ބަނގުރޫޓުވުމުގެ ބިރު ފިލައި، އިގްތިސާދީ ކުރިއެރުމަށް މަގުފަހިވެއްޖެ

ރާއްޖެއަށް ކުރިމަތިވެފައި އޮތް މާލީ ކާރިސާއިން އަރައިގަތުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށައިފިއެވެ. ވޯލްޑް ބޭންކުން މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހު އާންމުކުރި "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް- 2026″ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ދިވެހިރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް ކުރިން އޮތް ބިރުތައް މިހާރު ވަނީ ފިލައިގޮސްފައެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުން ދައްކާ ގޮތުގައި، ސަރުކާރުން ހަރަދު ކުޑަކޮށް، އާމްދަނީ އިތުރުކުރަން އެޅި ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓު ޑެފިސިޓް ވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރު 10.8 ބިލިއަން ރުފިޔާގައި ހުރި ބަޖެޓު ޑެފިސިޓް، 2025 ވަނަ އަހަރު ވަނީ 5.1 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) ނިސްބަތުން 4.3 އިންސައްތައެވެ. ހަމައެއާއެކު، ދައުލަތުގެ ޚަރަދުތައް ޖީޑީޕީގެ ނިސްބަތުން 37.1 އިންސައްތައަށް ދަށްކުރެވުނުއިރު، އާމްދަނީ ވަނީ 33 އިންސައްތައަށް އިތުރުވެފައެވެ.

ރާއްޖޭގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުވެފައިވާކަން ފާހަގަކުރަމުން، ވޯލްޑް ބޭންކުން ބުނީ ސުކޫކު ޕޭމެންޓާއި، އެސްބީއައިއަށް ދައްކަންޖެހޭ ފައިސާ އަދި ކަރަންސީ ސްވޮޕްތައް އަނބުރާ ދައްކާފައިވާ ކަމަށެވެ. އަދި 2027 އިން 2028 އަށް ދަރަނި އަދާކުރަން ކުރަންޖެހޭ ހަރަދު ގާތްގަނޑަކަށް 450 މިލިއަން ޑޮލަރަށް ދަށްވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ރިޒާވްގެ ހާލަތު ރަނގަޅުވުމުގެ މައިގަނޑު ސަބަބުތަކަކީ:

  • ބޭރު ފައިސާ މާރުކުރަން ލާޒިމުކުރުން: މަރުކަޒީ ބޭންކުން މިކަމަށް އެޅި ފިޔަވަޅުތައް.
  • ޓެކްސް އާމްދަނީ: ޑޮލަރުން ޓެކްސް އާމްދަނީ ލިބޭނެ މަގުފަހިކުރުން.
  • ކަރަންސީ ސްވޮޕް: އިންޑިޔާގެ ރިޒާވް ބޭންކާއެކު ހެދި ކަރަންސީ ސްވޮޕް އެއްބަސްވުން.

މި ފިޔަވަޅުތަކުގެ ސަބަބުން މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ރިޒާވް 1.3 ބިލިއަން ޑޮލަރަށް އެރިއެވެ. އޭޕްރީލް މަހު ބޮޑެތި ދަރަނިތަކެއް އަދާކުރުމަށްފަހު ވެސް، މޭ މަހުގެ ނިޔަލަށް ރިޒާވްގައި 717.9 މިލިއަން ޑޮލަރު ހުރިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ވޯލްޑް ބޭންކުގެ އިތުރުން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް ވަނީ ރާއްޖޭގެ އިގްތިސާދީ އިސްލާހީ މަސައްކަތްތަކަށް ތައުރީފުކޮށްފައެވެ. ދަރަނި އަދާކުރުމުގައި ރާއްޖެއިން ހޯދި މި ކާމިޔާބީތަކަކީ، ރާއްޖޭގެ އިގްތިސާދީ ކުރިމަގާމެދު އޮތް ބައިނަލްއަގުވާމީ އިތުބާރު އާލާކޮށްދިން ކަމެއްކަން މާލީ މާހިރުން ފާހަގަކުރެއެވެ. މިހާރުގެ މި ހަރުދަނާ ފިޔަވަޅުތަކާއެކު، ރާއްޖޭގެ އިގްތިސާދު މިވަނީ ހަމަމަގަށް އެޅި، ކުރިއަށް އޮތްތަނުގައި ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ތަރައްގީކުރުމަށް ބޮޑު ފުރުސަތެއް ފަހިވެފައެވެ.

ހިއްސާ ކުރައްވާ!