ރަޝިޔާގެ ޚާރިޖީ ވުޒާރާ: ހުޅަނގުން މެދުއިރުމަތީގައ ފަސާދަ ކުރުމަށްފަހު ބޯލްކަންގައި ހަމަނުޖެހުން އުފައްދަނީ

ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ޚާއްސަ މަންދޫބު އަލެގްޒަންޑާ ޓްރޮފިމޮވް ވިދާޅުވީ، ޔޫރަޕިއަން ޔޫނިއަން އަދި ނޭޓޯއިން އެމީހުންގެ އަމިއްލަ މަންފާއާއި ވާދަވެރިން ބަލިކުރުމުގެ ނިޔަތުގައި، މުޅި ޔޫރޭޝިއާ ބައްރުގައި ހަމަނުޖެހުންތައް އުފައްދަމުންދާ ކަމަށެވެ.

ޓްރޮފިމޮވް ތުހުމަތުކުރެއްވި ގޮތުގައި، ހުޅަނގުގެ ގައުމުތަކުން މަސައްކަތްކުރަނީ ޔޫރޭޝިއާ ބައްރަކީ އެމީހުންގެ ޖިއޮޕޮލިޓިކަލް ކުރިމަތިލުންތަކުގެ މައިދާނަކަށް ހެދުމަށެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުން އުފެއްދުމުގެ ހިތާމަވެރި ހާދިސާތަކަކީ ހުޅަނގުން އެ ސަރަހައްދު ފުރިހަމަ ހަނގުރާމައެއްގެ ތުންފަތްމައްޗަށް ވައްޓާލުމުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅަނގުން ޔޫކްރެއިންގެ މައްސަލައާއި އިރުމަތީ ޔޫރަޕްގެ މައްސަލަތައް އުފައްދައި، މިހާރު ބަލްކަން ސަރަހައްދުގެ ހަމަޖެހުން ވެސް ނަގާލަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޔޫރޭޝިއާގެ މެދުތެރެއާއި، ދެކުނާއި، އިރުދެކުނުގެ އިތުރުން އާކްޓިކް ސަރަހައްދު ވެސް ހަނގުރާމައިގެ އާލާތްތަކުން ފުރާލައި، އެ ސަރަހައްދުއަސްކަރީ ކުރުމުގެ މަސައްކަތް ނޭޓޯއިން ކުރަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ޓްރޮފިމޮވް ވިދާޅުވި ގޮތުގައި، މި ހުރިހާ ހަރަކާތްތަކަކީ ވެސް ހުޅަނގުގެ ބާރާ ވާދަކުރާ އެހެން ފަރާތްތަކުގެ ނުފޫޒު ކުޑަކުރުމަށްޓަކައި ހުޅަނގުން ގެންގުޅޭ ސްޓްރެޓެޖީއެއްގެ ދަށުން ކުރަމުންދާ ކަންކަމެވެ.

މި މޭރުމުން ރޫސީ ވިލާތުން މި ފާޅުކުރި ކަންބޮޑުވުންތަކަކީ، ދުނިޔޭގެ ބާރުތަކުގެ މެދުގައި އޮތް ވާދަވެރިކަން އިތުރަށް ހޫނުވެފައިވާ ދަނޑިވަޅެއްގައި، ހުޅަނގުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެ ގައުމުތަކުގެ އަމަލުތައް ކުށްވެރިކޮށް ދެއްކެވި ވާހަކަތަކެކެވެ.

ހިއްސާ ކުރައްވާ!