މިއީ ހިތްވަރުގަދަ އިންސާނަކު އޭނާގެ އާއިލާއާ ބައްދަލުކުރުމަށްޓަކައި، މަރުގެ ސިއްކަ ޖެހިފައިވާ ނުރައްކާތެރި ހުރަސްތަކެއް ގިރާކުރި ވާހަކައެކެވެ. ޗައިނާގެ ކުރީގެ ފުލުހެއް ކަމަށްވާ ޑޮންގް ގުއަންގްޕިންގް، އޭނާގެ ހަތަރުވަނަ ބުރުގެ މަސައްކަތުން މިވަނީ އެންމެ ފަހުން މިނިވަން ދުނިޔެއަކަށް، އޭނާގެ އަނބިދަރިންގެ ގާތަށް ކެނެޑާއަށް ވާސިލްވެފައެވެ.
ޑޮންގްގެ މި ދަތުރުގެ އެންމެ ފަހު މަރުހަލާ ފެށުނީ މިދިޔަ މަހު ދެކުނު ކޮރެއާއިންނެވެ. އެއީ ގާތްގަނޑަކަށް 3.3 މީޓަރުގެ ކުޑަކުޑަ ޑިންގީއެއްގައި، ކަނޑުގެ ބިޔަ ރާޅުތަކާ ހަނގުރާމަ ކުރަމުން ކުރި ދަތުރެވެ. އެ ދަތުރު ނިންމާލެވުނީ ދެކުނު ކޮރެއާގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ދިއުމުންނެވެ. ނަމަވެސް އޭނާގެ ހިތުގައި އޮތް އުންމީދަކީ އޭނާގެ އާއިލާ އުޅޭ ކެނެޑާ އެވެ. ކޯޓުގައި ވެސް އޭނާ ފާޅުކުރީ އެ ހަމައެކަނި އެދުމެވެ.
އޭނާގެ މި ހިތްދަތި ދަތުރު ނިމުމަކަށް އައީ ހުކުރު ދުވަހު ޓޮރޮންޓޯއަށް ޖެއްސި އެއާ ކެނެޑާގެ ފްލައިޓަކުންނެވެ. އޭނާއަށް މަރުހަބާ ކީ ޗައިނާ ކެނެޑާގެ އެކްޓިވިސްޓެއް ކަމަށްވާ ޝެންގް ޝޫ އެވެ. އެތައް އަހަރެއްގެ މަސައްކަތުން ޑޮންގް ސަލާމަތް ކުރެވުމުން ޝެންގްގެ ހިތަށް ލިބުނު ހަމަޖެހުން ވަރަށް ބޮޑު ކަމަށް ބުންޏެވެ.

"އޭނާ ފުރަތަމަ ކެއީ ބިސް، ޓޮމާޓޯ އަދި ނޫޑްލްސް ތަށްޓެއް،" ޝެންގް ޝޫ އޭނާގެ ސޯޝަލް މީޑިއާގައި ލިޔެފައިވެއެވެ. މިއީ އެތައް އަހަރަކަށްފަހު ޑޮންގްއަށް ލިބުނު ފުރަތަމަ ހަމަޖޭހުމުގެ ނޭވާ ކަމަށް ސިފަ ކުރިއެވެ.
ޑޮންގްއަކީ ޗައިނާގައި ސިޔާސީ ހައްގުތަކަށް ވަކާލާތު ކުރި ފަރާތަކަށް ވުމުން، އެތައް ފަހަރަކު ޖަލަށް ލާފައި ވެއެވެ. އަދި އޭނާއަށް އަނިޔާ ލިބިފައިވާ ކަމަށް ބުނެއެވެ. 2001 ވަނަ އަހަރު "ސަރުކާރު ވައްޓާލަން ހިތްވަރު ދިނުމުގެ" ތުހުމަތުގައި ތިން އަހަރު ދުވަހަށް ޖަލަށް ލިއެވެ. އަދި 2014 ވަނަ އަހަރު ޓިއަނަންމެން މައިދާނުގެ ހަނދާނީ ދުވަހާ ގުޅިގެން އަނެއްކާވެސް 8 މަސް ދުވަހު ބަންދުކުރެވުނެވެ. އޭނާއަކީ ސަރުކާރާ ތޮޅެލުމަށް ޝައުގުވެރިވި މީހެކެވެ.
އޭނާގެ މިނިވަންކަމުގެ ދަތުރުތައް ފެށުނީ މީގެ ކުރިންނެވެ. ތައިލެންޑާއި ވިއެޓްނާމުން އޭނާ އަނބުރާ ޗައިނާއަށް ފޮނުވާލެވުނެވެ. އަދި ޓައިވާނަށް ދިއުމަށް ކަނޑު ހުރަސްކުރަން އުޅުނު މަސައްކަތް ވެސް ނާކާމިޔާބުވިއެވެ.
ނަމަވެސް މިއަދު، ޑޮންގްގެ އެ ހިތްދަތި، ނުރައްކާތެރި ދަތުރުތައް ނިމުމަކަށް އައިސްފިއެވެ. އާއިލާއާ އެކު މިނިވަންކަމުގެ މާހައުލުގައި ދިރިއުޅުމުގެ ފުރުސަތު އޭނާއަށް މިވަނީ ލިބިފައެވެ.





