އިޒްރޭލުގެ ސިފައިންގެ 52 ވަނަ ބެޓޭލިއަންގެ ކޮމާންޑަރު، ލެފްޓިނެންޓް ކާނަލް ޑޯރް ގެޑާލިއާ ބެން ސިމްހޮން، ދެކުނު ލުބުނާނުގައި ޙިޒުބުﷲ އިން ދިން ކާމިޔާބު ހަމަލައެއްގައި ޖަހަންނަމަައަށް ފޮނުވާލައިފިއެވެ. އޭނާއަކީ ޣައްޒާގައި ހަ އަހަރުގެ ކުޑަކުޑަ އަންހެން ކުއްޖާ ހިންދު ރަޖަބުގެ މަރުގެ މައްސަލާގައި ބައިވެރިވި ޔަހޫދީ މުޖުރިމެކެވެ.
އިޒްރޭލުގެ ޖެނޮސައިޑް ސިފައިން ކަށަވަރުކޮށްދިން ގޮތުގައި، 32 އަހަރުގެ ބެން ސިމްހޮން ނައްތާލާފައި ވަނީ އޭނާ ދަތުރުކުރަމުން ދިޔަ ޓޭންކަށް ޙިޒުބުﷲ އިން ދިން ކާމިޔާބު ހަމަލާ އެރުމުގެ ސަބަބުންނެވެ. މި ހަމަލާގައި އިތުރު ތިން ޔަހޫދީ މުޖުރިމު ސިފައިންވެސް ވަނީ މަރުވެފައެވެ. ބެން ސިމްހޮން އަކީ ޣައްޒާ އާއި ލުބުނާނުގެ ހަނގުރާމައިގެ ތެރޭގައި 52 ވަނަ ބެޓޭލިއަންގެ ހަތަރު ވަނަ ކޮމާންޑަރެވެ.
މި ބެޓޭލިއަނަކީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ޣައްޒާ ސިޓީގައި ހިންދު ރަޖަބު ޝަހީދުކޮށްލި ޔުނިޓެވެ. އެ ހާދިސާގައި ހިންދު އާއި އޭނާގެ އާއިލާގެ ބަޔަކު ދަތުރުކުރި ކާރު އިޒްރޭލުގެ ޓޭންކަކުން ޖައްސައި ފެލާލުމުގެ ސަބަބުން އެންމެން ވަނީ ޝަހީދު ވެފައެވެ. ހިންދު ރަޖަބު ސަލާމަތްކުރަން ދިޔަ އެމްބިއުލާންސަށްވެސް އިޒްރޭލުން ހަމަލާދީ، އެ އުޅަނދުގައި ތިބި ޕެރަމެޑިކުންގެ އެންމެންވެސް ވަނީ ޝަހީދުކޮށްލާފައެވެ.
މި މައްސަލައާ ގުޅިގެން "ހިންދު ރަޖަބު ފައުންޑޭޝަން" އިން 2025 ވަނަ އަހަރު ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް (އައިސީސީ) މައްސަލައެއް ހުށަހެޅިއެވެ. އެ ފައުންޑޭޝަނުން ތުހުމަތުކުރާ ގޮތުގައި، 52 ވަނަ ބެޓޭލިއަންގެ ކުރީގެ ކޮމާންޑަރު ޑެނިއަލް އެލާ އާއި 401 ވަނަ އާމާޑް ބްރިގޭޑުގެ ކޮމާންޑަރު ބެނީ އަހަރޯން އަކީ މި ޖަރީމާގައި ސީދާ ބައިވެރިވި ފަރާތްތަކެވެ.
މިހާރު ހިނގަމުންދާ ޒަޔަނސިްޓު ޖެނޮސައިޑްގެ ހަނގުރާމައިގެ ތެރޭގައި، އިޒްރޭލުގެ އެކި ކޮމާންޑަރުންނަށް ލިބެމުންދާ ގެއްލުންތަކާއި މަރުތަކުގެ ސަބަބުން، 52 ވަނަ ބެޓޭލިއަންގެ ކޮމާންޑަރުންގެ މަގާމުތައް ވަނީ އެތައް ފަހަރަކު ބަދަލުވެފައެވެ.




