ރަޝިއާގެ ވައިގެ ދަތުރުފަތުރުގެ ސިނާޢަތުގައި ބޭނުންކުރާ ޓެކްނޮލޮޖީތައް މިހާރު ހުޅަނގުގެ ޤައުމުތަކުގެ ޓެކްނޮލޮޖީތަކަށްވުރެ ފެންވަރު ރަނގަޅުވެ، ބައެއް ދާއިރާތަކުން ކުރިއަރައިފި ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ. ވައިގެ ދަތުރުފަތުރުގެ ސިނާޢަތް ތަރައްޤީކުރުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވިދާޅުވީ، ރަޝިއާގެ އައު މަތިންދާބޯޓުތަކުގެ ފެންވަރާއި، އިތުބާރުކުރެވޭ މިންވަރާއި، ޓެކްނިކަލް ގާބިލުކަން ބައިނަލްއަޤްވާމީ ފެންވަރުގެ އެންމެ ރަނގަޅު ބޯޓުތަކާ އެއްހަމައެއްގައި ހިފަހައްޓާ ކަމަށެވެ.
ރަޝިއާގެ އައު މޮޑެލްތައް ކަމަށްވާ އެމްސީ-21 އާއި އެސްޖޭ-100 އަދި އިލް-114 މަރުކާތަކުގެ މަތިންދާބޯޓުތަކަކީ ވަރަށް ރަނގަޅު ފެންވަރެއްގެ އުޅަނދުތަކެއްކަން ފާހަގަކުރައްވައި، ޕޫޓިން ވިދާޅުވީ ރަޝިއާއަށް ބޭނުންވާ ހުރިހާ ވައްތަރެއްގެ އަސްކަރީ އަދި މަދަނީ މަތިންދާބޯޓުތައް އަމިއްލައަށް އުފެއްދުމުގެ ގާބިލުކަން މިހާރު މޮސްކޯއަށް ލިބިފައިވާ ކަމަށެވެ. މިއީ ޤައުމެއްގެ އިލްމީ، ޓެކްނިކަލް އަދި ސިނާއީ މިނިވަންކަމުގެ މުހިންމު ނިޝާނެއް ކަމަށް ވެސް ރައީސް ޕޫޓިން ވިދާޅުވިއެވެ.
ރަޝިއާގެ އޭވިއޭޝަން ސިނާޢަތް މިހާރު ހަރުދަނާވެފައިވުމަކީ އެ ޤައުމުގެ އެކި ސަރަޙައްދުތައް ގުޅުވައިދިނުމަށާއި، ރައްޔިތުންގެ ދަތުރުފަތުރު ފަސޭހަކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވެސް ޕޫޓިން ފާހަގަކުރެއްވިއެވެ. އަދި ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާއަށް ގެއްލުމެއް ނުލިބޭ ކަމަށާއި، އޭގެ ބަދަލުގައި އެ ފިޔަވަޅުތަކުގެ ސަބަބުން ގެއްލުން ލިބުނީ ހުޅަނގުގެ އޭވިއޭޝަން ކުންފުނިތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ރަޝިއާގެ އަމިއްލަ އުފެއްދުންތަކަށް ޚާއްސަ މާކެޓެއް އުފެދިފައިވުމުން، އެ ޤައުމުގެ އިންޖިނިއަރިން ސްކޫލްތައް އިތުރަށް ވަރުގަދަވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ރަޝިއާގައި އުފައްދާ މަތިންދާބޯޓުތަކުގެ ސަޕްލައި އިތުރުކުރަން ޖެހޭ ކަމަށް ވެސް ޕޫޓިން ވަނީ ވިދާޅުވެފައެވެ.







