ރަޝިޔާގެ މުއްސަނދި ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤުބޫލުކަން އިންތިހާއަށް އިތުރުވެއްޖެ

ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަން ރަޝިޔާގެ މާކެޓުގައި އިތުރަށް ޕްރޮމޯޓްކުރުމަށްޓަކައި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ. މިއީ ރަޝިޔާގެ އެންމެ ފެންވަރު ރަނގަޅު ޓުއަރ އޮޕަރޭޓަރު، ލޮޓީ އާއެކު ގާއިމްކޮށްފައިވާ ޕާޓްނަރޝިޕްގެ ދަށުން ބޭއްވި ފުރަތަމަ ހަރަކާތެވެ.

ރަޝިޔާގެ ލަގްޒަރީ އަދި ސްލޯ ޓްރެވަލް ސެގްމެންޓަށް އަމާޒުކޮށްގެން ބޭއްވި މި ހަރަކާތުގައި، ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިވެހިވަންތަ ރަހަތައް ވަނީ ބައިވެރިންނަށް ތަޖުރިބާކޮށްދީފައެވެ. ރަޝިޔާގެ މަޝްހޫރު ރެސްޓޯރެންޓެއް ކަމަށްވާ އަސުންޓާ މާދްރޭގެ ޓީމުން ތައްޔާރުކުރި ޚާއްސަ ކެއުންތަކުގެ ތެރޭގައި، ދިވެހި ކަނޑުމަހުގެ ބާވަތްތަކާއި ތާޒާ ރަހަތައް ހިމަނައި، ކެއުންތައް ތައްޔާރުކުރުމުގައި ގެންގުޅޭ ފަލްސަފާ މެހުމާނުންނަށް ކިޔައިދިނެވެ.

ލޮޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރަޝިޔާ މާކެޓުން ރާއްޖެއަށް އޮތް ޝައުގުވެރިކަން ވަނީ މިދިޔަ އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައެވެ. ޚާއްސަކޮށް ލޫޖޯ ބްލެކްޖެޓް ބިޒްނަސް ލައިނާގައި ރާއްޖެއަށް ކުރާ ދަތުރުތަކަށް އޮތް ތަރުހީބު މިދިޔަ އަހަރާ އަޅާބަލާއިރު ތިން ގުނައަށް އިތުރުވެފައިވާއިރު، ފްލައިޓުތަކުގެ 98 އިންސައްތަ ސީޓުތައް މިހާރު ވެސް ވަނީ ވިކިފައެވެ. މީގެ އިތުރުން މިއަހަރުގެ މިހާތަނަށް 6,400 އަށްވުރެ ގިނަ ސީޓް ވިކިފައިވާއިރު، މިއީ ކުރީ އަހަރަށްވުރެ 1.8 ގުނަ އިތުރު އަދަދެކެވެ.

ކުރިއަށް އޮތް ފެސްޓިވް ސީޒަނުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ގިނަވާނެ ކަމަށް ލަފާކުރެވޭއިރު، 2026-2027 ގެ ފިނި މޫސުމަށް މިހާރު ވެސް 20 އިންސައްތަ ބުކިންތައް ލިބިފައިވުމަކީ، ދުނިޔޭގެ ފެންވަރުގައި ރާއްޖެއަށް އޮތް އިތުބާރާއި މަގުބޫލުކަން ހާމަކޮށްދޭ ކަމެއް ކަމަށް ލޮޓީން ބުނެއެވެ.

ލޮޓީން އިތުރަށް ފާހަގަކުރި ގޮތުގައި، ރާއްޖެއަކީ މިއަދު ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު މަންޒިލަކަށް ވެފައިވަނީ ރާއްޖެއިން ފަތުރުވެރިކަން ކުރިއެރުވުމަށް ގެންގުޅޭ ދުރުވިސްނޭ ސިޔާސަތުތަކާއި، ގުދުރަތީ ތަރިކަ ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގެ ނަތީޖާއިންނެވެ. މި ހަރަކާތަކީ ރާއްޖެއަކީ ރަޝިޔާގެ ލަގްޒަރީ ފަތުރުވެރިންގެ ހިތުގައި ޓޮޕް-އޮފް-ދަ މައިންޑް ނުވަތަ އެންމެ ފުރަތަމަ ހަނދާންވާ މަންޒިލަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ހިއްސާ ކުރައްވާ!