ރިޔާ (ކަންދެއްކުން): އިޚްލާޞްތެރިކަމުގެ ޝިފާއިން ހިތްތައް އާރާސްތުކުރުން

އިންސާނީ ހަޔާތަކީ އަމަލުތަކުގެ މައްޗަށް ބިނާވެފައިވާ ދަތުރެކެވެ. ކޮންމެ އިންސާނަކުވެސް އޭނާގެ ހަޔާތުގައި ކުރާ ކޮންމެ ކަމެއްގެ ފަހަތުގައި ވަކި މަޤްޞަދެއް އޮވެއެވެ. އިސްލާމީ އަޤީދާގެ އެންމެ މައިގަނޑު އަސާސަކީ، ކޮންމެ އަމަލެއްވެސް ﷲ ސުބްޙާނަހޫ ވަތައާލާއަށްޓަކައި ޚާލިޞްކުރުމެވެ. ނަމަވެސް، ޒަމާނުގެ ފޭރާމާއި، ސޯޝަލް މީޑިއާގެ މި ޒަމާނުގައި، އިންސާނާގެ ހިތުގެ ފުންމިނުގައި އަށަގަންނަ "ރިޔާ" ނުވަތަ ކަންދެއްކުމުގެ ނުރައްކާތެރި ބަލިމަޑުކަމުން ސަލާމަތްވުމަކީ މިއަދު އަޅުގަނޑުމެން ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު އިމްތިޙާނެވެ.

ކުރާ ހެޔޮ ކަންކަން މީސްމީޑިއާގައި އެފްބީގައި އިންސްޓާގައި އިޝްތިހާރު ކުރަން ބޭނުންވޭ ހެއްޔެވެ؟

ރިޔާ ނުވަތަ ކަންދެއްކުމަކީ، އަޅުކަމެއް ނުވަތަ ހެޔޮ އަމަލެއް ﷲ އަށް ޓަކައި ކުރުމުގެ ބަދަލުގައި، މީސްތަކުންގެ ތައުރީފާއި ރުހުން ހޯދުމުގެ ނިޔަތުގައި ކުރުމެވެ.

މިއީ އިސްލާމްދީނުގައި "ކުޑަ ޝިރުކު" ގެ ގޮތުގައި ސިފަކުރެވޭ ކަމެކެވެ. ﷲ ވަޙީކުރައްވާފައިވެއެވެ:

﴿فَوَيْلٌ لِّلْمُصَلِّينَ * الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ * الَّذِينَ هُمْ يُرَاؤُونَ﴾ (سورة الماعون: 4-6).
މާނައީ: ފަހެ، އެއުރެންގެ ނަމާދާމެދު غافل ވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. ފަހެ، އެއުރެންގެ ނަމާދާމެދު غافل ވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. އެއުރެންނީ، ހަމަ، ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ.

ކަންދެއްކުމުގެ ބަލިން ހިތް ސަލާމަތްކުރަންޖެހޭ ސަބަބަކީ، އަމަލުތަކުގެ ބަރުދަން މިންކުރެވޭނީ އެކަމެއްގެ ފަހަތުގައިވާ އިޚްލާޞްތެރިކަމުގެ މައްޗަށް ކަމަށްވާތީއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރައްވާފައިވެއެވެ.

عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- قَالَ: قَالَ رَسُولُ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ-: قال اللهُ تعالَى : أنا أغْنَى الشُّركاءِ عنِ الشِّركِ ، مَنْ عمِلَ عملًا أشركَ فيه معِيَ تركتُهُ وشِركَهُ (رواه مسلم)
"ﷲ ވަޙީކުރައްވައެވ. ތިމަންރަސްކަލާނގެއީ ޝަރީކުކުރުމުން އެންމެ ފުދިގެންވާ ފަރާތެވެ. ފަހެ، މީހަކު އޭނާގެ އަމަލެއްގައި ތިމަންރަސްކަލާނގެއާއި އެހެން ފަރާތެއް ޝަރީކުކޮށްފިނަމަ، ތިމަންރަސްކަލާނގެ އެ މީހަކާއި އޭނާގެ އެ ޝަރީކަކު ދޫކޮށްލައްވަމެވެ." (ޞަޙީޙު މުސްލިމް).

މިއީ ކިހާ ބިރުވެރި އިންޒާރެއްތޯއެވެ! އަޅުގަނޑުމެން މިކުރާ ހެޔޮ އަމަލުތަކަކީ ﷲގެ ރުހުން ހޯދުމުގެ ބަދަލުގައި، އެހެން މީހުންގެ ތައުރީފުގެ ތެރޭގައި ގެއްލިގެންދާ އެއްޗެއްކަމަށް ވެއްޖެނަމަ، އެއަމަލުގެ އެއްވެސް އަގެއް ނުހުންނާނެއެވެ.

އިޚްލާޞްތެރިކަމުގެ ވާހަކަ ދައްކާއިރު، އަޅާގެ އަމަލުގެ އެންމެ މުހިންމު އެއް އަސާސަކީ 'ނިޔަތް' އެވެ. ނިޔަތަކީ އަމަލެއްގެ ފުރާނައެވެ. ނިޔަތް ސާފުނުވާހާ ހިނދަކު، އެ އަމަލަކީ ﷲގެ ޙަޟްރަތުގައި އެއްވެސް ބަރުދަނެއް ހުރި އަމަލެއް ކަމުގައި ނުވާނެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ:

إِنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى  (رواه البخاري ومسلم)
"ހަމަކަށަވަރުން، އަމަލުތައް ބިނާވެގެންވަނީ ނިޔަތްތަކުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށްމެ ލިބޭހުށީ އޭނާ ނިޔަތްގަތް ކަމެކެވެ."

މި ޙަދީޘްފުޅުން އެނގޭ ގޮތުގައި، އަޅުގަނޑުމެން ކުރާ ކޮންމެ ހެޔޮ ކަމެއް، އެއީ ދަމުނަމާދުން ފެށިގެންގޮސް ކުޑަކުޑަ ޞަދަޤާތަކަށް ވިޔަސް، އޭގެ އަސްލަކީ ހިތުގެ ނިޔަތެވެ. ޚާއްޞަކޮށް، ރޭގަނޑުގެ ހަމަހިމޭން ވަގުތުތަކުގައި ކުރެވޭ ދަމުނަމާދާއި، މީހުންނަށް ނުފެނި ކުރެވޭ ޞަދަޤާތްތަކަކީ، ﷲ އާއި އަޅާއާ ދެމެދު އޮތް ވަރަށް ޚާއްޞަ ގުޅުމެކެވެ. މިފަދަ އަޅުކަންތައް އިޝްތިހާރު ނުކުރުމަކީ، އެ އަޅުކަމުގެ ޚާލިޞްކަން ދަމަހައްޓައިދޭ ކަމެކެވެ.

ޞަދަޤާތް ދޭއިރު "ކަނާތުން ދޭ ޞަދަޤާތެއް ވައަތަށްވެސް ނޭނގޭހާ ސިއްރުން" ދިނުމަކީ، ރިޔާއިން ސަލާމަތްވުމަށް އޮތް އެންމެ މަތިވެރި މަގެވެ.

އަޅުގަނޑުމެންގެ ހެޔޮ އަމަލުތައް މީސްތަކުންނަށް ދެއްކުމަށްޓަކައި ޕޯސްޓްތައްކުރުމާއި، އެ ވާހަކަ އެހެން މީހުންނަށް އިހުސާސް ކުރެވޭ ގޮތަށް އަދި އެހެން މީހުން ކުޑަ ކޮށްލުމަށް ދެއްކުމަކީ ހިތުގައި އުފެދޭ އެންމެ ބޮޑު ވަސްވާހެވެ. ހެޔޮ އަމަލުތައް ސިއްރުކުރުމަކީ، އިންސާނާގެ ނަފްސު މަތިވެރިކޮށްދޭ ކަމެކެވެ. ސަބަބަކީ، އަމަލުތައް ސިއްރުކުރުމުން އެކަމުގެ ސަވާބު އެއްވެސް އުނިކަމެއް ނެތި ﷲ ގެ ޙަޟްރަތުގައި ރައްކާކުރެވިގެންދާތީއެވެ.

ކަންދެއްކުމާއި ރިޔާއިން ސަލާމަތްވުމުގެ ފުރަތަމަ ފިޔަވަޅަކީ އެކަމުގެ އަސަރު އަމިއްލަ ހިތުގައި ހުރިކަން ގަބޫލުކުރުމެވެ. ހެޔޮ އަމަލެއް ކުރުމުގެ ކުރިން، "މިކަން މިކުރަނީ ކާކަށްޓަކައި ހެއްޔޭ؟"
މީހުންގެ ސަޕޯޓަށް އެދިގެން ތޯ ތާއީދާއި ވޯޓަށް އެދިތޯ؟ ނޫނީ ލައިކާއި ކްލިކަށް އެދިތޯ؟؟؟ މި ސުވާލު އަމިއްލަ ނަފްސާ ކޮށްލާށެވެ. ހެޔޮ އަމަލުތައް ވީހާވެސް ސިއްރުން ކުރުމަކީ ރިޔާގެ ބަލިން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ އައްޑަނައެވެ.

އަޅުގަނޑުމެންގެ އަމާޒަކަށް ހަދަންވީ، މީސްތަކުންގެ ތައުރީފަށްވުރެ ބޮޑަށް، ﷲގެ ރުހުން ހޯދުމެވެ. މީސްތަކުންގެ ރުހުމަކީ ލިބުނަސް، ނުލިބުނަސް ބަދަލުވަމުންދާ އެއްޗެކެވެ. ނަމަވެސް ﷲގެ ރުހުން އޮތް މީހާއަށް ދުނިޔެއާއި އާޚިރަތް ކާމިޔާބުވެގެންދާނެއެވެ. އަޅުގަނޑުމެންގެ ހެޔޮ އަމަލުތަކުގެ އަސަރު، މީހުންނަށް ދެއްކުމުގެ ބަދަލުގައި، އަޅުގަނޑުމެންގެ އުޅުމާއި އަޚްލާޤުން އެހެން މީހުންނަށް އެ ހެޔޮކަމުގެ ރީތި ނަމޫނާ ފެނިގެންދާންވީއެވެ.

އެހެންކަމުން، ޞަދަޤާތާއި އަދި އެހެނިހެން ހެޔޮ އަމަލުތައް ކުރުމުގައި ހިތުގެ އިޚްލާޞްތެރިކަން ދަމަހައްޓަވާށެވެ. ﷲ އަށްޓަކައި ކުރެވޭ ކުޑަކުޑަ އަމަލެއް، ޝައިޠާނާގެ ވަސްވާހުން ސަލާމަތްވެގެން އަންނައިރު، އެ އަމަލު މީޒާނުގައި ބަރުވެގެން ދާނެކަން ކަށަވަރެވެ.

ކަންދެއްކުމުގެ ނުބައިކަމުން ހިތްތައް ސާފުކޮށް، އަޅުގަނޑުމެންގެ ހުރިހާ އަމަލެއްވެސް ﷲގެ ޙަޟްރަތަށް ޚާލިޞްކުރަމާތޯއެވެ. އިޚްލާޞްތެރިކަމުގެ ހިޔަލުގައިވާ ހިތަކީ، ޝައިޠާނާގެ ވަސްވާސްތަކުން މިންޖުވެފައިވާ، ހަމަޖެހުންލިބިފައިވާ ހިތެކެވެ.

ހިއްސާ ކުރައްވާ!