އިސްލާމްދީނަކީ އިންސާނީ ކަރާމާތާއި، ހަމަހަމަކަމާއި، އަދި މުޖުތަމަޢުގެ ކޮންމެ ފަރުދަކަށްމެ ޙައްޤުވާ ޤަދަރާއި އިޙްތިރާމް އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދޭ މަތިވެރި ދީނެވެ. ޚާއްސަ ގޮތަކަށް ކުޅެދިފައިވާ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަކީ އެ ފަރާތްތަކުގެ އަގު ވަޒަންކުރަން ނޭނގޭ ފަދަ ޚާއްޞަ ހުނަރުތަކާއި ޤާބިލުކަން ލިބިގެންވާ ބައެކެވެ. އެއީ މުޖުތަމަޢަށް ލިބިފައިވާ ޙަޤީޤީ އިތުރު ބާރެކެވެ. އިސްލާމްދީނުގެ މަތިވެރި އުނގަންނައި ދިނުން ލާޒިމުކުރާ ގޮތުގެ މަތިން، އެފަރާތްތަކަށް ހުރިހާ ގޮތަކުން އިޙްތިރާމާއި ގަދަރު ދޭންޖެހެއެވެ.
ﷲ عز وجل ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހެން ގިނަ ބަޔަކަށް ދެއްވާފައިނުވާ ފަދަ މަތިވެރި ސިފަތަކާއި، ވަރުގަދަ ޢަޒުމާއި ހިތްވަރު ދެއްވާފައި ވެއެވެ. އަދި މުޖުތަމަޢަށް ފައިދާހުރި ކަންކަން ކުރުމުގެ ތައުފީޤު ވެސް އެމީހުންނަށް ދެއްވައެވެ. އެހެންކަމުން އެފަރާތްތަކާ މެދު މާތްﷲ އަށް ބިރުވެތިވުމަށް ގޮވާލެއްވިއެވެ. ސަބަބަކީ އެފަދަ ޚާއްސަ ފަރާތްތަކަކީ އެކަލާނގެ ހެއްދެވި އަޅުންގެ ތެރެއިން އެންމެ ހެޔޮލަފާ މީހުންގެ ތެރެއިންވާ ބައެއްކަމުގައި ވުމެވެ.
ޚާއްސަ ގޮތަށް ކުޅެދިފައިވާ މީހުންގެ ވޭނީ އިޙްސާސްތަކަށް ބަހުން ނުވަތަ ޢަމަލުން ގަނާކލޮށް ފާޑު ކިޔުމަކީ ޝަރުޢީ ގޮތުން މަނާކުރައްވާފައިވާ ކަމެކެވެ. އަދި އެފަދަ ފަރާތްތަކަށް ފުރައްސާރަކުރުމަކީ ޤާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކަމެކެވެ. އެއީ ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން ވެސް ބޮޑުވެގެންވާ ކުށެކެވެ.
ސޫރަތުލް ޙުޖުރާތުގައި ވަޙީކުރައްވާފައިވެއެވެ.
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَسْخَرْ قَوْمٌۭ مِّن قَوْمٍ عَسَىٰٓ أَن يَكُونُوا۟ خَيْرًۭا مِّنْهُمْ وَلَا نِسَآءٌۭ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيْرًۭا مِّنْهُنَّ ۖ وَلَا تَلْمِزُوٓا۟ أَنفُسَكُمْ وَلَا تَنَابَزُوا۟ بِٱلْأَلْقَـٰبِ ۖ بِئْسَ ٱلِٱسْمُ ٱلْفُسُوقُ بَعْدَ ٱلْإِيمَـٰنِ ۚ وَمَن لَّمْ يَتُبْ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ ١١
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقب ތަކުން ނުގޮވާށެވެ! إيمان ވުމަށްފަހު فاسق ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ. (49:11)
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱجْتَنِبُوا۟ كَثِيرًۭا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌۭ ۖ وَلَا تَجَسَّسُوا۟ وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًۭا فَكَرِهْتُمُوهُ ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ تَوَّابٌۭ رَّحِيمٌۭ ١٢
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ. (49:12)
يَـٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَـٰكُم مِّن ذَكَرٍۢ وَأُنثَىٰ وَجَعَلْنَـٰكُمْ شُعُوبًۭا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌۭ ١٣
އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ. (49:13)
މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
إنَّ العَبدَ لَيَتَكَلَّمُ بالكَلِمةِ مِن رِضوانِ اللهِ، لا يُلقي لها بالًا، يَرفَعُه اللهُ بها دَرَجاتٍ، وإنَّ العَبدَ لَيَتَكَلَّمُ بالكَلِمةِ مِن سَخَطِ اللهِ، لا يُلقي لها بالًا، يَهوي بها في جَهَنَّمَ. صحيح البخاري
ހަމަކަށަވަރުން، އަޅާ ﷲ ރުއްސަވާ ފަދަ ބަހެއް ބުނެފާނެއެވެ. އެ ބަހަށް އޭނާ މާބޮޑު ސަމާލުކަމެއް ނުދިން ކަމުގައި ވިޔަސް، އެ ބަހުގެ ސަބަބުން ﷲ އޭނާގެ ދަރަޖަތައް އުފުއްލަވައެވެ. އަދި ހަމަކަށަވަރުން، އަޅާ ﷲ ކޯފާވެވޮޑިގަންނަވާ ފަދަ ބަހެއް ބުނެފާނެއެވެ. އެ ބަހަށް އޭނާ މާބޮޑު ސަމާލުކަމެއް ނުދިން ކަމުގައި ވިޔަސް، އެ ބަހުގެ ސަބަބުން އޭނާ ނަރަކައިގެ ތެރެއަށް ވެއްޓިގެންދެއެވެ.
އަދިވެސް އިތުރު އެހެން ރިވާޔަތެއްގައި صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
إِنَّ الرَّجُلَ لَيَتَكَلَّمُ بِالْكَلِمَةِ مِنْ رِضْوَانِ اللَّهِ مَا كَانَ يَظُنُّ أَنْ تَبْلُغَ مَا بَلَغَتْ، يَكْتُبُ اللَّهُ لَهُ بِهَا رِضْوَانَهُ إِلَى يَوْمِ يَلْقَاهُ، وَإِنَّ الرَّجُلَ لَيَتَكَلَّمُ بِالْكَلِمَةِ مِنْ سَخَطِ اللَّهِ مَا كَانَ يَظُنُّ أَنْ تَبْلُغَ مَا بَلَغَتْ، يَكْتُبُ اللَّهُ عَلَيْهِ بِهَا سَخَطَهُ إِلَى يَوْمِ يَلْقَاهُ (رواه الترمذي وابن ماجه)
ހަމަކަށަވަރުން، މީހަކު ﷲ ރުއްސަވާލައްވާ ފަދަ ބަހެއް ބުނެފާނެއެވެ. އެ ބަސް އެފަދަ މަތިވެރި ދަރަޖައަކަށް ވާޞިލުވެދާނެ ކަމަށް އޭނާ ހީވެސް ނުކުރެއެވެ. ނަމަވެސް އެ ބަހުގެ ސަބަބުން، އޭނާ އެކަލާނގެއާ ބައްދަލުކުރާ ދުވަހަށް ދާންދެން އެކަލާނގެ ރުއްސެވުން އޭނާއަށް ލިޔުއްވައެވެ. އަދި ހަމަކަށަވަރުން، މީހަކު ﷲ ކޯފާވެވޮޑިގަންނަވާ ފަދަ ބަހެއް ބުނެފާނެއެވެ. އެ ބަސް އެފަދަ ނުބައި ދަރަޖައަކަށް ވާޞިލުވެދާނެ ކަމަށް އޭނާ ހީވެސް ނުކުރެއެވެ. ނަމަވެސް އެ ބަހުގެ ސަބަބުން، އޭނާ އެކަލާނގެއާ ބައްދަލުކުރާ ދުވަހަށް ދާންދެން އެކަލާނގެ ކޯފާ އޭނާގެ މައްޗަށް ލިޔުއްވައެވެ.
ﷲ ވަޙީކުރައްވާފައިވެއެވެ.
أَلَمْ تَرَ كَيْفَ ضَرَبَ ٱللَّهُ مَثَلًۭا كَلِمَةًۭ طَيِّبَةًۭ كَشَجَرَةٍۢ طَيِّبَةٍ أَصْلُهَا ثَابِتٌۭ وَفَرْعُهَا فِى ٱلسَّمَآءِ ٢٤
اللَّه، ރަނގަޅު ބަހެއްގެ مثال ޖެއްސެވީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އެއީ، އެ ގަހެއްގެ މޫތައް (ބިމުގައި) ހަރުލާފައި ހުންނަ، އަދި އެ ގަހެއްގެ ގޮފިތައް (ބިޔަކޮށްހެދި) މައްޗަށް އުފުލިފައިވާ ގަހެއްގެ مثال އެވެ. (14:24)
تُؤْتِىٓ أُكُلَهَا كُلَّ حِينٍۭ بِإِذْنِ رَبِّهَا ۗ وَيَضْرِبُ ٱللَّهُ ٱلْأَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ ٢٥
އެ ގަހުގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، ހުރިހާ ހިނދެއްގައި އެ ގަހުގެ މޭވާ ލިބިދެއެވެ. اللَّه، މީސްތަކުންނަށް مثال ޖައްސަވަނީ، އެއުރެން ހަނދުމަކުރުމަށްޓަކައެވެ. (14:25)
وَمَثَلُ كَلِمَةٍ خَبِيثَةٍۢ كَشَجَرَةٍ خَبِيثَةٍ ٱجْتُثَّتْ مِن فَوْقِ ٱلْأَرْضِ مَا لَهَا مِن قَرَارٍۢ ٢٦
އަދި ނުބައި ބަހެއްގެ مثال އަކީ، ބިންމަތިން އުފުރާލި (އަދި) އެ ގަހަކަށް އެއްވެސް ސާބިތުކަމެއްނުވާ، ނުބައި ގަހެއްގެ مثال އެވެ. (14:26)
މުޖުތަމަޢެއްގެ ކުރިއެރުމާއި ބާރަކީ އެކަކު އަނެކަކަށް އަޅާލައި، ޚާއްސަ ގޮތަކަށް ކުޅެދިފައިޥާ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ޤަދަރާއި ޙައްޤުތައް ޙިމާޔަތްކޮށް، އެފަރާތްތަކަކީ މުޖުތަމަޢުގެ ބާރެއްގެ ގޮތުގައި ބަލައިގަތުމެވެ. ﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވައި، ދުލާއި ޢަމަލުން އަނެކުންނަށް އިޙްތިރާމްކުރުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން.







