ޤާރީ ޝައިޚް މުހައްމަދު ސިއްދީގު އަލް މިންޝާވީ

ޝައިޚް މުހައްމަދު ސިއްދީގު އަލް މިންޝާވީ އަކީ ގުރުއާން ކިޔެވުމުގެ ފަންނުގެ އެންމެ މަތީ ފަންތީގެ އެއް ޝަޚުސިއްޔަތެވެ. މިސްރުގެ ރޭޑިއޯ އާއި އެހެނިހެން މީޑިއާއަށް އޭނާ ވަނީ 150 އަށް ވުރެ ގިނަ ރެކޯޑިން ހައްދަވައިދެއްވާފައެވެ. އޭގެ ތެރޭގައި ހަފްސު ރިވާޔަތުން ފުރިހަމަ ގުރުއާނުގެ ރެކޯޑިންއާއި، ތަޢުލީމީ ގޮތުން ކިޔަވައިދޭ (މުޢައްލިމު ގިރާއަތަށް) ގުރުއާނުގެ ބައިތަކާއި، އަދި ވަރަށް ނާދިރު ބައެއް އިބްތިހާލުތައް ހިމެނެއެވެ.

އަލްމިންޝާވީ މަޝްހޫރުވީ އޭނާގެ އަޑުގައި ހުންނަ ހިތްގައިމު، ރީތި އަދި މީހުންގެ ހިތްތައް މަޑުމޮޅިކޮށްލާ ފަދަ އަސަރުގަދަ ކަމުގެ ސަބަބުންނެވެ. އޭނާއަށް "ރުއިން ފަދަ އަޑެއްގެ ވެރިޔާ" ގެ ނަމުން ނަންދެވިފައިވެއެވެ. އޭނާއަކީ ގުރުއާން ކިޔެވުމުގެ ރާގުތަކަށް ނުހަނު ފަރިތަ އަދި އަޑުއަހާ މީހުންގެ ކަންފަތުގެ ކުރިން އެ މީހުންގެ ހިތްތައް ފަތަހަކުރެއްވި ޤާރީއެކެވެ.

އޭނާ އުފަންވީ 1920 ވަނަ އަހަރު މިސްރުގެ ސޫހާޖުގެ އަލްމިންޝާތަށް، ގުރުއާނަށް ލޯބިކުރާ ޢިލްމީ އާއިލާއަކަށެވެ. އޭނާގެ ބައްޕަ ސިއްދީގު އައްސައްޔިދު އަކީ ވެސް މިސްރުގައި މަޝްހޫރު ގާރީއެކެވެ. އަދި، ސޫރިޔާ އާއި ލަންޑަންގެ ރޭޑިއޯތަކުން އަދިވެސް އޭނާގެ ޤިރާއަތުގެ އަޑުތައް އިވެއެވެ.

މިންޝާވީ އުމުރުން ހަތަރު އަހަރުގައި އަވަށުގެ މަކުތަބަށް ވަދެ، ގުރުއާން ހިތުދަސްކުރެއްވިއެވެ. އުމުރުން 8 އަހަރުގައި ގުރުއާނުގެ އިތުރު ޢިލްމުތައް އުނގެނުމަށް ގާހިރާއަށް ބަދަލުވިއެވެ.

އުމުރުން 12 އަހަރުގައި ޝައިޚް މުހައްމަދު މަސްޢޫދުގެ އަރިހުން ގިރާއަތުތައް އުނގެނުނެވެ. އޭނާގެ ހުނަރުވެރިކަން ފެނި ޝައިޚް މަސްޢޫދު އޭނާއަށް މީސްތަކުންގެ ކުރިމައްޗަށް ނުކުތުމުގެ ފުރުސަތު ދެއްވިއެވެ. އުމުރުން ފަނަރަ އަހަރުގައި އޭނާ އަމިއްލައަށް ކިޔަވައިދޭން ފެށިއެވެ. މިސްކިތްތަކާއި އެކި ހަފްލާތަކުގައި ޤުރުއާން ކިޔަވައިދެއްވައި، ގާހިރާގެ ރޭޑިއޯގެ ރަސްމީ ޤާރީއަކަށް ވެވަޑައިގެންނެވިއެވެ. އޭނާ ވަނީ "މިސްރު ޖުމްހޫރިއްޔާގެ ގާރީ" ގެ ލަގަބު ހޯއްދަވާފައެވެ.

އޭނާ ވަނީ ޝައިޚް އަބްދުލް ބާސިތު އަބްދުއްސަމަދާއެކު އިންޑޮނީޝިއާގެ ރައީސް އަހްމަދު ސުކާނޯގެ ދައުވަތަކަށް އެ ގައުމަށް ޒިޔާރަތް ކުރައްވައި އަޑުއަހަން ތިބި މީހުން ހައިރާން ކޮށްލައްވާފަައެވެ. އެ ދަތުރުފުޅުގައި ސުކާނޯ އޭނާއަށް ފުރަތަމަ ދަރަޖައިގެ ޝަރަފުގެ ނިޝާން ދެއްވިއެވެ. މީގެ އިތުރުން ސޫރިޔާއިން ވެސް އޭނާއަށް ދެވަނަ ދަރަޖައިގެ ޝަރަފުގެ ނިޝާން ދެއްވިއެވެ.

1966 ވަނަ އަހަރު އޭނާއަށް ކަރުގެ އާލާސްކަންފުޅެއް ދިމާވިއެވެ. ޑޮކްޓަރުން އޭނާގެ އަޑަށް ބާރު ނުލެއްވުމަށް އިރުޝާދު ދިނެވެ. ނަމަވެސް، އޭނާ ދެމިހުންނެވީ މާތް ﷲ ގެ ކަލާމްފުޅު އިއްވެވުމުގައެވެ. މިންޝާވީގެ އާލާސްކަންފުޅު ބޮޑުވެ މިސްރުގެ މައާދީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަނިކޮށް، ރައީސް ޖަމާލް އަބްދުއްނާސިރު އޭނާ ލަންޑަނަށް ފޮނުވުމަށް އަމުރުކުރެއްވިއެވެ. ނަމަވެސް، 1969 ވަނަ އަހަރުގެ ޖޫން 20 ވަނަ ދުވަހު، މިއަދާ އެއްގޮތް ދުވަހެއްގައި ފުރާވަޑައިގަތުމުގެ ކުރިން އޭނާ އަވަހާރަވީއެވެ.

ހިއްސާ ކުރައްވާ!