ފަލަސްތީނުގެ އާންމު ރައްޔިތުންނާއި ފަލަސްޠީނުގެ ނޫސްވެރިންނަށް ޕެރިސް ސިޓީގެ ޝަރަފުވެރި ރައްޔިތުކަން ދިނުމަށް އެސިޓީން ނިންމައިފިއެވެ. މިކަން އިއުލާންކުރީ ބުރާސްފަތި ދުވަހު ބޭއްވި ޕެރިސް ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގައެވެ. މިއީ ޕެރިހުގެ ސިޔާސީ މަސްރަހުގައި ވާތު ފިޔައިގެ ފަރާތްތަކުން ގިނަ ދުވަސްތަކެއް ވަންދެން ވަކާލާތު ކުރަމުން އައި ކަމެކެވެ.
ޕެރިހުގެ ޑެޕިއުޓީ މޭޔަރު އެމަނުއެލް ގްރެގޮއާ، ފަލަސްތީނުން ފްރާންސަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހާލާ އަބޫ ހަސީރާގެ ހާޒިރުގައި ކައުންސިލުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މި ޝަރަފަކީ ހަމައެކަނި ރަމްޒީ ކަމެއް ނޫން ކަމަށާއި، މިއީ ސުލްހައަށްޓަކައި ވެވުނު ވައުދެއް ކަމަށެވެ. އަދި ފަލަސްތީނުގެ މުޅި ރައްޔިތުންނަށް އެއްބާރުލުން ދިނުމުގެ ގޮތުން މިކަން ކުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން އުފުލަމުންދާ ވޭނާއި ކެކުޅުން ބަލައިގަތުމަކީ އިޒްރޭލުގެ ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ނުވަތަ ވޭންތައް ފޮހެލެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، މި ނިންމުމާ ގުޅިގެން ފްރާންސްގެ ކަނާތު ފިޔައިގެ ސިޔާސީ ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ. އެ ފަރާތްތަކުން ދެކޭ ގޮތުގައި މިއީ މި މައްސަލައިގައި ޕެރިހުން ގެންގުޅޭ "އިންސާފުވެރި ނޫން" ސިޔާސަތެއް ކަމަށާއި، މި ނިންމުމުގައި އިޒްރޭލުގެ ބިކަވެފައިވާ ފަރާތްތައް ހަނދާން ނައްތާލާފައިވާ ކަމަށް އެ ފަރާތްތަކުން ތުހުމަތު ކުރެއެވެ.





