ޔޫއޭއީން އެހީވާ ކަމަށް ތުހުމަތު ކުރެވޭ ސޫދާނުގެ ސަރުކާރުން، ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އިން ދެކުނު ދާރުފޫރު ސްޓޭޓްގެ ވެރިރަށް އަލްފާޝިރުގައި ހުންނަ 'ދަޤްރީސް' އާއި 'ޝާލާ' ޖަލުގައި އިންސާނުންގެ ގުނަވަނުގެ ވިޔަފާރިކުރާ އޯގަނައިޒްޑް ނެޓްވޯކެއް ހިންގާ ކަމަށް ތުހުމަތު ކޮށްފިއެވެ. ސޫދާން ސަރުކާރުގެ އަންދާޒާތަކުން ދައްކާ ގޮތުގައި މި ޖަލުތަކުގައި ސިފައިންނާއި އާންމުން ހިމެނޭހެން 20،000 އެއްހާ މީހުން ހައްޔަރުކޮށްފައި އެބަތިއްބެވެ. ނަމަވެސް އާރްއެސްއެފްގެ ފަރާތްތަކުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.
އދ. އަށް ކަނޑައަޅާފައި ހުންނަވާ ސޫދާނުގެ ދާއިމީ މަންދޫބު އަލްހާރިތު އިދްރީސް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޝް އަދި ސަލާމަތީ މަޖިލީހުގެ ރައީސް ލިއޮނޯރް ޒަލަބާޓާ ޓޮރޭޒްއަށް މިދިޔަ ހުކުރު ދުވަހު ފޮނުއްވި ސިޓީއެއްގައި މި މައްސަލަ ފާހަގަކުރައްވާފައިވެއެވެ.
އަލްޖަޒީރާ އިން ހާމަކުރި މި ސިޓީގައި ބުނެފައިވަނީ، ދަޤްރީސް ޖަލުގައި އިންސާނީ ގުނަވަން ވިޔަފާރިކުރާ ނެޓްވޯކެއް ހިންގަމުންދާ ކަމުގެ ރިޕޯޓުތައް ސަރުކާރަށް ލިބިފައިވާ ކަމަށެވެ. އަދި މިކަމުގައި ކޮލަމްބިއާ އަދި ސާބިއާގެ ރައްޔިތުން ކަމަށް ޝައްކުކުރެވޭ ބޭރުގެ މެޑިކަލް މާހިރުންތަކެއް ބައިވެރިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
މި ސިޓީގައި ބުނެފައިވަނީ، ޖަލުގައި ތިބޭ ސިފައިންނާއި، ދާރުފޫރުގެ ސިޔަސީ ހަރަކާތްތަކުގެ މީހުންނާއި އަދި އާންމުން، ދޫކޮށްލަނީ ކަމަށް ބުނެ ގެންދެވޭ ކަމަށެވެ. އެއަށްފަހު، އެ މީހުން ނިއާލާގައި ތިބޭ ބޭރުގެ ބަޔަކާ ހަވާލުކޮށް، ގުނަވަންތައް ނެގުމަށްފަހު، ހެކި ފޮރުވުމުގެ ގޮތުން 16 ވަނަ އިންފެންޓްރީ ޑިވިޝަންގެ ހެޑްކުއާޓަރުގައި ހަށިގަނޑުތައް ވަޅުލާ ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.
ސޫދާނުގެ މަންދޫބުގެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުން، ދަޤްރީސް ޖަލުގައި 19،800 މީހުން ހައްޔަރުކޮށްފައި އެބަތިއްބެވެ. އޭގެ ތެރޭގައި ސޫދާން ސިފައިންގެ 3،795 މީހުންނާއި، ފުލުހުންގެ 4،270 މީހުންނާއި، އަންހެނުންގެ އެތައް ސަތޭކަ މީހުން ހިމެނޭހެން 10،500 އަށްވުރެ ގިނަ އާންމުން ހިމެނެއެވެ.
އަދި ހައްޔަރުކޮށްފައި ތިބި މީހުންނަށް ނިޒާމީ ގޮތެއްގައި އަނިޔާކުރަމުންދާ ކަމަށާއި، އޭގެ ތެރޭގައި ކަރަންޓު ޝޮކް ދިނުމާއި، ހަށިގަނޑުގައި ސިނގިރޭޓު ބުރިން ޖައްސައި އަނިޔާކުރާކަމަށް އެ ސިޓީގައި ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ކާބޯތަކެއްޗާއި ސާފު ބޯފެން ނުލިބުމާއި، ބަލިމަޑުކަން ފެތުރުމާއި، ސިއްހީ ފަރުވާ ނުލިބުމުގެ ސަބަބުން އެ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައެވެ.
މި ސިޓީގައިވާ މައުލޫމާތުތަކަށް ބަލާއިރު، ބަނޑުހައިހޫނުކަމާއި، ބަލިމަޑުކަން، ހާއްސަކޮށް ކޮލެރާ ފެތުރޭތީ، ދަޤްރީސް ޖަލުގައި ކޮންމެ ހަފުތާއަކު 4 މީހުންނަށްވުރެ ގިނަ މީހުން މަރުވަމުންދާ ކަމަށް ވެއެވެ.





