ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައިގެން އެނބުރި ގައުމަށް ދިޔަ އީރާންގެ ގައުމީ ފުޓްބޯޅަ ޓީމަށް، ތެހެރާންގެ އެއާޕޯޓުން ވަރަށް ހޫނު އަދި ކުލަގަދަ މަރުހަބާއެއް ކިޔައިފި އެވެ. މިއީ މުބާރާތް ބޭއްވި އެމެރިކާއަށް އެ ޓީމު ދިޔުމުން ކުރިމަތިވި ވަޅޯ މާހައުލާ މުޅިން ތަފާތު ބަލައިގަތުމެކެވެ.
އެއާޕޯޓަށް އެއްވި އެތައް ސަތޭކަ ކުޑަކުދިންނާއި، ބެލެނިވެރިން އަދި ސަޕޯޓަރުން ދިޔައީ އެއްއަޑަކުން "އީރާން، އީރާން!" ކިޔައި ހަޅޭއްލަވަމުންނެވެ. ބައެއް މީހުން ގައުމީ ދިދަ ހޫރުވަމުން ދިޔައިރު، އަނެއް ބަޔަކު ތިބީ ގައުމީ "ޓީމު މިއްލީ"ގެ ޖާޒީތައް ލައިގެންނެވެ. އީރާން ޓީމުން ވަނީ ތާރީޚުގައި ފުރަތަމަ ފަހަރަށް މުބާރާތުގެ ދެވަނަ ބުރަށް ދިއުމާ ދާދި ގާތަށް ދަތުރުކޮށްފަ އެވެ. އެމީހުން ގްރޫޕްގެ ތިންވަނައިގައި ނިންމާލީ ކުޅުނު ތިން މެޗުން ވެސް އެއްވަރުވެގެންނެވެ. ނަމަވެސް، އެންމެ މޮޅު ތިންވަނަ ހޯދާ 8 ޓީމުގެ ތެރޭގައި ހިމެނުމަށް ބަލާއިރު ގޯލުގެ ތަފާތުން އެ ޓީމަށް ފުރުސަތު ގެއްލުނީ އެވެ.
މެކްސިކޯގައި ކޭމްޕް ކުރުމަށްފަހު، ތުރުކީ މަގުން އައި މި ޓީމުގެ ކުޅުންތެރިން ބޯޓުން ފޭބިއިރު އަސްކަރީ ޔުނިފޯމުގައި ތިބި މިއުޒީޝަނުން ދިޔައީ ގައުމީ ސަލާމް ކުޅެމުންނެވެ. ގިނަ ސަޕޯޓަރުންތަކެއް ތިބީ ބެލްޖިއަމްއާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުވި މެޗުގައި މޮޅު ކުޅުމެއް ދައްކައިގެން ގައުމީ ބަތަލަކަށްވި ގޯލްކީޕަރު އަލީރިޒާ ބޭރަންވަންދުގެ ފޮޓޯތައް ހިފައިގެންނެވެ.
"މުބާރާތުގެ އަނެއް ބުރަށް ކޮލިފައިވެ، ތިޔަބޭފުޅުންނަށް އުފާވެރިކަން ދެވޭގޮތް ނުވުމުން އަޅުގަނޑު މައާފަށް އެދެން،" މެހެރްއާބާދު އެއާޕޯޓަށް ފައިބަމުން ކީޕަރު ދެރަވެފައި ހުރެ ސަޕޯޓަރުންގެ ކުރިމަތީގައި ބުންޏެވެ.
އޭނާގެ ޓީމުގެ ޑިފެންޑަރު ރާމިން ރިޒާ އިއާން ވަނީ އެމެރިކާގެ ނަސްލީ ތަފާތުކުރުމާއި އިމިގްރޭޝަން ހަރުކަށި އުސޫލުތަކުގެ ސަބަބުން އީރާނަށް ތާރީޚު ބަދަލުކޮށްނުލެވުނު ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. "އަހަރެމެން ހައްގު މިއަށްވުރެ ކުރިއަށް ދާން. އެކަމަކު އެމީހުން އަހަރެމެންގެ މަސައްކަތް ވަރަށް ބޮޑަށް އުނދަގޫކޮށްލި،" އޭނާ ބުންޏެވެ.
އީރާން ޓީމަށް ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި ކުރިމަތިވީ ނާވަސް ބޮޑު ވަގުތުކޮޅެކެވެ. މިސްރާ ދެކޮޅަށް ކުޅުނު މެޗުގެ ފަހުވަގުތު ލަނޑެއް ޖަހައި މުބާރާތުގެ އަނެއް ބުރު ކަށަވަރުވި ކަމަށް ހީކޮށް އުފާފާޅުކުރި ނަމަވެސް، ވީއޭއާރު އިން އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމުމުން އެ އުފާވެރިކަން ގެއްލުނެވެ. އޭގެ ފަހުން ވެސް އަނެއް ބުރަށް ދެވޭތޯ އެހެން ގްރޫޕްތަކުގެ ނަތީޖާއަށް އިންތިޒާރު ކުރަން ޖެހުނެވެ. އަލްޖީރިއާއިން އޮސްޓްރިއާ ކޮޅަށް ފަހުވަގުތު ގޯލެއް ޖެހުމުން އީރާނަށް އުންމީދެއް ލިބުނެވެ. ނަމަވެސް، އިތުރު ވަގުތުގެ 6 ވަނަ މިނެޓުގައި އޮސްޓްރިއާއިން ލަނޑެއް ޖަހައި އެ އުންމީދު ފުނޑުފުނޑުކޮށްލީ އެވެ. ސެނެގާލް އަނެއް ބުރަށް ދިޔައީ ގޯލުގެ ތަފާތުން ކުރި ހޯދައިގެންނެވެ.
މި މުބާރާތް ފެށުނީއްސުރެ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ސިޔާސީ އަދި އަސްކަރީ ހަމަނުޖެހުންތަކުގެ ހިޔަނި ޓީމަށް އޮތީ އެޅިފަ އެވެ. އެމެރިކާއިން އީރާން ޓީމުގެ 12 އޮފިޝަލަކަށް ދަތިކޮށް ވިސާ ނުދިނުމުގެ ސަބަބުން، އެމީހުންގެ ބޭސް ކޭމްޕް އެމެރިކާގެ އެރިޒޯނާއިން މެކްސިކޯގެ ޓިހުއާނާއަށް ބަދަލުކުރަން ޖެހުނެވެ. މެޗުތައް ކުޅެން އެމެރިކާއަށް ދިޔ ނަމަވެސް، އެމެރިކާގެ އިދާރާތަކުން ވަނީ ނަސްލީ ތަފާތުކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ. އޭގެ ތެރޭގައި މެޗު އޮންނަ ދުވަހުގެ ދެދުވަސް ކުރިން އެމެރިކާއަށް އެތެރެވުން މަނާކުރުން ހިމެނެ އެވެ. ފަހު މެޗަށް އެ ފުރުސަތު ދިން ނަމަވެސް، މެޗު ނިމުނުގޮތަށް އަލުން މެކްސިކޯއަށް އެނބުރި ދާން މަޖުބޫރުވި އެވެ.
އެއާޕޯޓަށް ދިޔަ އުމުރުން 19 އަހަރުގެ ދަރިވަރެއް ކަމަށްވާ ނީމާ ނާސިރީ ބުނީ، ޓީމުދެކެ އެންމެން ވެސް ވަރަށް ލޯބިވާ ކަމަށެވެ. "އެމީހުންގެ ކުޅުން ގޯހެއް ނޫން، އެކަމަކު އަހަރެމެންގެ ފުޓްބޯޅަ މިއަށްވުރެ މާ މަތީ ދަރަޖައަކަށް ހައްގު." އޭނާ ބުންޏެވެ.






