރިއަށްދާ ކުޅުންތެރިއެކެވެ. ގާނާއަކީ ފާއިތުވި 6 ވޯލްޑް ކަޕްގެ ތެރެއިން 5 މުބާރާތުގައި ވާދަކޮށްފައިވާ، އެފްރިކާގެ ބާރުގަދަ ޓީމެކެވެ.




