އިޒްރޭލުން ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާއާ އެކު އޮތް ގުޅުން ކަނޑާލައިފި

ޔަހޫދީ ޖެނޮސއޮިޑް އިޒްރޭލާ ދެކޮޅަށް "އެޕާތައިޑް" ނުވަތަ ނަސްލީ ތަފާތުކުރުމުގެ ވާހަކަތަކެއް ދެއްކެވި ކަމަށް ތުހުމަތުކޮށް، ޔޫރަޕިއަން ޔޫނިއަން ގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ ކަޔާ ކަލާސްއާ އެކު އޮތް ހުރިހާ ގުޅުމެއް އިޒްރޭލުން ކަނޑާލައިފިއެވެ.

އިޒްރޭލުގެ ޚާރިޖީ ވަޒީރު ގިޑިއޮން ސާރު "އެކްސް" ގައި އާންމުކުރެއްވި ބަޔާނެއްގައި ބުނީ ކަލާސް މެކްސިކޯއަށް ކުރެއްވި ދަތުރުފުޅެއްގައި އިޒްރޭލުގެ އަމަލުތައް، ދެކުނު އެފްރިކާގެ "އެޕާތައިޑް" ޒަމާނާ އެއްގޮތް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. މި ވާހަކަތައް އަނބުރާ ގެންދަންދެން އެކަމަނާއާ އެކު އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށް ވަޒީރު ބުންޏެވެ. އިޒްރޭލުގެ ވަޒީރު ވަނީ ކަލާސްގެ ޢަމަލުތަކަކީ "އިޒްރޭލާ ދޭތެރޭ ހުންނަ ނުބައި ވިސްނުމެއް" ކަމަށް ސިފަކޮށްފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ކަލާސް ވަނީ ރައްދު ދެއްވާފައެވެ. އެކަމަނާ ވިދާޅުވީ އިޒްރޭލާ އެކު ބިނާކުރަނިވި ގުޅުމެއް ބޭއްވުމަށް ޔޫރަޕިއަން ޔޫނިއަން އަބަދުވެސް ތައްޔާރަށް އޮތް ކަމަށެވެ. އަދި ދެ ގައުމު އުފެއްދުމުގެ "ޓޫ-ސްޓޭޓް ސޮލިއުޝަން" ގެ މައްޗަށް ޔޫރަޕިއަން ޔޫނިއަން އަދިވެސް ހިފަހައްޓާނެ ކަމަށާއި، ހުޅަނގު އައްސޭރީގައި އިޒްރޭލުން ކުރަމުންދާ އާބާދުވުމުގެ މަސައްކަތްތަކަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

މި ހާދިސާއަކީ ޔޫރަޕިއަން ޔޫނިއަނުން އިޒްރޭލުގެ ހަރުކަށި ބައެއް ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފެށިތާ މާ ގިނަ ދުވަހެއް ނުވެ ހިނގި ކަމެކެވެ. ޔޫރަޕިއަން ޔޫނިއަންގެ ކައުންސިލުން ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ގުޅިގެން އިޒްރޭލުގެ ވަކިވަކި ފަރާތްތަކަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

ޣައްޒާ ގެ ނަސްލު ނައްތާލުމުގެ ހަނގުރާމައާ ގުޅިގެން އިޒްރޭލުގެ އަމަލުތަކަށް ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމުތަކުގެ މެދުގައި ވެސް ޚިޔާލު ތަފާތުވުންތައް އެބަހުއްޓެވެ. ބައެއް ގައުމުތަކުން އިޒްރޭލަށް ފާޑުކިޔާއިރު، އަނެއް ބައި ގައުމުތަކުން އިޒްރޭލާ އެކު ވަރުގަދަ ގުޅުންތަކެއް ދަމަހައްޓަމުން ދެއެވެ.

ހިއްސާ ކުރައްވާ!