އުންމީދެއްގެ ހަވީރަށް ފެތުރުނު ނަފްރަތުގެ ކުލަ

އިރުއޮއްސެމުންދިޔަ ވަގުތު، އެ ހިތްގައިމު ރަށުގެ ހުޅަނގު ފަރާތު އަތިރިމަތިން ޖެހެމުންދިޔަ ރޯޅިތަކުން މުޅި މާހައުލަށް ގެނެސްދެނީ ފިނިކަމެކެވެ. ބޭރު ފަރުން ނަގާ ރާޅުތައް ތިލަފަޅުގެ ފަރަށް ބިނދެމުންދިޔަ އަޑު، މަޑުމަޑު މިއުޒިކެއް ފަދައިން ރަށުތެރެއަށް ފެތުރެމުން ދިޔައެވެ. އުމުރުން ދުވަސްވީ ކާސިމްބޭ އިނީ އޭނާގެ ގޭގެ ބޭރު ހިޔަލުގައި ޖަހާފައި ހުރި ބޮޑު ޖޯލިފަތީގައެވެ. އޮއްސެމުންދިޔަ އިރުގެ ރަންގު ކުލައިން މުޅި އުޑުމަތި ފަވައިލަމުންދިޔައިރު، ކާސިމްބޭގެ މޫނުމަތިން ފެންނަނީ ނުހަނު ފުން ހިތްހަމަޖެހުމެކެވެ. ހުދު އިސްތަށިގަނޑާއި، މޫނުމަތިން ފާޅުވާ ރޫތަކުން އޭނާގެ ހަޔާތުގެ ދިގު ދަތުރު ސިފަކޮށްދެއެވެ. އޭނާގެ އަތުގައި އޮތީ ދިވެހި ސަގާފީ ކުޑަ ރޭޑިއޯއެކެވެ. އެއިން މަޑުމަޑުން އިވެމުންދިޔައީ ދިވެހި ލަވައެކެވެ.

ކާސިމްބޭގެ ހިތްހަމަޖެހުމުގެ ސަބަބަކީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު، ޒުލްފާއެވެ. ޒުލްފާއަކީ މުޅި ރަށަށްވެސް ނަމޫނާ އެކެވެ. ހީވާގި އަދި އެހާމެ އަދަބުވެރި އަންހެން ކުއްޖެކެވެ. ގޭގެ ފެންޑާގެ ކުޑަދޮރުން ބަލައިލިއިރު، ޒުލްފާ އިނީ މޭޒެއްގެ ދޮށުގައި ފޮތްތަކާއި ލެޕްޓޮޕް ހުޅުވައިގެން އަވަދިނެތިއެވެ. އޭނާ ދިޔައީ ގައުމީ ޔުނިވަރސިޓީގެ މާސްޓާސް ޑިގްރީގެ އެންމެ ފަހު ދިރާސާ ނިންމައި، އޭގެ ނަތީޖާއާއެކު ތީސިސް ޑިފެންސްކުރަން ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. އޭނާ ކުރަމުންދިޔަ ބުރަ މަސައްކަތުން މުޅި ރަށަށް ރީތި ނަމެއް ލިބޭނެ ދުވަސް އޮތީ ވަރަށް ކައިރީގައެވެ.

ގޭގެ ބަދިގެ ފަރާތުން ކާސިމްބޭގެ އަންހެނުން، ފާތުމަ، ފިޔާ ހަނާކުރާ ވަސް މުޅި ގޭތެރެއަށް ހިފާލާފައި ހުއްޓެވެ. ފާތުމަ ބަދިގެއިން ނުކުމެގެން އައިސް، ޖޯލީގައި އިން ކާސިމްބޭއަށް ހޫނު ކަޅުސައި ތަށްޓަކާއި ހަނޑުލު ގުޅަ ތަބަކެއް ދިއްކޮށްލިއެވެ.

"ކާސިމާ! ބަލާބަލަ އަހަރެމެންގެ ދަރިފުޅަށް،" ފާތުމަ ކުޑަދޮރާ ދިމާއަށް ބަލައިލަމުން ފަޚުރުވެރިކަމާއެކު ބުންޏެވެ. "ރޭގަނޑު ހަތަރުދަމު ނުނިދާ އެމަންޖެ އެ އިންނަނީ ފޮތްތަކުގެ ތެރޭގައި. އަހަރެން ހިތަށްއަރާ މިއަންނަ ހަފުތާގައި އެކަން ނިމުނީމާ އެ މޫނުމަތިން ފެންނާނެ އުފާވެރިކަން." ފާހުމަ ބުނެލިއެވެ.

"އާނ، ފާތުމަ! ޒުލްފާއަކީ އަބަދުވެސް ހިތްވަރުގަދަ ކުއްޖެއް. އޭނާގެ ހަޔާތަށް އައި ތޫފާނަށްފަހުވެސް، އެ ކުއްޖާ އަމިއްލަ ފައިމައްޗަށް ތެދުވި ގޮތް އެއީ އަހަރެމެން ފަޚުރުވެރިވާންޖެހޭ ކަމެއް." ކާސިމްބޭ ސައިތަށީގައި ހިފަމުން ހިނިތުންވެލާފައި ބުނެލިއެވެ.

ނަމަވެސް، އެ އުފާވެރިކަމާއި ހަމަހިމޭންކަމުގެ ފަހަތުގައި ބޮޑު، ބިރުވެރި ތާރީޚެއް އޮތެވެ. މީގެ 6 އަހަރު ކުރިން ޒުލްފާ އާއި އޭނާގެ ކުރީގެ ފިރިމީހާ، ރާޑޯ ރާޝިދު، ވަނީ ވަކިވެފައެވެ. ރާޑޯއަކީ ރުޅިގަދަ، އަދި އަމިއްލަ އެދުމުން ފުރިގެންވި މީހެކެވެ. ކައިވެނީގެ ކުރީކޮޅު ރަނގަޅަށް އުޅުނު ނަމަވެސް، ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް އޭނާގެ އަނިޔާވެރިކަން ދިޔައީ އިތުރުވަމުންނެވެ. އެންމެ ފަހުން ކެތްނުކުރެވިގެން ޒުލްފާ ވަރިވީއެވެ.

ވަރިވީ ފަހުން، ދިވެހި އާދަކާދައާއި އެއްގޮތަށް، ދެ ކުދިންގެ ހައްގުގައި ޒުލްފާ ދިރިއުޅެމުންދިޔައީ އެމީހުން ކުރިން އުޅުނު ގޭގައެވެ. އެއީ ކުދިން ބެލުމުގެ ގާނޫނީ ހައްގާއި ޙަޟާނަތު ޒުލްފާއަށް ލިބިފައިވުމުންނެވެ. ޒުލްފާ ދެ ކުދިން ބަލަމުން، ކިޔަވަމުން، ދިރިއުޅުން ބައްޓަންކުރީ ނުހަނު ލޯބިންނެވެ. ނަމަވެސް، ފަހަކަށް އައިސް ރާޑޯގެ ހިތުގައި ހަސަދަވެރިކަމުގެ އަލިފާން ރޯވިއެވެ. އޭނާ ބޭނުންވީ އެ ގެއިން ޒުލްފާ ނެރެ، ކުދިންގެ ބަލަދުވެރިކަން އަތުލާށެވެ. އެއީ ޒުލްފާއަށް ލިބެމުންދިޔަ ކުރިއެރުންތައް ފެނި، އޭނާ ދެރަކޮށްލުމުގެ ނިޔަތުގައެވެ.

މިދިޔަ މަހު ރާޑޯ ރަށަށް އައިސް، ޒުލްފާގެ ގޭގެ ދޮރުމަތީގައި ހުރެ ބާރަށް ހަޅޭއްލަވައި، ނުރައްކާތެރި އިންޒާރުތަކެއް ދިނެވެ.

"ތިގެއިން ނުކުންނާނެ ކަމެއް ނެތް! މަގޭ ކުދިންކޮޅު ހިފައިގެން މިރަށުން ދާން އުޅެފިއްޔާ ކަލޭގެ ދުވަސް ދުއްވާލާނަން،" އެދުވަހު ރާޑޯ ހަޅޭއްލެވި އަޑު މުޅި މަގަށް އިވުނެވެ.

މިކަމާ ބިރުން ހިތް ހަލާކުވެފައި ހުރި ޒުލްފާ، އޭނާގެ މައިންބަފައިންގެ އާދޭހާއެކު، ވަގުތީގޮތުން ބަދަލުވީ ކާސިމްބޭމެންގެ ގެއަށެވެ. އެއީ އަމިއްލަ ފުރާނައާއި ދަރިންގެ ސަލާމަތަށްޓަކައެވެ. ކާސިމްބޭ ވަނީ މި މައްސަލަ ރަށު ކައުންސިލަށާއި ފުލުހުންނަށްވެސް ރަސްމީކޮށް ހުށަހަޅާފައެވެ. ނަމަވެސް، ރަށުގެ އަމާން މާހައުލުގައި ނުރައްކާތެރި ބޮޑު ޖަރީމާއެއް ހިނގައިދާނެއޭ އެއްވެސް މީހެއްގެ ހީއަށްވެސް ނާދެއެވެ.

ރަށުގެ ދިރިއުޅުން އާދައިގެ މަތިން ކުރިއަށްދިޔައިރު، ރާޝިދު ހުރީ ނަފުރަތުން ކަނުވެފައެވެ. އޭނާ ރަށުގެ އެހެން އަވަށެއްގައި ކުލީ ކޮޓަރިއެއްގައި އިނދެ ރާވަމުންދިޔައީ ބިރުވެރި ރޭވުމެކެވެ. އޭނާ ދުށް ގޮތުގައި ޒުލްފާ އަކީ އޭނާގެ މުޅި ހަޔާތް ބަރުބާދުކޮށްލި މީހާއެވެ. ގާނޫނުން ޒުލްފާއަށް ލިބުނު ހައްގުތައް އޭނާއަށް ބަލައެއް ނުގަނެވުނެވެ.

އެ ދުވަހުގެ މެންދުރުފަހު، ރާޑޯ ކަޅު ކުލައިގެ ދަބަހަކަށް ތޫނު ވަޅިއަކާއި، ދަގަނޑު ބުރިއެއް ލިއެވެ. އޭނާގެ ސިކުނޑީގައި ހިނގަމުންދިޔައީ އިންސާނީ ހަމަބުއްދިން ގަބޫލުނުކުރެވޭނެ ފަދަ އަނިޔާވެރި ޚިޔާލުތަކެކެވެ.

ހަވީރު ފިނިޖެހުމާއެކު، އޭނާ ކާސިމްބޭގެ ގޭގެ ވަށައިގެންވާ މަގުތަކުގައި ބުރުޖަހަން ފެށިއެވެ. ކުރިމތީގައި ހުރި ފަޅުގޭގައި ހުރި ކަށިކެޔޮ ގަހުގެ ފަތްތަކުގެ ނިވަލުގައި ނިވާވެގެން ހުރެ، އޭނާ ދިޔައީ ގޭގެ އެތެރެއާއި ބޭރުން މީހުން ހިނގާބިގާވެއުޅޭ ގޮތް ވަރަށް ކައިރިން ބަލަމުންނެވެ.

އޭނާ ބަލަން ހުއްޓާ، ޒުލްފާގެ ދެ ކުދިން އަވަށްޓެރި ކުދިންނާއެކު ގޯތިތެރެއިން ނުކުމެގެން ބޭރަށް ކުޅެން ދިޔައެވެ. ގޭގައި މިވަގުތު ތިބީ ހަމައެކަނި ޒުލްފާ އާއި އޭނާގެ މައިންބަފައިންނެވެ. ރާޑޯއަށް މިއީ އެންމެ އެކަށީގެންވާ ވަގުތުކަމަށް ފެނުނެވެ. އޭނާ ފުން ނޭވާއެއްލުމަށްފަހު، މޫނުމަތި ނިވާކޮށްލަމުން ގޭގެ ފާރު ކައިރިއަށް ޖެހިލިއެވެ.

އިރުއޮއްސިއްޖެއެވެ. މަޣްރިބް ނަމާދުގެ ބަންގީގެ ރީތި އަޑު ރަށުގެ މިސްކިތްތަކުން އިވެމުންދިޔަ ވަގުތެވެ. ކާސިމްބޭ ޖޯލިން ތެދުވެގެން ގޭގެ އެތެރެއަށް ވަނީ ނަމާދަށް ތައްޔާރުވާށެވެ. ފާތުމަ އިނީ މުސައްލަމަތީގައެވެ. ޒުލްފާ އޭރުވެސް އިނީ އޭނާގެ ކޮޓަރީގައި ފޮތްތަކުގެ ތެރޭގައެވެ.

ކުއްލިއަކަށް ގޭގެ ބޭރު ދޮރު ބާރަކަށް ހުޅުވުނު އަޑު އިވުނެވެ. ސިޓިންގރޫމުގައި ހުރި ކާސިމްބޭއަށް ފެނުނީ ދަބަހެއް ހިފައިގެން ވަދެގެން އައި ރާޑޯވެ.

ރާޑޯގެ ދެލޯ ހީވަނީ ކަނިބުރަމުންދިޔަ ނާށި އަނގުރުތަކެއް ހެންނެވެ. ކަޅި ވަނީ ބޮޑުވެފައެވެ. ހަމަބުއްދި ފިލައި ގޮސްފައިވާ މޮޔައެއް ފަދައިން އެސްފިޔަޖެހުމެއްނެތް ތޫނު ބެލުމަކުން ކުރިމައްޗަށް އަމާޒުވެފައެވެ.

ލޮލުގެ ހުދުކަޅީގެ ތެރެއަށް ރަތްކުލައިގެ ނާރުތައް ފާޅުވެ، މުޅި ލޮލަށް ވަނީ ލޭގެ ކުލަ ވެރިވެފައެވެ. އެ ބެލުމުގައި އެއްވެސް އިންސާނިއްޔަތުކަމެއް، ރަހުމެއް ނުވަތަ ޖެހިލުންވުމެއް ނެތެވެ. ފެންނަނީ ހަމައެކަނި ނަފުރަތާއި، ބަދަލުހިފުމުގެ ފުން ކަނޑެކެވެ.

"ރާޑޯ! ކަލޭ މިގޭގައި ކީއްކުރަނީ؟ ނުކުމޭ މިގެއިން!" ކާސިމްބޭ ހަރުއަޑުން ބުންޏެވެ.

މުޅި ކޮޓަރީގެ ހަމަހިމޭންކަން މުގުރާލީ އޭނާގެ ނޭވާގެ އަޑުންނެވެ. އޭނާ ހުރީ ދަތްކުނޑިވިކައިގެން ނެވެ. މޫނުގެ މަސްތަކަށް ވާންވެ، ނިތްކުރިން ނާރުތައް ފުއްޕާފައެވެ. މުޅި ހަށިގަނޑު ދިޔައީ ރުޅިން ތެޅެމުންނެވެ. ގޭގެ އެތެރެއަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރެއިން، އޭނާގެ ހިޔަނި ފާރަށް އެޅިފައި އޮތީ ބިރުވެރި ހަންޑިއެއް ފަދައިންނެވެ. އެ މާހައުލުގައި ވަނީ ސިހުމާއި، މަރުގެ ނާމާންކަން ހިފާލާފައެވެ. އޭނާގެ ކޮންމެ ހަރަކާތަކުންނާއި އެ ބިރުވެރި ބެލުމުން ސިފަވަނީ، އޭނާގެ ސިކުނޑީގެ މައްޗަށް ޝައިޠާނާ މުޅިން ވެރިވެގެންފައިވާ ކަމެވެ.

ކާސިމްބޭގެ އިންޒާރަށް ރާޑޯ އެއްވެސް އެއްޗެއް ނުބުނެ އެވެ. ދަބަހުން ތޫނު ވަޅި ނަގައި ކާސިމްބޭއާ ދިމާއަށް ބާރު މިސްރާބެއްގައި އައެވެ. ކާސިމްބޭއަށް ފަހަތަށް ޖެހިލެވުމުގެ ކުރިން، ރާޑޯ އޭނާގެ ގަޔަށް ވަޅި ހަރައިލިއެވެ.

ކާސިމްބޭ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަންނަމުން ބިންމައްޗަށް ވެއްޓުނެވެ. އެ އަޑަށް މުސައްލަމަތިން ތެދުވެގެން ދުވެފައި އައި ފާތުމައަށް ފެނުނު މަންޒަކުން އޭނާއަށްވެސް ހަޅޭއްލަވައި ގަނެވުނެވެ. ރާޝިދު ފާތުމައަށްވެސް ރަހުމެއް ނެތް ގޮތުގައި ހަމަލާދީ، ބިންމައްޗަށް ވައްޓާލިއެވެ.

ބޭރުން އިވުނު ބިރުވެރި ހަޅޭކުގެ އަޑަށް ޒުލްފާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭނާއަށް ފެނުނީ ލޭގެ ކަނޑެއްގެ ތެރޭގައި ތިބި އޭނާގެ ލޯބިވާ މައިންބަފައިންނެވެ. އޭނާގެ ދުނިޔެ އެފުށް މިފުށަށް ޖެހުނު ފަދައެވެ.

"ދަރިފުޅާ… ފިލާ…" ކާސިމްބޭ ވަރަށް އުނދަގުލުން ހަޅޭއްލަވައިގަތެވެ.

ނަމަވެސް ރާޑޯ ހުރީ ޒުލްފާއަށް ފުރުސަތެއް ދޭ ގޮތަކަށެއް ނޫނެވެ. އޭނާ ޒުލްފާއާ ދިމާއަށް ބާޒެއް ފަދައިން ފުންމައިގަތެވެ. ޒުލްފާ ސަލާމަތްވާން ދުއްވައިގަތް ނަމަވެސް، ރާޑޯ މާހަލުއި އެވެ. ޒުލްފާ ހިފަހައްޓައި، އޭނާއަށް ހަމަލާދޭން ފެށިއެވެ.

"ސަލާމަތްކުރޭ! ސަލާމަތްކުރޭ! މީހަކު ނެތްތަ؟" ޒުލްފާގެ ފަހު ހަޅޭކުގެ އަޑު ރަށުގެ ހަމަހިމޭން ފަޒާގެ ތެރެއަށް ފެތުރިގެންދިޔައެވެ. އެއީ ނުހަނު ވޭނީ، އަދި ހިތްފަޅައިގެންދާ ފަދަ އަޑެކެވެ.

އަތޮޅުތެރޭގެ ރަށްރަށުގެ ހުންނަ އަވަށްޓެރިކަމުގެ ގާތްކަމަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ފެންނާނެ ފަދަ ރީތި ސިފައެއް ނޫނެވެ. އެއްގެއިން ރޯލާ އަޑު އަނެއްގެއަށް އިވުމުން، އެއީ ކޮންކަމެއްތޯ ބެލުމަކީ ދިވެހިންގެ އާދައެވެ.

ކާސިމްބޭގެ ގެއިން އިވުނު އާދަޔާ ޚިލާފު ހަޅޭކުގެ އަޑާއި، ތަކެތި ވެއްޓޭ އަޑަށް، ކައިރި ގޭގޭގައި ތިބި މީހުން ވަގުތުން ސަމާލުވިއެވެ.

ޖެހިގެން ހުރި ގޭގައި އުޅޭ ހިތްވަރުގަދަ ޒުވާނެއް ކަމަށްވާ އަޙްމަދު، އޭނާގެ ރަހުމަތްތެރިންނާއެކު ގޭގެ ބޭރުގައި ތިއްބާ މި އަޑު އިވުމުން، އެއްވެސް ޖެހިލުމެއްނެތި ކާސިމްބޭގެ ގެއާ ދިމާއަށް ދުއްވައިގަތެވެ. އޭނާގެ ފަހަތުން އިތުރު ޒުވާނުންތަކެއްވެސް ވަނެވެ.

ގޭގެ އެތެރެއަށް ވަން އަހުމަދަށް ފެނުނީ ބިރުވެރި މަންޒަރެކެވެ. ރާޑޯ ލޭތަކުން ތަތްތެޅިފައި ހުރި ވަޅި ހިފައިގެން ގޭގެ ފަހަތު ދޮރުން ފިލަން ދުއްވައިގަންނަނީއެވެ.

"އެހެރީ ރާޑޯ! އޭނާ ހިފަހައްޓާ!" އަހުމަދު ހަޅޭއްލަވައިގަތެވެ.

ރަށުގެ ޒުވާނުންތައް އެއްވެސް ބިރެއްނެތި ރާޑޯގެ ފަހަތުން ދުވިއެވެ. ރާޑޯ ގޯޅިތަކުން ދުވެ، އަތިރިމައްޗާ ދިމާއަށް ފިލަން އުޅުނު ނަމަވެސް، ރަށުގެ އެކި ދިމާދިމާއިން ނުކުތް މީހުން އޭނާ ވަށައިލިއެވެ.

ދިވެހިންގެ މެދުގައި އޮންނަ އެއްބައިވަންތަކަމުގެ ބާރުން، އެންމެން އެކަތިގަނޑަކަށް ވެގެން ރާޑޯ ބިންމައްޗަށް ވައްޓާލައި، އޭނާގެ އަތުން ވަޅި އަތުލިއެވެ. އަދި ވީ އެންމެ އަވަހަކަށް ރަށުގައި ތިބި ފުލުހުންނާ އޭނާ ހަވާލުކުރިއެވެ. މުޅި ރަށުގެ ރައްޔިތުން ތިބީ މި ފާފަވެރި އަމަލުން ސިހި، ރުޅިގަދަވެފައެވެ.

ނަމަވެސް، ގޭގެ އެތެރޭގައި ހާލަތު މާ ހިތާމަވެރިއެވެ. އަހުމަދާއި ރަށުގެ އަންހެނުންތައް ގޭގެ އެތެރެއަށް ވަދެ، ޒުލްފާއަށް އެހީތެރިވާން އުޅުނެވެ. ޒުލްފާ އޮތީ ބިންމަތީގައެވެ. އޭނާގެ ހަށިގަނޑުން ގިނަ އަދަދަކަށް ލޭ ފައިބަމުންދިޔައެވެ.

"ޒުލްފާ! ލޯ ހުޅުވާބަލަ! ފުލުހުންނާއި އެމްބިއުލަންސް އެބަ އާދޭ،" އަހުމަދުގެ ދައްތަ، އައިޝާ، ޒުލްފާގެ ބޯ އުފުލާލަމުން ކަރުނައާއެކު ބުންޏެވެ.

ޒުލްފާ ވަރަށް އުނދަގުލުން ލޯ ހުޅުވާލިއެވެ.

"މަގޭ… މަގޭ ދަރިން…" އޭނާގެ ތުންފަތް މަޑުމަޑުން ހަރަކާތްތެރިވިއެވެ.

މިއީ އޭނާގެ ދުލުން ނުކުތް ފަހު ބަހެވެ. އޭގެ ފަހުން އޭނާގެ ލޮލުގެ ފެނުން ފަނޑުވެ، މުޅި ހަށިގަނޑު ދޫވެގެންދިޔައެވެ. އެހީތެރިކަން ފޯރުކޮށްދެވުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. ޒުލްފާ ވަނީ މި ފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ކިޔާފައެވެ. އޭނާގެ މާސްޓާސް ޑިގްރީގެ ހުވަފެންތަކާއި، ދަރިންނަށްޓަކައި ދެކެމުންދިޔަ އުއްމީދުތައް އެއް ފަހަރުން ފުނޑުފުނޑުވެގެން ދިޔައީއެވެ.

ވަގުތުން ރަށުގެ ސިއްހީ މަރުކަޒުގެ އެމްބިއުލަންސް އައިސް، ކާސިމްބޭ އާއި ފާތުމަ ސިއްހީ މަރުކަޒަށް ގެންދިޔައެވެ. ދެމަފިރިންގެ ހާލަތު ނުހަނު ސީރިއަސްވުމުން، 911އަށް ގުޅައިގެން ނޭޝަނަލް އެއަރ އެމްބިއުލާންސް ސާވިސްގައި އެ ދެމަފިރިން އައިޖީއެމްއެޗަށް އެރޭގެ ދަންވަރުގެ ވަގުތެއްގައި ގެނެވުނެވެ.

އެއާ އެމްބިއުލާންސް ބީއްސާލި އިރު ރަށުގެ ބަނދަރުމަތީގައި އެތައް ސަތޭކަ ރައްޔިތުންނެއް ކަރުނުން ފުރިގެންވާ ލޮލަކާއެކު ބަލަން ތިއްބެވެ.

ޖެހިގެން އައި ދުވަހުގެ އިރު އެރީ މުޅި ރަށަށް ބޮޑު ހިތާމައަކާއި ސިހުމެއް ގެނެސްދެމުންނެވެ. ރަށުގެ މަގުތަކުން ކުރިން ފެންނަ ހިނިތުންވުންތަކާއި ސަމާސާ އަޑުތައް ވަނީ ކެނޑިފައެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ ފުން ހިތާމައެވެ. އިންސާނީ ފުރާނައަކަށް ދެވުނު މި އަނިޔާވެރި ހަމަލާއާ ގުޅިގެން، ރަށުގެ އެންމެން ތިބީ ކުށްވެރިޔާއަށް ހައްގު އަދަބު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ޒުލްފާގެ ކުޑަކުޑަ ދެ ކުދިންނަށް ވީގޮތް އެނގުމުން، ރަށުގެ ރައްޔިތުންގެ ހިތްތައް ކުދިކުދިވިއެވެ. ނަމަވެސް، ދިވެހިންގެ ހިތްހެޔޮކަމާއި އަޅާލުމުގެ ސިފަ އަނެއްކާވެސް ފާޅުވިއެވެ. އަވަށްޓެރިންނާއި ތިމާގެ މީހުން އެކުދިންގެ ބެލެނިވެރިކަމާ ހަވާލުވީ އަމިއްލަ ދަރިން ފަދައިންނެވެ. އެކުދިންނަށް މައެއްގެ ލޯބި ނުލިބުނަސް، މުޅި ރަށުގެ ލޯބި އެކުދިންނަށް ލިބުނެވެ.

އިރުއޮއްސެމުންދިޔަ ވަގުތު، އަހުމަދު ހިނގާލާފައި ގޮސް ކާސިމްބޭގެ ގޭގެ ދޮރުމަތީގައި ހުއްޓުނެވެ. ގޭގެ ފެންޑާގައި ހުރި ލެޕްޓޮޕާއި ފޮތްތައް އަދިވެސް ހުރީ އެގޮތުގައެވެ. ޒުލްފާގެ ދިރާސީ ފޮތެއްގެ ސަފްހާއެއް ވަޔާ ހޫރެމުންދިޔައެވެ.

އެ ރީތި ރަށުގެ ފަޒާ ދެން ދުވަހަކުވެސް ކުރިން ހުރި ގޮތަކަށް ނުވާނެއެވެ. ޒުލްފާގެ ވަކިވުމަކީ އެ ރަށުގެ ތާރީޚުގައި ލިޔެވިގެންދިޔަ ނުފިލާނޭ ކަރުނައިގެ ކުލައެކެވެ. މުޅި ރަށުގެ ރައްޔިތުން އެއްވެ ސާޅީހަށް މިސްކިތްތަކުގައި ކިޔަވަމުންދިޔައީ ޒުލްފާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުމަށާއި، ހޮސްޕިޓަލުގައި އޮތް ކާސިމްބޭއަށާއި ފާތުމައަށް އަވަސް ޝިފާއެއް ދެއްވުމަށެވެ. އަދި އިންސާފުގެ ކުރިމަތީގައި އަނިޔާވެރި ރާޑޯއަށް ހައްގު އަދަބު ލިބުމަށެވެ.

ހިއްސާ ކުރައްވާ!