އަޅުދާސްކުރުމުގެ ބަދަލު ހޯދުމުގެ މަސައްކަތް: ގާނާގައި ބައިނަލްއަގުވާމީ މަޝްވަރާތައް ފަށައިފި

ތާރީޚީ ބޭއިންސާފުތަކަށް ޖަވާބުދާރީވުމުގެ ބަހުސް ދުނިޔޭގެ ފެންވަރުގައި ހޫނުވެފައިވާ ދަނޑިވަޅެއްގައި، އެފްރިކާ އާއި ކެރީބިއަން ސަރަހައްދުގެ އިސްވެރިން ގާނާގެ ވެރިރަށް އަކްރާގައި އެއްވެ، އަޅުދާސް ކުރުމުގެ ބަދަލު ހޯދުމުގެ މަޝްވަރާތައް ފަށައިފިއެވެ.

މި މަހާސިންތާ ފެށިފައި މިވަނީ، އެފްރިކާ މީހުން އަޅުވެތިކޮށް، ފަތިސް ނަމާދަށް ދިޔަ މުސްލިމުންނާއި ފަތިހަށް ހޭލާ މީހުން ދާ ޖަހައިގެން ވަގަށް ނަގައިގެން ހުޅަނގުގެ ދޮން މީހާ އެމީހުންގެ ވިޔަފާރި ކުރުމަކީ އިންސާނިއްޔަތާ ޚިލާފު އެންމެ ބޮޑު ޖަރީމާކަމަށް އދ. އިން ކަނޑައެޅިތާ މަސްތަކެއް ފަހުންނެވެ.

މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ، ހަމައެކަނި ވާހަކަތަކަކަށް ނުވަތަ ރަމްޒީ ކަންކަމަށް މި މައްސަލަ ހަނިނުކޮށް، ގާނޫނީ ގޮތުންނާއި މާލީ ގޮތުން ބަދަލު ހޯދުމަށް އަމަލީ މަސައްކަތްތަކެއް ފެށުމެވެ. މީގެ ތެރޭގައި ރަސްމީކޮށް މާފަށް އެދުމާއި، ފޭރިގަތް ސަގާފީ ތަރިކަތައް އަނބުރާ ހޯދުމާއި، އަދި އިގްތިސާދީ ގޮތުން ލިބުނު ގެއްލުންތަކަށް ބަދަލު ހޯދުން ހިމެނެއެވެ.

"ދުނިޔެ މިހާރު ދަތުރުކުރަންވީ ތާރީޚީ ބޭއިންސާފުތައް ހަމައެކަނި ގަބޫލުކުރުމުގެ މަރުހަލާއިން، އަމަލީ ފިޔަވަޅުތަކާއި، ހަގީގަތް ހާމަކުރުމާއި، އަދި ރުހުމާއި ސުލްހައިގެ މަރުހަލާއަށް،" ގާނާގެ ރައީސް ޖޯން ޑްރާމާނީ މަހާމާ، ވިދާޅުވިއެވެ.

މި މަހާސިންތާގައި ސެނެގާލް، ނަމީބިއާ، ލައިބީރިއާ، އަދި ބާބެޑޯސްގެ ލީޑަރުން ހިމެނެއެވެ. "މުސްތަގުބަލުގެ ޖީލުތައް އަޅުގަނޑުމެންނާ މެދު ގޮތެއް ނިންމާނީ، އަޅުގަނޑުމެން ފާސްކުރި ގަރާރުތަކުން ނޫން، އަޅުގަނޑުމެން ހޯދި ކުރިއެރުންތަކުން." މަހާމާ ވިދާޅުވިއެވެ.

ގާނާގެ ރައީސް އޮފީހުގެ ވެބްސައިޓްގައި މުނާސަބާއާ ދިމާކޮށް ހިމަނާފައިވާ ބައެއް ފޮޓޯތައް

އިންސާނުން އަޅުދާސް ކުރުމުގެ ޖަރީމާގެ ވާހަކަ ދެއްކުމަކީ ދުނިޔޭގެ ބާރުގަދަ ބައެއް ގައުމުތަކުން އަދިވެސް ދެކޮޅު ހަދަމުން އަންނަ މައްސަލައެކެވެ. އދ. ގައި މި މައްސަލައަށް ވޯޓު ނެގި އިރު، ދުނިޔޭގެ ސަހުޔޫނީ ބާރުތައް ކަމަށްވާ އެމެރިކާ، އިޒްރޭލް އަދި އާޖެންޓީނާއިން ވަނީ މިކަމާ ދެކޮޅަށް ވޯޓު ދީފައެވެ.

އެ ގައުމުތަކުގެ ދަލީލަކީ، އެ ޒަމާނުގައި އޮތް ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ނުވާ ކަންތައްތަކަކަށް، މިހާރުގެ ގާނޫނުތަކުން ބަދަލު ހޯދުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ.

ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯން ވީޑިއޯ މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި، ބަދަލު ހޯދުމަކީ ހަމައެކަނި ފައިސާގެ މުއާމަލާތަކަށް ހެދުމާ މެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. "މިއީ ހަމައެކަނި ފައިސާގެ ޗެކެއް ދީގެން ނިންމާލެވޭނެ ވާހަކައެއް ނޫން،" އޭނާ ވިދާޅުވިއެވެ.

މި މަހާސިންތާ ނިމޭނީ އަކްރާގައި ހުރި ކުރީގެ އަޅުންގެ ވިޔަފާރިކުރި މަރުކަޒެއް ކަމަށްވާ ކްރިސްޓިއަންސްބޯގް ކާސަލްގައި ބާއްވާ 'ޖޫންޓީންތް' ފާހަގަކުރުމުގެ ހަފުލާއަކުންނެވެ. މި ބައްދަލުވުމުން ދޭހަވަނީ، މާޒީގެ އަނދިރި ހަނދާންތަކާ ކުރިމަތިލައި، ކުރިމަގުގެ އިންސާފު ހޯދުމަށް އެފްރިކާ އާއި ކެރީބިއަން ގައުމުތަކުން ކުރަމުންދާ މަސައްކަތެވެ.

ފަރަންސޭސިންނަށް އަޅުން ގެންގުޅުން ގާނޫނުން ހުއްދަ ކޮށްފައި ވަނީ ކިހިނެއް؟

އަޅެއްގެ އަޤީދާގެ މަތިވެރިކަން: އުމަރު ބިން ސައީދުގެ ވާހަކަ

ހިއްސާ ކުރައްވާ!