އިނގިރޭސިވިލާތުގެ "ދަ އިންޑިޕެންޑެންޓް" ނޫހުގެ އެޑިޓޯރިއަލްގައި ބުނެފައިވާ ގޮތުން، އެމެރިކާއާއި އީރާނާ ދެމެދު މިހާރު ހިނގަމުންދާ ސުލްހައިގެ މަޝްވަރާތަކަކީ އެމެރިކާގެ ކާމިޔާބީއެއް ނޫނެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް ވަންނެވި ވަނުމަކީ އީރާނުގެ ނިޒާމު ކުރިއަށް ވުރެ ވަރުގަދަވެގެން ދިއުމަށް މަގުފަހިވި ކަމެއް ކަމަށް އެ ނޫހުން ދެކެއެވެ.
ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ހަކަތައިގެ އަގުތައް އުފުލުނެވެ. ނަމަވެސް، ހުރުމްޒް ކަނޑުއޮޅި އަލުން ހުޅުވި، ތެލާއި ގޭހުގެ ވިޔަފާރި ފެށުމުން މި ޕްރެޝަރުތައް ކުޑަވާނެ ކަމަށް ބެލެވެއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ ސުލްހައިގެ މަގުގައި އޮތް އެންމެ ބޮޑު ހުރަސް ކަމަށް އިންޑިޕެންޑެންޓުން ބުނެއެވެ. އޭނާ ދަނީ ދެކުނު ލުބުނާނުގައި ހަރަކާތްތައް ހިންގުމާއި ހުޅަނގު އައްސޭރީގައި ގާނޫނާ ޚިލާފު އާބާދުވުންތައް ފުޅާކުރުމުގައި ދެމިހުރެފައެވެ.
ޓްރަމްޕް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ އެންމެ ބޮޑު ގޮންޖެހުމަކީ ރިޕަބްލިކަން ޕާޓީގެ ހަރުކަށި ފަރާތްތަކަށް މި އެއްބަސްވުމުގެ ރަނގަޅުކަން ވިސްނައިދިނުމެވެ އަދި އެންމެ ބޮޑު ކަންބޮޑުވުމަކީ، ނިއުކްލިއަރ ހަތިޔާރަށް ވުރެ ބޮޑު ބާރެއް އީރާނަށް ލިބިފައިވުމެވެ. އެއީ ހުރުމްޒް ކަނޑުއޮޅި އިގްތިސާދީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމުގެ ގާބިލުކަމެވެ.





