ރަޝިއާއާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ޖަމިއްޔާ (އޭސިއަން) އާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރުގެ ބޭނުން ކުޑަކޮށް، ގައުމީ ފައިސާތައް ބޭނުންކުރުމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ގޮވާލައްވައިފިއެވެ. ރަޝިއާގެ ކަޒާންގައި ބޭއްވި ދެ ދުވަހުގެ ރަޝިއާ-އޭސިއަން ސަމިޓް ނިންމަވާލެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވިދާޅުވީ، ރަޝިއާއިން އޭސިއަން ގައުމުތަކަށް ކާބޯތަކެއްޗާއި ހަކަތައިގެ ބާވަތްތައް ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށެވެ. އަދި އޭގެ އިތުރުން، ގަދަރާއި ބޭސްފަރުވާއާ ގުޅޭ ތަކެތި އެކްސްޕޯޓްކުރުން އިތުރުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޕޫޓިން ފާހަގަކުރެއްވި ގޮތުގައި، ވިޔަފާރީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި އިންވެސްޓްމަންޓްތައް ފުޅާކުރުމަށްޓަކައި، ޑޮލަރާއި ޔޫރޯގެ މައްޗަށް ބަރޯސާވުން ހުއްޓާލައި، ދެ ފަރާތުގެ ގައުމީ ފައިސާއިން މުއާމަލާތްތައް ކުރުމަކީ މުހިންމު ކަމެކެވެ. ރަޝިއާގެ ރިޔާސީ ގަނޑުވަރުގެ ޑެޕިއުޓީ ހެޑް މަކްސިމް އޮރޭޝްކިން ހާމަކުރެއްވި ގޮތުގައި، 2025 ވަނަ އަހަރު ނިމުނުއިރު ރަޝިއާގެ ބައިނަލްއަގުވާމީ މުއާމަލާތްތަކުގެ 85 އިންސައްތަ ހިންގާފައިވަނީ ޑޮލަރާއި ޔޫރޯ ނޫން އެހެން ފައިސާތަކުންނެވެ.
މި ސަމިޓުގައި ބްރޫނާއީ، ކެމްބޯޑިއާ، އިންޑޮނޭޝިއާ، ލާއޯސް، މެލޭޝިއާ، މިއަންމާ، ފިލިޕީންސް، ސިންގަޕޫރު، ތައިލެންޑް، އީސްޓް ޓިމޯ އަދި ވިއެޓްނާމުގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ސަމިޓުގެ ބައިވެރިން ވަނީ ވިޔަފާރީގެ ހުރަސްތައް ނައްތާލައި، ކަނޑުމަގުންނާއި ރޭލު މަގުން ދަތުރުފަތުރުގެ ގުޅުންތައް ބަދަހިކުރުމަށް އެއްބަސްވެފައެވެ.
މީގެ އިތުރުން، އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާއާ ގުޅޭގޮތުން ޕޫޓިން ވިދާޅުވީ، އަސްކަރީ ހަމަނުޖެހުންތައް ނިންމުމަށް އެ ފަރާތްތަކުން ނިންމި ނިންމުމަށް ރަޝިއާއިން މަރުހަބާ ކިޔާ ކަމަށެވެ. މީގެ ސަބަބުން މެދުއިރުމަތީގެ ހާލަތު ހަމައަކަށް އެޅި، ދުނިޔޭގެ ބާޒާރަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޕޫޓިން ވިދާޅުވިއެވެ.
ސަމިޓުގައި ވަނީ 2026-2030 އަށް އަމާޒުކޮށްގެން އާ އެކްޝަން ޕްލޭނެއް ފާސްކޮށްފައެވެ. މީގެ ދަށުން ސިޔާސީ، ސަލާމަތީ، ވިޔަފާރި، އިންވެސްޓްމަންޓް، ހަކަތަ، ދަތުރުފަތުރު، ދަނޑުވެރިކަން އަދި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ވަނީ ނިންމާފައެވެ. ޖޫން 17 އިން 19 އަށް ކަޒާންގައި ބޭއްވި މި ސަމިޓަކީ ރަޝިއާއާއި އޭސިއަންއާ ދެމެދު އޮތް ގުޅުމަށް 35 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ.






