ސިނގިރޭޓް އަގުހެޔޮ ވާގޮތް ވެއްޖެ!

ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މިއީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ދުންފަތުގެ ބާވަތްތަކުން ބޮޑުކުރި ޓެކްސް އަނބުރާ ކުޑަކުރުމަށް ނިންމި ނިންމުމެކެވެ.

ސިނގިރޭޓަކުން ނަގަމުން އައި ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރުމަށް ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި މި ބިލަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން، ބިލު ފާސްކުރަން ފެންނަ ކަމަށް 68 މެންބަރުން ވޯޓު ދެއްވިއެވެ. މި ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. މުޅި މަޖިލީހުގެ ކޮމިޓީން މި ބިލު ދިރާސާކޮށް ނިންމާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ކޮމިޓީ މަރުހަލާގައި ބައެއް ބަދަލުތައް ގެންނަން މެންބަރުން ބަހުސް ކުރެއްވި ނަމަވެސް، ރަސްމީ އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވާތީ ބިލު ފާސްވީ ސަރުކާރުން ފޮނުވި ގޮތަށެވެ.

މި ބިލުގެ ބަހުސް މަރުހަލާގައި މަޖިލީހުގެ ތަޅުން ވަރަށް ހޫނުވެ، ސިޔާސީ ޕާޓީތަކުން އެއް ބަޔަކު އަނެއް ބަޔަކަށް ވައްކަމުގެ ތުހުމަތުތައްވެސް ކުރިއެވެ.

ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ވިދާޅުވީ، ނޮވެމްބަރު 2024 ގައި ސިނގިރޭޓުގެ ޑިއުޓީ 3.30 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކުރީ ވޭޕް މަނާކުރުމާ ގުޅިގެން ގިނަ ބަޔަކު ސިނގިރޭޓަށް ބަދަލުވެދާނެތީ އެކަން ހުއްޓުވުމަށް ކަމަށެވެ. ނަމަވެސް، ފަހުގެ ދިރާސާތަކުން އެފަދަ ބަދަލެއް އާންމުންގެ އާދަތަކަށް އައިސްފައި ނުވާކަން ކަށަވަރުވެފައިވާ ކަމަށް މެންބަރުން ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ސަރުކާރުން ކުރިން ޑިއުޓީ ބޮޑުކުރުމަށާއި މިހާރު ކުޑަކުރުމަށް ދައްކާ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އެކަމާ ގުޅިގެން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، ޕީއެންސީގެ މެންބަރުން ވަކާލާތު ކުރަމުންދަނީ ހާލަތަށް ރިއާޔަތްކޮށް ޑިއުޓީއަށް ބަދަލު ގެންނަންޖެހުނު ސަބަބުތަކުގެ މައްޗަށް ކަމަށެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން ނިންމީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފާގެ މަތިންނެވެ.

ހިއްސާ ކުރައްވާ!