ހިޖުރީ އާ އަހަރުގެ ފެށުން ފާހަގަކުރުމުގެ ގޮތުން، ގާހިރާ އިންޓަނޭޝަނަލް އެއާޕޯޓް މިއުޒިއަމުން އެ މިއުޒިއަމްގެ އެންމެ އަގުހުރި ތާރީޚީ އާސާރުތަކުގެ ތެރޭގައި ހިމެނޭ، އުސްމާނީ ޚިލާފަތުގެ ދައުރުގެ ރީތި އަދި ނާދިރު މުސްހަފެއް އާންމުންނަށް ދައްކާލައިފިއެވެ.
މިއުޒިއަމްގެ ސަގާފީ އަދި ތައުލީމީ ޕްރޮގްރާމްތަކުގެ މައިގަނޑު ބަޔަކަށް ހަދާފައިވާ މި މައުރަޒަކީ، މީލާދީން 622 ވަނަ އަހަރު މާތް ނަބިއްޔާ މުހައްމަދު (صلى الله عليه وسلم) މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގެ މަތިވެރި ހާދިސާ ފާހަގަކުރުމަށް ބޭއްވޭ މައުރަޒެކެވެ. މިއީ އިސްލާމީ ތާރީޚުގެ ފެށުން ކަމުގައިވާ ހިޖުރީ ކަލަންޑަރުގެ ބިންގާ އެޅި، އިސްލާމީ ތަހުޒީބުގެ ޝަހުސިއްޔަތު ބައްޓަންކުރުމުގައި މަރުކަޒީ ދައުރެއް އަދާކުރި ހާދިސާއެވެ.
ހިޖުރައިން 954 ވަނަ އަހަރު، ނުވަތަ މީލާދީން 1548 ވަނަ އަހަރު ތައްޔާރުކޮށްފައިވާ މި މުސްހަފަކީ އިސްލާމީ ފަންނުވެރިކަމުގެ ރަން ޒަމާނުގެ މިސާލެކެވެ. ކަރުދާހުގައި ދެލިން ލިޔެފައިވާ މި މުސްހަފު ޒީނަތްތެރިކޮށްފައިވަނީ އެ ޒަމާނަށް ޚާއްސަ، ފަރުވާތެރިކަމާއެކު ކުރަހާފައިވާ ރީތި ކުރެހުންތަކާއި ފަރުމާތަކުންނެވެ.
މަޝްހޫރު ޚައްޠާތު އަހުމަދު ބިން ޖަލިއާނީގެ އަތުލިޔުމުން އެކުލަވާލާފައިވާ މި މުސްހަފަކީ، އުސްމާނީ ޚިލާފަތުގެ ދައުރުގައި އާލާވެގެން އައި އަތު ލިޔުމުގެ ޚައްޠު ފަންނާއި ފޮތްތެރިކަމުގެ މަތީ ފެންވަރުގެ ހެތްކެއް ކަމަށް ތާރީޚީ މާހިރުން ދެކެވަޑައިގަންނަވައެވެ.
މި މުސްހަފުގެ ފަންނީ ރީތިކަމުގެ އިތުރުން، މި މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް މުސްހަފު އެއްކޮށް ތަރުތީބުކޮށް ރައްކާތެރިކުރުމާ ގުޅޭ ތާރީޚީ މައުލޫމާތުތައް ފޯރުކޮށްދޭ ސެޝަންވެސް އިންތިޒާމު ކޮށްފައި ވެއެވެ. މިއުޒިއަމްގެ އޮފިޝަލުން ފާހަގަކުރާ ގޮތުގައި، މިފަދަ މައުރަޒުތަކުގެ މަގްސަދަކީ އިހުގެ ތާރީޚާއި މިއަދުގެ ޖީލުތަކާ ދެމެދު އޮތް ފަރަގު ކުޑަކޮށް، ގައުމީ އަދި ބައިނަލްއަގްވާމީ ދަތުރުވެރިންނަށް އިސްލާމީ ދުނިޔެ ބައްޓަންކުރި ދީނީ، ފަންނީ، އަދި ސަގާފީ ވާރުތަތަކާ ގުޅިލާމެހުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.





