އަރާގްޗީ ކުވެއިތުގެ ޚާރިޖީ ވަޒީރަށް ފޯނުން ގުޅުއްވައިފި

ޒަމާންވީ އަރައިރުންތަކަށް ފަހު އެމެރިކާއާއި އީރާނާ ދެމެދު އެކުލަވާލި ސުލްހައިގެ ފަހުމުނާމާއާއެކު އީރާނާއި ކުވޭތުގެ ޚާރިޖީ ވަޒީރުން ފޯނުން ގުޅުއްވައި ސަރަހައްދީ ހަމަޖެހުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ. މިއީ ހަނގުރާމައިގެ ހާލަތު ފެށުނު ފަހުން މި ދެ ގައުމުގެ ދެމެދުގައި ކުރެވުނު ފުރަތަމަ ރަސްމީ މުއާމަލާތެވެ.

މި މަޝްވަރާތަކުގައި ކުވޭތުގެ ޚާރިޖީ ވަޒީރު ޝައިޚް ޖައްރާހު ޖާބިރު އަލްއަހުމަދު އައްސަބާހު ވަނީ، އެމެރިކާއާއެކު އީރާނުން ސޮއިކުރިފަހުމުނާމާއަކީ ސަރަހައްދީ ހަމަޖެހުމަށް މަގުފަހިވާނެ މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ހުރުމްޒް ކަނޑުއޮޅީގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޖީ ވިދާޅުވީ، ގަލްފުގެ ގައުމުތަކާ އެކު އޮންނަ ގުޅުން ބަދަހިކުރުމަކީ އީރާނުގެ ސިޔާސަތުގައި އިސްކަންދޭ ކަމެއް ކަމަށެވެ. އަދި މިހާރު އުފެދިފައިވާ ހިޔާލުތަފާތުވުންތައް ހައްލުކުރުމަށްޓަކައި ދެ ފަރާތުގެ ދެމެދުގައި ހުއްޓުމެއްނެތި މަޝްވަރާތައް ބޭއްވުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްވަރާތައް މި ކުރެވުނީ، އީރާނުން ކުވޭތާއި ބަހްރެއިނުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިންތާ ހަފުތާއެއް ފަހުންނެވެ. އެ ހަމަލާތަކުގެ ސަބަބުން ކުވޭތުގެ ވައިގެ ސަރަހައްދު ބަންދުކުރަން ޖެހި، ސަރަހައްދީ ނާމާންކަން އިންތިހާއަށް ބޮޑުވެގެން ދިޔައެވެ. އެމެރިކާ-އީރާން އެއްބަސްވުމާއެކު ގުޅުންތައް ރަނގަޅުވާނެ ކަމުގެ އުއްމީދު އާވެފައިވީ ނަމަވެސް، ކުވޭތު ފަދަ ގަލްފުގެ ގައުމުތަކުން އަދިވެސް ތިބީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްގެންނެވެ.

ހިއްސާ ކުރައްވާ!