އިސްލާމީ ފިޤުހާއި ޒަމާނީ ދިރިއުޅުމުގެ ކަންކަން ގުޅުވާލުމުގައި، އާދަޔާޚިލާފު ތަފާތު ވިސްނުމެއް ގެންގުޅުއްވި އިންޑިއާގެ މަޝްހޫރު އިލްމުވެރިޔާ މައުލާނާ ވަހީދުއްދީން ޚާން އަރިހުގައި، އެއްދުވަހަކު ބަޔަކު ސުވާލެއް ދެންނެވިއެވެ. އެއީ މިއަދުގެ މުޖުތަމައުގައި އެންމެންވެސް ކުރާ، އަދި ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް ބަހުސް ކުރެވޭ ސުވާލެކެވެ: "މައުލާނާ އެވެ! އިސްލާމްދީނުގައި މުނިފޫހިފިލުވުމާއި ފިލްމު ބެލުމަކީ ހުއްދަ، ހަލާލް ކަމެއް ތޯއެވެ؟"
މި ސުވާލަށް މައުލާނާ ދެއްވީ، ހަމައެކަނި 'ހަލާލް' ނުވަތަ 'ހަރާމް' ގެ އާދައިގެ ފަތުވާއަކުން ފުއްދާލެވޭނެ ފަދަ ޖަވާބެއް ނޫނެވެ. މައުލާނާ ވަހީދުއްދީން ޚާން ވިދާޅުވީ، ކޮންމެ ކަމެއް ހަލާލު އަދި ޙަރާމްގެ ހަނި ދާއިރާއިން މިނުން ހުއްޓާލަންޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި، އިންސާނާގެ އުމުރާއި ވަގުތުގެ އަގުވަޒަންކުރުމުގެ ފަލްސަފާގެ މައްޗަށް ނަޒަރު ހިންގަވަން އިރުޝާދު ދެއްވިއެވެ.
"ތިޔަބައިމީހުން ކޮންމެ ކަމެއް 'ހަލާލް' ނުވަތަ 'ހަރާމް' ގެ އޮނިގަނޑެއްގެ ތެރެއިން އެކަނި ބަލަން ނޫޅޭށެވެ. އޭގެ ބަދަލުގައި، ތިމާގެ ދިރިއުޅުމުގެ ވަގުތުތައް ހޭދަކުރާ ގޮތާމެދު ފުންކޮށް ވިސްނާށެވެ." މައުލާނާ ވިދާޅުވިއެވެ.
މިސާލެއް ދައްކަވަމުން މައުލާނާ ވިދާޅުވިއެވެ. ފިލްމެއް ބެލުމަށްޓަކައި 3 ގަޑިއިރެއް ހައިއިރު ހޭދަވާއިރު، ކޮންމެ މީހަކަށްމެ ދެ އިޚްތިޔާރެއް ލިބިގެންވެއެވެ. އެއީ އެ ތިން ގަޑިއިރު ހަމައެކަނި ވަގުތީ އުފަލަކާއި މުނިފޫހިފިލުވުމެއްގައި ދުއްވާލުމެވެ. ނުވަތަ އެ ވަގުތުގެ ބޭނުން ހިފައި، ރަނގަޅު ފޮތެއް ކިޔައިގެން ތިމާގެ ފިކުރީ އަދި ބުއްދީގެ ގާބިލުކަން ތަރައްގީކުރުމުގެ އިޚުތިޔާރެވެ. މިއީ ވަގުތު ބޭނުންކުރާ ގޮތުގެ މައްޗަށް އޮތް ބޮޑު ސުވާލެކެވެ.
އދި ސާފުކޮށްދެއްވިއެވެ.
ދުނިޔޭގައި މީހުން ވިސްނާ ދެ ގޮތެއް އޮވެއެވެ. އެއް ބަޔަކު ބުނަނީ "ދިރިއުޅުމަކީ ކުރު އެއްޗެކެވެ، އެހެންވީމާ އުފާކޮށްލަމާ ހިނގާށެވެ!"
އަނެއް ބަޔަކު ވިސްނަނީ "ދިރިއުޅުމަކީ ކުރު އެއްޗެކެވެ، އެހެންވީމާ އެ ބޭކާރުކޮށްނުލަމާ ހިނގާށެވެ!"
އަޅުގަނޑުމެން ދުނިޔެއަށް ފޮނުއްވުނީ ކީއްވެގެންތޯ؟ މަރުވުމަށްފަހު ދާނީ ކޮންތާކަށްތޯ؟ އަދި މި ދުނިޔޭގެ ނިޒާމު ހިންގަވަނީ ކޮންފަރާތަކުންތޯ؟ މިއީ ހަގީގަތުގައި ވިސްނައި ފިކުރުކުރަންޖެހޭ ސީރިއަސް ސުވާލުތަކެވެ.
މި ބަހުސަށް އިތުރު ފުންކަމެއް ގެނެސްދެނީ ސައިންޓިފިކް ފޮތެއްގެ މުގައްދިމާއިން ފެނުނު ރަންމުތެއް ފަދަ އިބާރާތަކުންނެވެ. އެއީ:
ފަންނީ މަސައްކަތަކީ، މުނިއުފާ ކޮށްލުމެކެވެ. ސައިންސަކީ ކާއިނާތާމެދު ވިސްނާލުމަށް އޮތް ޚަޒާނާއެކެވެ!
މި ހިކުމަތް ދިރިއުޅުމުގެ ހަގީގަތަށް ބަދަލުކޮށްލާއިރު، މުނިފޫހިފިލުވުމާއި މަޖާކުރުމަކީ ހަމައެކަނި ވަގުތީ ހިތްހަމަޖެހުމެކެވެ. ނަމަވެސް، ދިރިއުޅުމުގައި ސީރިއަސްވުމާއި، އިލްމު އުނގެނުމަކީ ދާއިމީ ޚަޒާނާއެކެވެ. އެހެންކަމުން، ސީރިއަސްކަމަކީ ޚަޒާނާއެކެވެ. ސަމާސާ އަދި ކަންފަސޭހަ ދިރިއުޅުމަކީ ހަމައެކަނި ވަގުތީ އުފަލެކެވެ.
إِنَّ فِى خَلْقِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ لَـَٔايَـٰتٍۢ لِّأُو۟لِى ٱلْأَلْبَـٰبِ ١٩٠
ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ أهل ވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއްވެއެވެ. 3:190
ٱلَّذِينَ يَذْكُرُونَ ٱللَّهَ قِيَٰمًۭا وَقُعُودًۭا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِى خَلْقِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ رَبَّنَا مَا خَلَقْتَ هَـٰذَا بَـٰطِلًۭا سُبْحَـٰنَكَ فَقِنَا عَذَابَ ٱلنَّارِ ١٩١
އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން، اللَّه ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭމީހުންނެވެ. (އެއުރެން ދަންނަވާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، باطل ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ފަހެ، ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ! 3:191
މައުލާނާ ވަހީދުއްދީން ޚާން ދީނުގެ ކަންކަމުގައި "މިއީ ހަރާމް ކަމެކެވެ! މިއީ ހަލާލް ކަމެކެވެ!" މިފަދަ ބަސްމަގަކުން ވާހަކަފުޅެއް ނުދައްކަވައެވެ. ދައުވާގެ މަސައްކަތަށްޓަކައި މައުލާނާ އެ ނިންމުން ދޫކޮށްލައްވަނީ އިންސާނާގެ އަމިއްލަ ބުއްދިއަށެވެ. ތިމާ ކުރާ އިންވެސްޓްމަންޓުން ލިބެން ބޭނުންވަނީ ކޮންކަހަލަ ނަތީޖާއެއް ތޯއެވެ؟ ބޮޑު އަދި އަގުހުރި ނަތީޖާއެއް ބޭނުންނަމަ، ވަގުތު އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރާށެވެ. ކުޑަ ނަތީޖާއަކުން ފުއްދާލަން ބޭނުންނަމަ، އެއީ އެމީހެއްގެ އަމިއްލަ އިޚްތިޔާރެވެ. ސީރިއަސްކަމަކީ ހަގީގީ ޚަޒާނާއެވެ. އަދި ޣާފިލުކަމަކީ ވަގުތީ އުފަލެކެވެ.






