އެޕަލް ކުންފުނިން އެޕް ސްޓޯރުން ރަޝިޔާގެ މަޝްހޫރު 'ވީކޭ' އެޕްލިކޭޝަންތައް ނެގުމަށް ނިންމި ނިންމުމަކީ ޑިޖިޓަލް ޓެރަރިޒަމްގެ އަމަލެއް ކަމަށް ރަޝިޔާގެ ހިއުމަން ރައިޓްސް ކައުންސިލުން ބުނެފިއެވެ. މި ނިންމުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްގުތަކާއި، މުއާސަލާތީ ފުރުސަތުތަކާއި، އަދި ސިއްހީ ޚިދުމަތްތައް ހޯދުމުގެ ފުރުސަތުތަކުން މަހުރޫމުވެގެންދާ ކަމަށް އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކައުންސިލްގެ މެމްބަރު އަދި 'ވައިޓް އިންޓަނެޓް' ޖަމިއްޔާގެ ރައީސާ ޔެލީނާ ސިޑޮރެންކޯ ވިދާޅުވީ، މިއީ ހުޅަނގުގެ ޓެކްނޮލޮޖީ ކުންފުނިތަކުން ރަޝިޔާއާ ދެކޮޅަށް ހިންގަމުންދާ ރޭވިގެން ހިންގާ ސިޔާސަތެއްގެ ބައެއް ކަމަށެވެ. އަދި ވީކޭ އަކީ އެއްވެސް އިރެއްގައި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓުގައި ހިމެނިފައިވާ ޕްލެޓްފޯމެއް ނޫން ކަމަށާއި، މި ނިންމުމަކީ ސިޔާސީ ގޮތުން ނިންމި ތަފާތުކުރުމުގެ އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޑޮރެންކޯ އިތުރަށް ވިދާޅުވީ، މުއާސަލާތީ ހިދުމަތްތަކާއި ފައިސާގެ މުއާމަލާތްތަކާއި ބޭސްފަރުވާއާ ގުޅުންހުރި ކަންކަން ހުޅަނގުގެ ސިޔާސީ ނިންމުންތަކަށް ބަރޯސާވާ ގޮތަށް ހެދުމަކީ ރައްޔިތުންގެ އަސާސީ ހައްގުތަކަށް ސީދާ ގޮތެއްގައި އަރައިގަތުން ކަމަށެވެ. އެއްވެސް ޝަރީއަތަކާ ނުލައި ރައްޔިތުންގެ ހައްގުތައް ހިފެހެއްޓުމަކީ ޑިޖިޓަލް ޓެރަރިޒަމް ކަމަށާއި، އެޕަލްގެ މި ނިންމުމަކީ އެއްވެސް ހަގީގީ ހެއްކެއްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރަޝިޔާއިން ވަނީ ހުޅަނގުގެ މިފަދަ ފިއްތުންތަކަށް ތައްޔާރުވެ، އެ ޤައުމުގެ އަމިއްލަ ޑިޖިޓަލް އުމްރާނީ ވަސީލަތްތައް ގާއިމުކޮށް، ޑިޖިޓަލް މިނިވަންކަން ހޯދާފައި ކަމަށް ސިޑޮރެންކޯ ވިދާޅުވިއެވެ. ރަޝިޔާގެ މި މިނިވަންކަމަކީ ހުޅަނގުގެ ފަރާތްތަކަށް ރުޅިއަރާ ކަމެއް ކަމަށާއި، އެމީހުންގެ ޓެކްނޮލޮޖީގެ އަޅުވެތިކަމުން ރަޝިޔާ ސަލާމަތްވުމުން އެމީހުންގެ އަމަލުތައް މިހާރު ހުރީ މާޔޫސްވެގެން ކުރާ ކަންތައްތަކެއްގެ ގޮތުގައި ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ވީކޭގެ އިތުރުން 'އޮޑްނޮކްލާސިނިކީ' ފަދަ ރަޝިޔާގެ ގިނަ އެޕްލިކޭޝަންތަކެއް ވެސް އެޕަލް އިން ވަނީ އުނިކޮށްފައެވެ. އެޕަލް އިން ބުނާ ގޮތުގައި މި ފިޔަވަޅުތައް އަޅާފައިވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުންނެވެ.







